ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިން ބޭއްވުމަކީ ޑިމޮކްރަސީއެއްގެ ސިފައެއްކަމަށާއި ދެ އިންތިހާބުގެ މުއްދަތު އިތުރު ކުރި ނަމަވެސް އެއްކޮށް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ވަގުތެއްގައި، ދައުލަތުގެ ހިންގުމުގެ ނިޒާމަށް ގެންނަ ބަދަލުތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ބައެއް ނިންމެވުންތައް އިއުލާނު ކުރެއްވީ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ހަރުގެ ޖަލްސާއެއްގަ އެވެ.
އެމަނިކުފާނު އިއުލާނު ކުރެއްވި ގޮތުގައި ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުމަށް ނިންމަވާފައި ވާތީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން އޮންނާނެ އެވެ. އަދި ގާނޫނު މިހާރު އޮތް ގޮތުން ކޮންމެ ދައުރަކު ވެސް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އިތުރުވަމުން ދާތީ މަޖިލިސް މެމްބަރުން ލިމިޓު ކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާނެކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން އެއް މަސައްކަތެއް ކުރާ މުވައްސަސާ، ކޮމިޝަންތައް އެއްކޮށް މެމްބަރުންގެ އަދަދު މަދު ކުރުމާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސް މެމްބަރުންގެ އަދަދު މަދު ކުރުން ހިމެނެ އެވެ.
މި ބަދަލުތަކާއި ގުޅޭގޮތުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ފައްޔާޒް ރޭ ވިދާޅުވީ، ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމަށް ބަދަލުތަކާއި އިސްލާހުތައް އަންނަން ޖެހޭކަން އޭނާ ވެސް ގަބޫލު ކުރާކަމަށެވެ. އެހެން ނަމަވެސް އެކަން ކުރަން ޖެހޭނީ، އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހިޔަލާއި މަޝްވަރާ ހޯދައިގެންނެވެ.
ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތު ލިބޭ ހަމައެކަނި ފުރުސަތަކީ އިންތިހާބުތައްކަން ފާހަގަކުރައްވައި ފައްޔާޒް ވިދާޅުވީ، ޑިމޮކްރަސީއެއްގައި ރައްޔިތުންގެ ބަސް އަޑުއަހަން ޖެހޭނެ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަކީ، އެ ދާއިރާއަކަށް ރައްޔިތުން ތަމްސީލު ކުރާ ތަނަށްވުމާއި އެކު، ގެންނަ ކޮންމެ ބަދަލަކާއި މެދު ފުންކޮށް ވިސްނަން ޖެހޭކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އެހެންވީމާ ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބު އެކުއެކީގައި ބޭއްވުމުން ރައްޔިތުންނަށް ފަހަރުގައި އެބަ ފުރުސަތު ގެއްލޭ.. ރިޔާސީ އިންތިހާބުގައި ވިންވާ ބައެއް ޗެކް އެންޑް ބެލެންސް ކުރުމަށް..
ދައުލަތުން ބޮޑު ހޭދައެއް އިންތިހާބުތަކަށް ކުރަން ޖެހުނު ނަމަވެސް، ހަރަދުތައް ބޮޑުކަމަށް ބުނެ އެކަމަށް ބަދަލު ގެނެވިގެން ނުވާނެކަމަށް ފައްޔާޒް ވިދާޅުވި އެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލީހަކީ ދައުލަތް ހިންގުމުގެ ބާރަށްވާއިރު ފައްޔާޒް ވިދާޅުވީ ދައުލަތުގެ ދެ ބާރުގެ އިންތިހާބެއް އެއްފަހަރާ ބޭއްވުން ރަނގަޅުކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
އެހެން ނަމަވެސް ރިޔާސީ އިންތިހާބާއި، ކައުންސިލް އިންތިހާބު އެއްކޮށް ބޭއްވިދާނެކަމަށް ފައްޔާޒް ވިދާޅުވި އެވެ. އޭގެ ސަބަބަކީ ފައްޔާޒް ވިދާޅުވި ގޮތުގައި ކައުންސިލްތަކުން ސަރުކާރާއި ގުޅިގެން އެއްކޮށް މަސައްކަތް ކުރަން ޖެހުމާއި، ކައުންސިލްތައް ހިމެނެނީ ދައުލަތް ހިންގުމުގެ ތެރޭގައިކަމަށް ވާތީ އެވެ.
ފައްޔާޒް އިއްތިފާގުވާ އެއްކަމަކީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ދެމެދު ހަ މަސް ދުވަސް އޮތުމެވެ. އެއީ މާ ކުރު މުއްދަތެއްކަން ފާހަގަކޮށް ވިދާޅުވީ، އެ މުއްދަތު އަހަރަކަށް ބަދަލު ކުރުން ރަނގަޅުކަމަށް ފެންނަކަމަށެވެ.
ދެ އިންތިހާބު އެއްކޮށް ބޭއްވުމުން، ރިޔާސީ ނިޒާމުގެ ޗެކް އެންޑް ބެލެންސްގެ ސިޔާސަތު ގެއްލޭކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ނުފޫޒު އެއްކިބާ ކުރުމުގެ ނަޒަރުން، ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ރަނގަޅު ގޮތްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އަދި ސަރުކާރެއް އިންތިހާބުވާތާ ހަ މަސް ފަހުން ބާއްވާ އެ އިންތިހާބަށް، ސަރުކާރަށް ނުފޫޒު ފޯރުވޭކަމަށް ވެސް ބައެއް މީހުން ދެކެ އެވެ.

