ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމަށް ގެއްލުން ދީ، މަންފާ ނެގި މީހުން ހޯދައި ފިޔަވަޅު އަޅަން ޖެހޭ: މުސްތަފާ

ޕީއެންސީ ހަރުގޭގައި އޮތް ޖަލްސާ- ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ 60 ބިލިއަން ރުފިޔާއިން ޑެފިސިޓު ކުރުމަށް ފަހު، އަމިއްލަ ޖީބަށް ފައިދާވާ ގޮތަށް މަންފާ ނެގި މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅަން ޖެހޭކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައްޖޭއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެކަމަށް ބަލައި އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ ފިޗުގެ ރޭޓިން މި އަހަރު ޓްރިޕަލް ސީ ޕްލަސްއަށް ދަށް ކުރުމުން ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމައި ސަރުކާރުން ވަނީ އިއުލާނު ކުރައްވާފަ އެވެ. އަދި އިގްތިސާދާއި ގުޅުން ހުރި މުހިންމު ބިލުތަކެއްގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ދަނީ ކުރިޔަށެވެ. ރާއްޖޭގެ ޖުމްލަ ދަރަނި 120 ބިލިއަނަށް އަރާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޖުމްލަ ދަރަނި 90 ބިލިއަނުން މައްޗަށް އަރާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ޕީއެންސީ ހަރުގޭގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި މުސްތަފާ ވިދާޅުވީ މިއަދު ކޮންމެ ދިވެހި ރައްޔިތަކު ވެސް ގައުމު އޮތް ހާލަތާއި މެދު ވިސްނައި ފިކުރު ކުރަން ޖެހޭކަމަށެވެ. މިއީ އެންމެން އެއް މިސްރާބަކަށް މަސައްކަތްކޮށް، ގައުމުގެ އިގްތިސާދު ހަމަ މަގަށް އަޅުވަންވީ ވަގުތުކަން ފާހަގަކުރައްވައި މުސްތަފާ ވިދާޅުވީ އެއްވެސް އެއްވުމެއް ނުވަތަ ބައްދަލުވުމަކާއި ޖަލްސާއެއްގެ ބޭނުމަކީ ސިޔާސީ ގޮތުން ހަމަޖެހުން ނަގާލުންކަމަށް ވެގެން ނުވާނެކަމަށެވެ.

ގައުމުގެ އިގްތިސާދަކީ، މައި ތަނބަށްވާއިރު އެ ދާއިރާ ރަނގަޅު ނުވެ ކުރިޔަށް ނުދެވޭނެކަމަށް މުސްތަފާ ވިދާޅުވި އެވެ. އަދި ގައުމުގެ ހާލަތަށް ކަންބޮޑުވެ އެމްޑީޕީގެ މެމްބަރުން ވާހަކަ ދައްކާއިރު، މިއަދު މިހާހިސާބަށް އަންނަން ޖެހުނީ އެ ޕާޓީގެ އިހުމާލުގެ ސަބަބުންކަމަށް މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ގައުމަށް ހިޔާނާތްތެރިވެ، ގައުމު ފުން އަނދަވަޅަކަށް ވައްޓާލީ ދެން އިތުރު ދައުރެއް ނުލިބޭނެހެން ހީވާން ފެށުމުންކަމަށެވެ. އަދި ވެރިކަމުގެ ދައުރު ނިންމާލުގެ ކުރިޔަށް ދެން އައު ދައުރަކާއި ހަވާލުވާނެ ރައީސުލްޖުމްހޫރިއްޔާއަށް ދަތިވާ ގޮތަށް އެތައް އަމަލެއް ހިންގާފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މި ބަދަ ފުނޑާލި ބަޔަކު، މި ބަދަ ޗިސްޗިސްކޮށްލި ބަޔަކު، އައިސީޔޫއަށް ލައި ބޭއްވި ބަޔަކު ގައުމު ރަނގަޅު ކުރުމުގެ ވާހަކަ ދެއްކުން އަޅުގަނޑުމެން ބަލައެއްނުގަންނަން.. ބަލައިގަނެވޭނެކަމެއް ނޫން.. އިއްޔެ ބަޔަކު އަޅުގަނޑުމެންގެ ގައުމަށް ހިޔާނާތްތެރިވި، ހިޔާނާތުގެ ފުން ހިތާމަ އަޅުގަނޑުމެން ކުރަމުން މިދަނީ.. ކޮންކަހަލަ ނުބައި ފައްތަރަކަށްތޯ ގައުމު ވައްޓާލީ.. ތިމަންނާމެންނަށް ވެރިކަން ނުލިބުނީމާ، ޓައިމް ބޮމްތަކެއް ހަދާފައި، އެ ޓައިމް ބޮންތައް އެކި މަސް މަހު ގޮވައިގެން ދާގޮތަށް ދިޔައީ…

މުސްތަފާ ވިދާޅުވީ އިގްތިސާދު ރަނގަޅު ކުރުމަށް ގޮވާލައި، ނުވަތަ މިދިޔަ ހަތް މަސް ދުވަހު ކުރެވުނީ ކީއްތޯ އެމްޑީޕީން ސުވާލު އުފައްދަމުންދާކަމަށެވެ. އެކަމަކު އެބޭފުޅުންނަކީ ގައުމަށް ގައްދާރުވެ ތިބި ބައެއްކަން ނޭނގެނީތޯ މުސްތަފާ ސުވާލު އުފެއްދި އެވެ.

މިއަދު ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ކާމިޔާބުވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް މުސްތަފާ ވިދާޅުވި އެވެ.

މީގެއިތުރުން މުސްތަފާ ވިދާޅުވީ، މިދިޔަ ފަސް އަހަރުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައި ހުރި ޕްރޮޖެކްޓުތައް ބަލަން ޖެހޭކަމަށެވެ. އަދި ގައުމު ބޮޑު އަދަދުކުން ޑެފިސިޓް ކުރުމަށް ފަހު، އަމިއްލަ ޖީބަށް މަންފާވާ ގޮތަށް އުޅުނު މީހުންގެ މައްސަލަ ހައްޔަރުކޮށްގެން ވެސް ބަލަން ޖެހޭކަމަށް މުސްތަފާ ވިދާޅުވި އެވެ.

މިވޭތުވެ ދިޔަ ސަރުކާރުގައި ހިންގާފައި ހުރި މިފަދަ އެތައް ޕްރޮޖެކްޓެއް އަޅުގަނޑުމެން އެބަޖެހޭ އަކުރުން އަކުރަށް ފިއްޔަށް ބަލައި އެބަޖެހޭ ހޯދަން.. ކޮންބައެއްގެ ޖީބަށްތޯ  އެ ފައިސާތައް ވަނީ.. 60 ބިލިއަންގެ ޑެފިސިޓެއް އަޅުގަނޑުމެންގެ ސަރުކާރަށް ގެނައިއިރުކޮށްދިނީ ކޮންކަމެއްތޯ.. އެ މީހުން ހައްޔަރުކޮށް ގެނެސް އުލު ބައިންދައިގެން ވިޔަސް އެކަންކަން ބަލަން އެބަޖެހޭ…

މުސްތަފާ ވިދާޅުވީ ގައުމު ދެކެ ލޯބިވާކަމަށް ދެއްކި ބައެއް ލީޑަރުން ވެސް މިއަދު އަމަލު ކުރައްވަނީ އެ ބަހާއި އެއްގޮތަށް ނޫންކަމަށެވެ. އަދި އެބޭފުޅުން ދައްކާ ވާހަކައެއް، މިއަދު ގަބޫލު ކުރެވޭނެ ގޮތެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަރަދުތައް ކުޑަކުޑުރުމަށް ސިޔާސީ ބައެއް މަގާމުތައް މަދުކޮށް، އިވެންޓު ޖަލްސާތައް ވެސް މަޑުޖައްސާލައި ހަރަދުތައް މެނޭޖު ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަން އިއުލާނު ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: