ދައުލަތުގެ މުދަލާއި، މަޤާމާއި، ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަރުވައިފިއެވެ.
ޝަހީމް މިފަދައިން ވިދާޅުވީ ”އެކްސް“ ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. އޭނާގެ ދަރިޔަކު، ނުވަތަ ޢާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ޚިދުމަތްކުރަން އެމީހަކަށް ލިބޭ ފުރުޞަތަކީ ނާޖާއިޒް ގޮތުގައި ހޯދައިދޭނެ ފުރުޞަތެއްނޫންކަމަށް ޝަހީމް ވިދާޅުވިއެވެ.
އޭނާ މިފަދައިން ވިދާޅުވީއިރު، ދަރިފުޅާއި ކޮއްކޮއަށް ސަރުކާރުން މުސާރަ ބޮޑު ސިޔާސީ މަގާމުތަކެއް ދިން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެ ވާހަކަތައް ދައްކާ، ފާޑު ކިޔަމުންނެވެ. ޝަހީމްގެ ދަރިކަލުން މާހިލް ޝަހީމަށް ދިން ކަމަށް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވަނީ މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ތާޑް ސެކެޓަރީކަމެވެ. އަދި ޝަހީމްގެ ކޮއްކޮ އަހުމަދު ޝިފާޒަށް ދީފައިވަނީ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުކަންކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މި ދަނޑިވަޅަކީ ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެ، ހަރަދު ކުޑަ ކުރަން ޖެހިފައި އޮތް ދަނޑިވަޅެކެވެ. ގިނަ ބަޔަކު ދަނީ ސަރުކާރުން ގިނަ އަދަދަކަށް ސިޔާސީ މަގާމުތަށް، ސިޔާސީ ބޭނުމަށް ދޫކޮށްފައިވާކަމުގެ ތުހުމަތު ކުރަމުންނެވެ.
ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވީ ކިތައް މީހުންކަމާއި، އެމީހުންގެ މުސާރައަށް ހަރަދުވާ މިންވަރު ހާމަކުރުމަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށައެޅިއެވެ. ނަމަވެސް މި މައްސަލަ ޕީއެންސީގެ މެޖޯރިޓީއިން ބޭރުކޮށްލާފައިވާއިރު، އަދި މިހާތަނަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު 700 މަތި ނުކުރުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދަކަށްވާއިރު، މިހާރު ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ މަތިވާނެކަމަށް ބައެއް ހޯދުންތަކަށްފަހު މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

