ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުހަމް: ދިވެހި ފަންނީ ދާއިރާއިން ޔަގީނުންވެސް ފޮހެވިގެން ނުދާނެ ނަމެއް!

ރިމެމްބަރ މައި ނޭމްގެ ކްލިޕް އާރްޓް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މިއުޒިކާއި އެފަދަ ފަންނީ ދާއިރާތައް ކުރިއެރުވީ ފަންނާނުންގެ އަމިއްލަ ބުރަ މަސައްކަތުންނެވެ. ޝޯތައް ދިނުމަށްޓަކައި ބޮޑެތި ބިޔަ ސްޓޭޖުތަކާއި ލަވަތައް ކުޅުމަށް ގެންގުޅޭ ސާމާނަކީވެސް އެކި އެހެނިހެން ވަޒީފާތައް އަދާކޮށްގެންނާއި މަސައްކަތްތަކުން އާމްދަނީއެއް ހާސިލުކޮށް ދާއިރާއަށް އޮންނަ ލޯބީގެ ސަބަބުން ވި ގުރުބާނީގެ ތެރެއިން ހޯދާފައިވާ ތަކެއްޗާއި ކޮށްފައިވާ މަސައްކަތްތަކެވެ. މިގޮތުން އަބަދުވެސް ރާއްޖޭގައި މި ދާއިރާއަށް ނޭވާ ލީއްސުރެ އެންމެ ބުރަކޮށް ކެރި ނުކުމެ މަސައްކަތްކުރަމުންދާ އެއް ފަންނާނަކީ އަދުހަމްއެވެ. މިއީ ޕާސަނަލް އެކްސްޕީރިއަންސްއެވެ. އެންމެ ފުރަތަމަ ބޭންޑެއް ހަދައި ހަރަކާތްތެރިވި އިރުވެސް ކުރަމުން އައީ ރާއްޖޭގެ މި ދާއިރާއަށް މީހުން ނެރި ކުރިއެރުވުމުގެ މަސައްކަތްތަކެވެ.

ރާއްޖޭގައި އެކި މީހުންނަށް ދާއިރާއިން ފުރުސަތު ހޯދައިދިނުމާއި ދާއިރާގެ ފުރުސަތުތައް ފުޅާކޮށްދިނުމުގައި އަދުހަމް ކޮށްފައިވާ މަސައްކަތްތައް ބަޔަކު މީހުންނަށް ނޭނގުނަސް އަޅުގަނޑަށް އެކަން ކަށަވަރެވެ. ސުކޫލު ހަޔާތުން ފެށިގެންވެސް އެކި މީހުންނަށް ހިތްވަރު ލައިދީ ދަސްކޮށްދީ ފުރުސަތު ފަހިކޮށްދީގެން ކޮޕީ ރާޖުތަކުގައި ތާށިވެފައި ތިބި ދިވެހިންގެ ތެރެއަށް އޮރިޖިނަލް މިއުޒިކު ނެރި ރާއްޖޭގައި މަގުބޫލުކަން ހޯދައި އަޑުއެހުންތެރިންނާއި އެހެނިހެން ފަންނާނުންގެވެސް ލޮއިބާއި ގަދަރު ހާސިލުކުރިއެވެ. މީގެ ކުރިންނާއި މިހާރުވެސް އަމިއްލަ ނަމަށްވުރެ އަދުހަމްގެ ޝައުގު ހުރީ މަސައްކަތްތަށެވެ. ރާއްޖެއަށް ދާއިރާއިން ކުރިއެރުންތަކެއް ހޯދައިދިނުމަށެވެ. އެ ހުވަފެނުގައި މިއަދު ހަގީގަތުގެ ކުލަ ޖެހިއްޖެއެވެ. އަދުހަމްގެ މަސައްކަތްތަކުގެ ސަބަބުން އެހެނިހެން ގައުމުތަކުގެ ނަޒަރު ދިވެހި އާޓިސްޓުންނަށް ހުއްޓިއްޖެއެވެ. ހުނަރަކީ ވަކި ގައުމަކަށް ނިސްބަތްވާ އެއްޗެއް ނޫންކަން ރަނގަޅަށްވެސް ދައްކައިފިއެވެ.

ޝޯއެއްގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ

މިއަދު އަދުހަމް އަކީ ރާއްޖެއަށް މޮޅު ނަމެއް ހޯދައިދީފައިވާ އާޓިސްޓެއެއް ކަމާއިމެދު އެއްވެސް ބަޔަކު ދެބަސް ނުވާނެއެވެ. ފަސް ލައްކައިގެ އާބާދީ ހަމަ ނުވާ ގައުމެއްގައި ކުރި ބުރަ މަސައްކަތްތަކުގެ އަޑު ގަދަވެ، އެންމެ ފަހުން ބޭރު ދުނިޔޭގައިވެސް އެ ހުނަރުގެ ވާހަކަތައް ދެކެވިއްޖެއެވެ. ދުނިޔޭގެ އެންމެ ބައިބޯ އެއް ގައުމުގެކަމަށްވާ އިންޑިއާގައިވެސް މިއަދު އަދުހަމްގެ ލަވަތައް އެބަ ޖަހައެވެ. ރިސޯޓު މިއުޒިކު ސީނުގައި ހުއްޓުމެއް ނެތި ކުރަމުން އައި އިހުލާސްތެރި މަސައްކަތްތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ އިންޑިއާގެ ވިންޑިކްޓިވް ރެކޯޑްސްއިން އަދުހަމް ޖަހައިގަނެގެން ގެންދިއުމެވެ.

