މިވަގުތަށް ފީސަބަލްކަމެއްގެ ގޮތުގައި ނުބެލެވޭތީ އެސްޓީއޯއިން ފެށި ފުށް ފެކްޓްރީގެ މަސައްކަތް ކުރިޔަށް ނުގެންދިއުމަށް ބޯޑުން ނިންމާފައިވާކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީގައި ފުށް ފެކްޓްރީއެއް ހެދުމަށް ނިންމައި، އެކަމުގެ މަސައްކަތްތަކެއް ކުރިޔަށް ގެންދިޔައީ ކުރީ ސަރުކާރުންނެވެ. އެ ވިސްނުން އައު މެނޭޖްމަންޓުން ވެސް ގެންގުޅޭތޯ ހިއްސާދާރަކު، ކުރި ސުވާލަށް ޝިމާދު ވިދާޅުވީ ކުންފުނީގެ ބޯޑާއި އެކު މަޝްވަރާ ކުރުމަށް ފަހު ފުށް ފެކްޓްރީގެ މަސައްކަތް ކުރިޔަށް ނުގެންދިއުމަށް ނިންމާފައިވާކަމަށެވެ.
އެގޮތަށް ނިންމި ސަބަބެއްކަމަށް ޝިމާދު ވިދާޅުވީ، ފުށް ފެކްޓްރީއަކީ ފައިދާވާނެ ކުންފުންޏެއްކަމަށް ނުބެލެވެތީ އެވެ. ފީސިބިލިޓީއަށް ބަލައި، އެއީ ކުރިޔަށް ގެންދެވިދާނެ މަސައްކަތެއްކަމަށް ނުފެންނާތީ ފުށް ފެކްޓްރީގެ މަސައްކަތް ކުރިޔަށް ނުގެންދިއުމަށް ބޯޑުން ނިންމީކަމަށް ޝިމާދު ވިދާޅުވި އެވެ.
ރާއްޖޭގައި ފުށް ފެކްޓްރީއެއް ހެދުމުގެ މަސައްކަތް އެސްޓީއޯއިން ކުރަން ފެށީ 2021 ވަނަ އަހަރު އެވެ. އޭރު ކުންފުނިން ބުނީ، ފުށް ފެކްޓްރީ މެދުވެރިކޮށް އަމާޒަކީ ރާއްޖޭގައި ފުޑް ސެކިއުރިޓީ ހޯދައިދިނުން ކަމަށެވެ.
ކުޅުދުއްފުށީގައި ފުށާއި، ހަނޑޫ ބަންދު ކުރާ ފެކްޓްރީގެ އަމަލީ މަސައްކަތް ފެށުމަށް ކުންފުނިން 2022 ވަނަ އަހަރުގެ ތެރޭގައި ވެސް ތައްޔާރުވި އެވެ. އެގޮތުން ފެކްޓްރީގެ ދިރާސާތައް ކުރުމަށް، ބޭރުގެ ކޮންސަލްޓެންޓުންނާއި ހަވާލުކޮށް މަޝްރޫއުގެ ކާމިޔާބުކަން ކަށަވަރު ކުރުމަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކޮންސަލްޓެންޓުންނާއި ގުޅިގެން މަސައްކަތް ކުރަން ފަށައި އެކަން ކުންފުނިން މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ.

