ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި އެންވަޔަރަމަންޓު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފަތިމަތު ޝަމްނާޒް އަލީ ސަލީމް ބަންދުން ދޫކޮށްލައިފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ޖޫން 23 ގައި ހައްޔަރުކުރި އުމުރުން 40 އަހަރުގެ އަންހެން މީހާއާއި 26 އަހަރުގެ އަންހެން މީހާ ބަންދުން ދޫކޮށްލާފައިވާކަމަށެވެ.
އެ ދެ މީހުން ވެސް ބަންދުން ދޫކޮށްލީ، އިތުރަށް ބަންދުގައި ބޭތިއްބުމަށް ނުފެންނާތީކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މައުލޫމާތު ދިން މި މައްސަލައަކީ، ސީރިއަސް ތުހުމަތުތަކެއްކޮށް ދައުލަތުގެ މަގާމެއްގައި ހުއްޓައި ހައްޔަރު ކުރި ޝަމްނާޒާއި އޭނާގެ ކޮއްކޮގެ މައްސަލައެވެ.
މި މައްސަލައިގައި ޝަމްނާޒްއާއިއެކު ޖުމްލަ 3 މީހެއް ހައްޔަރުކުރިއެވެ. ތިން ވަނަ މީހާ ވަނީ މިދިޔަ ހަފްތާގައި ދޫކޮށްލާފަ އެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ މުޙައްމަދު މުއިއްޒަށް ސިހުރު ހެދިކަމުގެ ތުހުމަތު ޝަމްނާޒްގެ މައްޗަށް ކުރެވޭކަމަށް ސޯޝަލް މީޑީއާގައި ވަނީ އަޑު ފެތުރިފައެވެ.
މީގެ ކުރީގައި ޝަމްނާޒް ވަނީ މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުގެ މަގާމު އަދާ ކުރައްވާފައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުންނެވެ.
އެއަށް ފަހު އޭނާ އައްޔަންކުރެއްވީ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. ފަހުން ވަނީ އޭނާ އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވައިފައެވެ. ޝަމްނާޒް ހުރި މަގާމުން ވަކި ކުރީ މި މައްސަލައިގައި ހައްޔަރުކުރި ފަހުންނެވެ.