އެންމެ ފުރަތަމަވެސް ނެރުނީ ބައިނަލްއަގުވާމީ ފެންވަރުގައި ވީޑިއޯ އަދި އޯޑިއޯވެސް ހުރި ހިތްގައިމު ލަވައެކެވެ. ”ހޯޕް“ ގެ ނަމުގައި އިންޑިއާގެ އާޓިސްޓަކާއިއެކު އަދުހަމް ފީޗާވި މި ލަވައިގައި އަދުހަމްގެ އަޑު އިވި ހަރަކާތްތައް ފެނުނު ކޮންމެ ދިވެއްސަކަވެސް ފަހުރުވެރިވެވޭނެއެވެ. އިނގިރޭސިން ކިޔާލާފައިވާ ލޯބީގެ ލަވައިގައިވެސް އަދުހަމް ވަނީ އެއްވެސް ބަޔަކާއި އަޅާ ދިވެހިން ދެރަ ނުވާނެކަން ދުނިޔެއަށް ކަށަވަރުކޮށްދީފައެވެ. އަމިއްލަ މާދަރީ ބަސް ނޫނަސް އިނގިރޭސި އާޓިސްޓުނާއި ތަފާތެއް ނެތެވެ. ފަސް އަހަރުގެ ކޮންޓްރެކްޓެއް ލިބި، އަދުހަމްގެ ފުރަތަމަ ލަވަ މިއަދު އެތައް ލައްކަ ބަޔަކު އަޑު އަހައިފިއެވެ. ޔޫޓިއުބް ފަދަ ޕްލެޓްފޯމުތަކުން މަންފާއެއް ހާސިލުކުރުމަކީ މީގެ ކުރިން ދިވެހިންނަށް ތެދު ނުކުރެވޭނެ ކަމަށް ގަބޫލުކުރެވިފައި އޮތް ހުވަފެެނެކެވެ. އެ މަގު މިއޮތީ ކޮށިފައެވެ.

މި ހިސާބަކުން ނުނިމެއެވެ. އަޅުގަނޑާއި އަދުހަމްއާއި ބައްދަލުވި ފުރުސަތުގައި ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކޮށްލުމުން، އަދުހަމް ދިނީ ހިތަށް ފިނިކަމެއް ގެނެސްދިން އަޑުއަހާލާ ހިތްވާ ހަނދާން ނުނެތޭނެ ޖަވާބެކެވެ. އަމިއްލަ ނަފްސަށްވުރެ ބޮޑަށް އަދުހަމްގެ ހިތުގަައި އޮތީ ރާއްޖޭގެ އެހެނިހެން ފަންނާނުންނަށް މި ފުރުސަތު ފަހިކޮށްދިނުމުގެ އުންމީދެވެ. ކުރަމުންދާ ކަންކަމުގެ ސަބަބުން ރާއްޖޭގެ އެހެން އާޓިސްޓުންނަށްވެސް ބޭރު ގައުމުތަކުގައި ފަންނާނުން ހާސިލުކުރަމުންދާފަދަ ކާމިޔާބީތަކާއި އާމްދަނީއެއް ހޯދޭނެ މަގު ފަހިކުރުމަށްޓަކައި ގަަދަ އަޅާ މަސައްކަތްކުރާނެކަމަށް ބުންޏެވެ. އަދި ކޮންމެ އާޓިސްޓަކަށްވެސް ދުލެއް ނުދީ މަސައްކަތްތަކުގައި ދެމި ހުރެއްޖެ ހާލަތެއްގައި އޭނާއަށް ދެވުނު މަގުން ނުދެވޭނެ އެެއްވެސް ސަބަބެއް ނެތްކަމަށްވެސް ގަބޫލުކުރާކަން އަދުހަމް ހިއްސާކުރިއެވެ. އެ ދިއްލާލަދެނީ އުންމީދުގެ ދަންމަރެވެ!

އަދުހަމް ފޯރިގަދަ ބާސްކެޓު މެޗެއްގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ

މިހާރު ދެވަނަ ލަވަ ނުކުމެއްޖެއެވެ. މި ލަވައަށް ކިޔަނީ ”ރިމެމްބަރ މައި ނޭމް“ އެވެ. މި ލަވަ ވަރަށްވެސް ހާއްސައެވެ. އަދުހަމްއަކީ ލަވަ ކިޔުމާއި މިއުޒިކް ކުޅުމުގެ އިތުރުން ރާއްޖޭގެ ކުޅިވަރު ދާއިރާގައިވެސް ފިޔަޖަހަމުންދާ ތަރިއެކެވެ. ބާސްކެޓްބޯލްގެ ދާއިރާގައި ގައުމީ ފެންވަރުގައި އަދުހަމްއަކީ އެންމެ ނަން މަޝްހޫރު އެއް ކުޅުންތެރިޔާއެވެ. ރިމެމްބަރ މައި ނޭމްގައި އޭނާ ދައްކަމުންދަނީ އެ ހަޔާތުގައި ކުރިމަތިވެގެންދިޔަ ގޮންޖެހުންތަކާއި އެކަމުން އަރައިގަތުމުގައި ނުގުޑާ ހިތްވަރެއްގެ މުހިންމު ކަމުގެ ވާހަކައެކެވެ. އަދުހަމް ކިޔައިދިނީ އުސޫލެއްގެ މަތިން ދިރިއުޅުން ބައްޓަންކުރުމުގެ މުހިންމު ކަމުގެ ވާހަކައެވެ. ދައްކަމުންދަނީ ޒުވާނުންނަށް މުހިންމު މިސާލުތަކެކެވެ. ރިމެމްބަރ މައި ނޭމްގައި އަދުހަމް ހިއްސާކޮށްފައިވަނީ ހަޔާތުގެ އަޑިގަނޑުތަކާއި އުސްގަނޑުތަކާއި އެ ދެމެދުގައި ކުރެވުނު ހިތި އަދި ފޮނި ތަޖުރިބާތަކެވެ.

އަދުހަމް ޝޯއެއްގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ

ރިމެމްބަރ މައި ނޭމްއިން ދެމުންދަނީ ފައިސާގެ ބާރަށްވުރެ ހިތްވަރާއި އިހުލާސްތެރި މަަސައްކަތްތަކުގެ އަގު މަތިވާނެކަމުގެ ޔަގީންކަމެވެ. އަދި އާއިލާގެ ހާލަތަށް ހިތްބުރަކަމެއް ނެތި ގާތްތިމާގެ މީހުންގެ އުންމީދުތަކުގެ މަތީގައި ދެމިހުރުމާއި އެއް އުންމީދުތައް ނަގާނުލުމުގެ ނަތީޖާއަކީ ކާމިޔާބުކަންވެސް އަދުހަމްވަނީ ސާފުކޮށް ލަވައިގައި ބަޔާންކޮށްދީފައެވެ. މިއަށްވުރެ ފުރިހަމަ ވާނީ ލަވަ އަޑުއަހާލުމުންނެވެ.

ރިމެމްބަރ މައި ނޭމްގައި އަދުހަމްވަނީ ކުރިމަތިވެގެންދިޔަ ހުރަސްތައް ގިރާކުރުމުގައި އެހީއެއް ނެތި އެތައް ކަމެއް ނަފްސަށް ކުރަން ޖެހޭނެކަންވެސް ފާހަގަކޮށްފައެވެ. އެހެން ނަމަވެސް ހިތްވަރު އެލުވާލައި ހުއްޓުމަކަށް އައުމުގެ ބަދަލުގައި އަބަދުވެސް ދިޔައީ ކުރިއަށް ކަމަށާއި ހަޔާތް ދިރިއުޅެމުން އައިސްފައިވަނީ އެއްވެސް ވަރަކަށް ފަސް އެނބުރި ބެލުމެއް ނެތި ކުރިމަގުގެ އުޖާލާކަމުގެ ފުރިހަމަ އުންމީދާއިއެކުކަންވެސް ލަވައިގެ ލިރިކްސްއިން އެނގިގެންދެއެވެ. މިއީ އަޑު އަހާ ކޮންމެ މީހެއްގެ ހިތުގައިވެސް އާރޯކަމާއި ތާޒާކަން ޖައްސާނެ ލަވައެކެވެ.

ޔަގީނުންވެސް އަދުހަމްގެ ނަން ދިވެހި މިއުޒިކް އިންޑަސްޓްރީއިން ދެން ފުހެވިގެން ނުދާނެއެވެ. އޭނާވާނީ ކޮންމެއަކަސް ދިވެހިންނަށް މިވަރަށް ބައިނަލްއަގުވާމީ މާކެޓު ފުޅާކޮށްދިން މީހާއަށެވެ. ކުޑަކުޑަ ދިވެހިރާއްޖެއިން ރޮކެޓެއްހެން އަރައިގެން ދިޔަ އަދުހަމްގެ މިސްރާބު ހުރީ ބައިނަލްއަގުވާމީ މާކެޓުގައި އެންމެ މަގުބޫލު މިއުޒިކް ސްޓައިލްގެ އާޓިސްޓުންނާއި ވާދަކުރުމާއި ދިމާލަށެވެ. ހޯދަމުން އައިސްފައިވާ ކާމިޔާބީތަކަށް ބެލުމުން މިހާރު ކުރަމުންދާ މަސައްކަތްތަކަކީވެސް ރާއްޖެއަށާއި ދާއިރާއަށް ގިނަ މަންފާތަކެއް ހާސިލުވެގެންދާ މަސައްކަތްތަކެއް ކަން ކަށަވަރެވެ. ފެނިގެން މިދަނީ ދިވެހިންނަށް މިހާރަށްވުރެވެސް ފަހި މާދަމާއެއްގެ އަލިވިލުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: