އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއިއެކު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސޮއިކޮށް ހެދި އެކްސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ހޯދުމަށް ދައުވާ ނުކުރެވޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހައިކޯޓުގައި ބުނެފި އެވެ.
މިއީ އޭސީސީ އާއި އެކު ރައީސް ޔާމީން ސޮއިކުރެއްވި އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށް ފަހު ވެސް އެކައުންޓަށް ފައިސާ ޖަމާކޮށް ނުދީ ހިފަހައްޓާފައިވާކަމަށް ބުނެ އެމަނިކުފާނުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެވެ. މި އެއް މިލިއަން ޑޮލަރަކީ ރައީސް ޔާމީންގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓެއްގައި ހުއްޓައި ގއ. ވޮޑަމުއްލާގެ ތަހުގީގަށް އޭސީސީ މެދުވެރިވެގެން ބީއެމްއެލްގައި ހުޅުވި އެކްސްކްރޯ އެކައުންޓަށް 2018، ޖޫން 10 ގައި ޖަމާކުރި ފައިސާ އެވެ. އެ މައްސަލައިގައި ހެދި އެކްސްކްރޯ އެއްބަސްވުމުގައި ވާގޮތުން އެކައުންޓު ހުޅުވާތާ އެއް އަހަރުގެ ތެރޭގައި އެއީ ދައުލަތުގެ ފައިސާކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ އަނބުރާ ފައިސާ ޖަމާކޮށްދޭން ޖެހޭނެ އެވެ.
އެއްބަސްވުމުގެ މުއްދަތު ވަނީ 2019، ޖޫންގައި ހަމަވެފަ އެވެ.
ފައިސާ ދޫކޮށްފައި ނުވާތީ ރައީސް ޔާމީން އެ ފައިސާ އަނބުރާ ހޯދުމަށާއި ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާ ކުރީ ބީއެމްއެލްގެ އިތުރުން އޭސީސީއާއި ދެކޮޅަށެވެ. މައްސަލައިގައި ބީއެމްއެލް ބުނެފައި ވަނީ އެ ބޭންކުގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެކަމަކު އެ މައްސަލައިގައި، ދައުވާ ކުރެވޭނެކަމަށް ސިވިލް ކޯޓުން ނިންމުން ބޭންކުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރީ އެވެ.
ހައިކޯޓުގައި މިއަދު ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ބީއެމްއެލްގެ ވަކީލުން ވިދާޅުވެފައި ވަނީ އެއްބަސްވުން ހަދާފައި ވަނީ ރައީސް ޔާމީނާއި އޭސީސީ ދެމެދު ކަމަށެވެ. އެހެންކަމުން އެ ބޭންކަކީ އެ މުއާމަލާތުގެ ބައިވެރިއެއް ނޫންކަން ފާހަގަކުރި އެވެ. އަދި ބޭންކުގެ މައްޗަށް ދައުވާ ވެސް ނުކުރެވޭނެކަމަށް ބުންޏެވެ.
ދައުވާ ނުކުރެވޭނެކަމަށް ބީއެމްއެލް ބުނެފައި ވަނީ އެއީ ކޮންޓްރެކްޓުގައި ނުހިމެނޭ ބައިވެރިއަކަށް ވާތީ އެވެ.
ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި ރައީސް ޔާމިން އެދިވަޑައިގެންފައި ވަނީ ފައިސާ ބޭންކުން ހިފަހައްޓާފައި ވަނީ އެކްސްކްރޯ އެއްބަސްވުމާ ހިލާފަށްކަމަށް ކަނޑައަޅައިދޭންށެވެ. އަދި އޭގެ ސަބަބުން ލިބުނު ގެއްލުމަށް ބަދަލެއްގެ ގޮތުގައި އެ ފައިސާ ނަގައިދިނުމަށާއި އިންވެސްޓްމެންޓު އެކައުންޓުގައި ފައިސާ ހުރި ނަމަ ލިބޭނެކަމަށް އަންދާޒާ ކުރެވޭ އަދަދު ނަގައިދޭންށެވެ.
މި މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހު ސިވިލް ކޯޓުން ނިންމާފައި ވަނީ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ އެ ދައުވާ ހުށަހެޅުމަށް ނުވަތަ ކުރިޔަށް ގެންދިއުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

