އިގްތިސާދީ މުހިންމު މަޝްވަރާތަކަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު ހިމެނިވަޑައިގަންނަވާ ގޮތަށް ތިން ވަޒީރެއް ޗައިނާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ފަސް ދުވަހުގެ މި ދަތުރުފުޅާއި ގުޅޭ މައުލޫމާތުތައް އާންމުކޮށް ފޮރިން މިނިސްޓްރީން ބުނީ، އެ ވުޒާރާގެ ވަޒީރުގެ އިތުރުން މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވާނީ ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީގުއާއި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ކަމަށެވެ.
ޗައިނާގެ ފޮރިން މިނިސްޓަރ ވަންގ ޔީގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި، ރާއްޖޭގެ އިގްތިސާދާއި ގުޅުން ހުރި މުހިންމު މަޝްވަރާތައް ކުރާނެކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގައި އިސް ދައުރެއް މީގެ ކުރިން އަދާކުރި އެ ގައުމުގެ ކުންފުނިތަކާއި ވެސް ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅުގެ ކުރިޔަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޗައިނާގެ ސަފީރު ވަން ލިޒިން ވަނީ ކުރިޔަށް ގެންދަވާފަ އެވެ. ބައްދަލުވުމުގައި ޗައިނާ ސަފީރު ވަނީ ރާއްޖޭން މިވަގުތަށް އެންމެ ބޭނުންވާނެ ކަންކަން ފަރާތްޕުޅުން އޮޅުންފިލުވައި އެކަންކަން ކޮށްދިނުމަށް ޗައިނާ ސަރުކާރަށް ވެވެންއޮތް އެހީތެރިކަމަކާއި، އެއްބާރުލުމެއް ދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެއާ ޗައިނާ އާދެމެދު އޮންނަ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ސަފީރު ވަނީ ޗައިނާގެ ރައީސް ރާއްޖެއާއި މެދު ބަހައްޓަވާ ހާއްސަ ގާތްކަމާއި ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ދެ ޤައުމު ގުޅިގެން ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ޗައިނާއިން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި އެކު، ރާއްޖެއިން ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.
މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ހުރިހާ ޤައުމަކާ ގުޅިގެން، ވަޒަން ހަމަކޮށް ހަލުވި، ބާރުމިނުގައި ޤައުމު ތަރައްޤީކުރުމަށް މަސައްކަތްކުރުމެވެ.

