ދިވެހިރާއްޖޭގައި ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވި، އަތް ނުފޯރާ ފަށަށް ކަންކަން ގޯސްވާން މެދުވެރިވީ ކުރީގައި މިކަމަށް އެއްވެސް އާޅާލުމެއް ނުދިނުމުގެ ސަބަބުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ނާރެސް އިފްތިތާހު ކުރުމާއި އޮޕަރޭޝަން ކުރަނގި ފޭސް ދޭއް ފެށުމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގަ އެވެ. މި ހަފްލާގައި ރައީސާއި އެކު ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްގެ އިތުރުން ކެބިނެޓު ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ކުރަނގި އޮޕަރޭޝަން ހިންގެވުމުގައި އެންމެ އިސް ޒިންމާއެއް ނަންގަވާ ހޯމް މިނިސްޓަރ އަލީ އިހުސާނާއި ބިދޭސީންގެ މައްސަލައިގެ ޓާސްކްފޯސްގައި ހިމެނޭ އިމިގްރޭޝަން ކޮންޓްރޯލާރ ޝައްމާން ވަހީދު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މިއަދު އިފްތިތާހު ކުރެވޭ މި ހިދުމަތާއި އެކު ގައުމުގެ މިނިވަންކަން ޔަގީން ކުރުމަށް ކުރެވޭ މަސައްކަތަށް އަނެއްކާވެސް އިތުރު ކާމިޔާބީއެއް ލިބިގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެ ގައުމެއްގައި، ސީދާ އެ ގައުމަށް ނިސްބަތް ނުވާ ބަޔަކު އެއްވެސް ލިޔެކިއުމެއް ނުވަތަ ކޮން ބައެއްކަން ނޭނގި ދިރިއުޅެމުން ދިއުމުގެ ސަބަބުން ނިކުންނާނެ ގޯސް ނަތީޖާތަކެއް ހުންނާނެ ކަމަށެވެ. އަދި ބައެއް ފަހަރަށް މިފަދަ ކަންކަން އެއީ މިނިވަންކަމަށް ބުރޫއަރާނެ ސަބަބުތައްކަމަށް ރައީސް ވިދާޅުވި އެވެ.
ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވި، އަތް ނުފޯރާ ފަށަށް ދިޔައީ ރައީސް ވިދާޅުވި ގޮތުގައި ކުރީގައި މިކަމަށް މާބޮޑު ސަމާލުކަމެއް އަދި އަޅާލުމެއް ނުދެވި އޮތުމުގެ ސަބަބުންނެވެ. އެކަމަކު މިހާރު ކުރެވޭ މަސައްކަތުގެ ތެރެއިން، މައުލޫމާތުތައް އެއް ކުރެވި އުންމީދަކީ އޮޕަރޭޝަނަށް ކާމިޔާބު ލިބިގެން ދިއުންކަމަށް ރައީސް ވިދާޅުވި އެވެ.
މި ގައުމުގަ އެތައް ހާސް، އެތައް ލައްކައެއް.. އަދަދު ވެސް ނޭނގޭހާ ބޭރު މީހުން މަސައްކަތް ކުރަމުން ދާ ވާހަކަ އަބަދުވެސް މި އަޑުއަހަނީ.. ގައުމެއްގެ މިނިވަންކަމަށް ބުރޫ އަރާކަންކަމުގެ ތެރޭގައި އެ ގައުމުގައި، އެ ގައުމެއްގެ ނޫން ބަޔަކު ދިރިއުޅެމުން ދާނަމަ އެ ބަޔަކައި ބެހޭ މައުލޫމާތު ނޭނގޭ ނަމަ އެކަން ވެގެން ދާނެ.. މިދިޔަ ދުވަސްތަކުގައި މިކަމަށް އެކަށީގެންވާ ހައްލެއް ނައިސް އޮތީމައި، މިއަދު މިހާ ހިސާބަށް މިކަން އައިސް މިއޮތީ
ރައީސް ވިދާޅުވީ ބިދޭސީންގެ މައުލޫމާތުތައް އެއްކުރާއިރު އެ މީހުންގެ ތެރޭގައި ހުއްދަ އޮވެގެންނާއި ގަވައިދާއި ހިލާފަށް އުޅެމުން ދަނީ ކޮން ބައެއްކަން އެނގިގެން ދާނެ ކަމަށެވެ. އަދި އެ ބިދޭސީން އަލުން އަނބުރާ ފޮނުވާލުމުގެ މަސައްކަތާއި އެކު ލިޔެކިއުން ބޭނުންވާ ބައެއް ނަމަ އެ އިންތިޒާމު ވެސް ހަމަޖެހިގެން ދާނެކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި މަސައްކަތުގައި ކައުންސިލްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ އުންމީދު ކުރައްވާ ކަމަށެވެ.
ރާއްޖޭގެ ދިރިއުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް ގާއިމުކުރުމަކީ ހޯމް މިނިސްޓްރީ، ބިދޭސީންނާ ގުޅޭ މައްސަލަތައް ޙައްލުކުރުމަށްޓަކާ ފައްޓާފައިވާ އެންމެ ބޮޑު މަސައްކަތެކެވެ.
މި ޕްރޮގްރާމްގައި ހުރިހާ ދާއިރާތަކެއްގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެކި ފޭސްތަކަކަށް ބަހާލައިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލު ހޯދުމުގެ މަގުސަދުގައި ފެށި މި އޮޕަރޭޝަންގެ ފުރަތަމަ މަރުހަލާގައި، ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރި ނަމަވެސް އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ފަހިކޮށްދެވޭނެ އެވެ.
މިނިސްޓްރީން ބުނެފައި ވަނީ ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާ ނިމުމަށްފަހު ރަސްމީ ލިޔެކިޔުން ނެތި، ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނެއް ހަދައި، ގައުމުތަކުގެ އެމްބަސީތަކާއި ގުޅިގެން އެމީހުން އަނބުރާ ގައުމަށް ފޮނުވާލެވޭނެކަމަށެވެ.

