ވެލާނާ އިންޓަނޭޝަންލް އެއާޕޯޓުގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ހިސާދާރަކަށް އެއާލައިންތައް ވެސް ވާނެކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް މިފަދައިން ވިދާޅުވީ ދުނިޔޭގެ އެކި ސަރަހައްދުތަކުން އޭވިއޭޝަން ދާއިރާގެ އިސް މަންދޫބުން ބައިވެރިވާ އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގަ އެވެ.
ޖުމްލަ 27 އެއަރލައިން އަދި 17 އެއަރޕޯޓްއާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށްވުރެ ގިނަ މަންދޫބުން މި ކޮންގްރެސްގައި ބައިވެރި ވުމަށް ވަނީ ހަމަޖެހިފައެވެ.
އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްގެ އެކި ހަރަކާތްތައް 3 ރިސޯޓެއްގަައި ކުރިއަށް ގެންދާނެއެވެ. އެގޮތުން ކޮންގްރެސްއަށް ވަޑައިގެންނަވާ މަންދޫބުންނަށް މަރުހަބާ ކިޔުމަށް، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި މިއަދު ހަވީރު އިވެންޓެއް ކުރިޔަށް ގެންދިޔަ އެވެ. އެއަށް ފަހު ނެޓްވޯރކިންގެ ޚާއްސަ އިވެންޓެއް ކްރޮސް ރޯޑްސްގެ ސައީ ލެގޫން މޯލްޑިވްސްގައި ކުރިއަށްދާނެއެވެ. އަދި ގޮންގްރެސްގެ ރަސްމީ ބައިތައް އަދި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ކުރުނބާ މޯލްޑިވްސްގައެވެ.
ކޮންފަރެންސްް ފެށުމުގެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ހަމައެކަނި ރާއްޖޭގެ މައި ދޮރާށި ނޫންކަމަށާއި، މިއީ ރާއްޖޭގެ މެހުމާންދާރީއާއި އޭވިއޭޝަން ދާއިރާގެ ރަނގަޅު ހިދުމަތެއްގެ އަލިގަދަ ހެއްކެއް ކަމަށެވެ.
ވީއައިއޭ ތަރައްގީ ކުރުމުގެ މެގަ ޕްރޮޖެކްޓުގެ މަސައްކަތް ފާހަގަކުރައްވައި، ޝަރީފް ވިދާޅުވީ މަސައްކަތް ނިމުމުން ގިނަ އަދަދެއްގެ ފަސިންޖަރުންނަށް އެއްފަހަރާ ހިދުމަތް ދެވޭނެ ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެކްސްޕެންޝަންގެ ޕްރޮޖެކްޓުތަކެއް ކުރިޔަށް ގެންގޮސްފައިވާކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ، އެ މަޝްރޫއުގެ އަމާޒަކީ ހިދުމަތުގެ ފެންވަރއިތުރަށް ވަރުގަދަކޮށް ރަނގަޅު ކުރުން ކަމަށެވެ. މީގެ ސަބަބުން އިތުރުވަމުން އަންނަ ފަސިންޖަރުންގެ ނިސްބަތަށް އެއްވެސް ލަސްވުމެއް ނެތި ހިދުމަތް ދެވޭނެކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އަމާޒަކީ، ވީއައިއޭއަކީ މި ރީޖަނުގެ އެންމެ ރަނގަޅު ހިދުމަތް ދޭ އެއާޕޯޓަށް ހެދުން ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ، ވެސް އިކޮނޮމިކް ހަބްއެއްގެ ގޮތުގައި އެއާޕޯޓު ތަރައްގީ ވެގެން ދިއުންކަން ޝަރީފް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ޝަރީފް ވިދާޅުވީ މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގައި ދިމާވެއްޓަށް ކުރާ އަސަރުތަކަށް ހާއްސަ ސަމާލުކަމެއް ދޭކަމަށެވެ. އެގޮތުން ތިމާވެއްޓާއި ރައްޓެހި، ނިއުބަލް އެނާޖީ ރިސޯސަސްތައް ބޭނުންކޮށްގެން ކާބަން ދަށް ކުރުމަށް މަސައްކަތްތައް ކުރެވޭކަން ޝަރީފް ފާހަގަކުރެއްވި އެވެ.
ޝަރީފް ވިދާޅުވީ ހިދުމަތުގެ ކާމިޔާބީގައި، އެއާލައިންތަކުގެ ވަރަށް ބޮޑު ހިއްސާއެއް އެބައޮތް ކަމަށެވެ. އަދި ރާއްޖެއަކީ ފަތުރުވެރިކަމުގެ ލީޑިން ޑެސްޓިނޭޝަނަކަށް ހެދުމަށް މަސައްކަތް ކުރާއިރު، އެ ކާމިޔާބީ އޮތީ ދުރުގައި ނޫންކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އަމާޒަކީ އެއާޕޯޓަކީ ހަމައެކަނި ބަލާބެލުމަށް ދުނިޔޭގެ ފެންވަރުގެ ތަނަކަށް ހެދުން ނޫންކަމަށާއި، އޭގެ ބަދަލުގައި ހިދުމަތާއި ތަނުގެ ކޮލިޓީ ވެސް އެ ލެވެލްއަށް ގެނައުން ކަމަށެވެ.
ރާއްޖޭގެ ވައިގެ ސިނާއަތަކީ، ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅި ލާމެހިގެން ކުރިއަށްދާ ސިނާއަތަކަށް ވުމާއިއެކު، މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ)އާއި ގުޅިގެން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މި ކޮންގްރެސްގެ ތެރޭގައި މަސައްކަތްތަކެއް ކުރެވިގެން ދާނެއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ދާއިރާތަކާއި ގުޅުންހުރި މައުލޫމާތު ދިނުމަށް ޚާއްސަ ސްޓޯލްއެއް ވަނީ ތައްޔާރުކޮށްފައެވެ.
އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއަކީ ސިނާއަތުގެ އެކިއެކި ފަރާތްތަކާއި ގުޅުންބަދަހި ކުރަން އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ބައްދަލުވުމެކެވެ. މި އިންވެންޓް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ. މިއީ މި ކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ. މި ކޮންގްރެސްއާއި އެކު، މިހާރު ތަރައްޤީވަމުން އަންނަ ރާއްޖޭގެ ވައިގެ ސިނާއަތަށް މުހިންމު ގިނަ ކަންތައްތައް މަގުފަހި ވެގެން ދާނެއެވެ.

