ޗައިނީސް އެކަޑެމީ އޮފް ސައިންގެ ދަށުން ހިނގަމުންދާ އިންސްޓިޓިއުޓް އޮފް އިލެކްޓްރިކަލް އިންޖިނިއަރިން އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް ގުޅިގެން ލައިޓްނިން ޑިޓެކްޝަން ސިސްޓަމެއް ރާއްޖޭގައި ފުރަތަމަފަހަރަށް ޤާއިމުކޮށްފިއެވެ.
މިކަމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓްގައާއި ގަން އިންޓަނޭޝަނަލް އެއަޕޯޓްގައި ވަނީ ލޯންގްރޭންޖް ލައިޓްނިންގް ޑިޓެކްޝަން އިކްވިޕްމެންޓް ބަހައްޓާފައެވެ. ރާއްޖޭގެ މި ނިޒާމު، ސަރަޙައްދީ ވިއުގައާއި ގުޅާލުމުން ރާއްޖެއާއި ރާއްޖޭގެ ވަށައިގެން ވާ ސަރަޙައްދަށް އަންނަ ވިދާ ގުގުރުމުގެ ހާދިސާތައް ވަގުތުން ވަގުތައް ދެނެގަނެވޭނެއެވެ. މި ވިއުގަ އިތުރަށް ތަރައްޤީކުރުމަށް ޝޯޓްރޭންޖް ލައިޓްނިންގް ޑިޓެކްޝަން އިކްވިޕްމެންޓް ހަރުކުރުމުގެ މަސައްކަތްވެސް އަދި ފަހުން ކުރިއަށް ގެންދެވޭނެއެވެ.
ވިދާ ގުގުރާ ހޮނު އެޅުމުގެ ސަބަބުން އެންމެ ގިނައިން ހަލާކުވަނީ އިލެކްޓްރިކް، އިލެކްޓްރޯނިކްސް އަދި މުވާސަލާތީ އާލާތްތަކެވެ. އަދި ބައެއްފަހަރު އެހެނިހެން ތަކެއްޗަށާއި މުދަލާއި ފުރާނަޔަށް ބޮޑެތި ގެއްލުންލިބިފައި ވެއެވެ. އޭގެއިތުރުން، ވައިގެ ދަތުރުފަތުރާއި ކަނޑު ދަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އޭގެ އަސަރު ކުރުވައެވެ.
ލައިޓްނިން ޑިޓެކްޝަން ނެޓްވޯކް އެއްކޮށް ޤާއިމުކޮށް ނިމުމުން، ވިދާގުގުރުމުގެ އެކިމަރުހަލާތައް ތަފާތުކޮށް ވަގުތުން ބަލައިލެވޭނެއެވެ. އަދި ވިދުވަރާއި ގުޅިފައިވާ ކޮޅިގަނޑު ދަތުރުކުރާ މިސްރާބު ދެނެގަނެވި ކުރިއަށް ލަފާކުރުމާއި ދުރާލާ ދެވޭ އިންޒާރުގެ ސައްޙަކަން އިތުރުވެގެންދާނެއެވެ. އަދި، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އިންޓަނޭޝަނަލް ސިވިލްއޭވިއޭޝަނާއި ރާއްޖޭގެ ސިވިލް އޭވިޝަން ރެގިއުލޭޝަން ނަމްބަރު 3 އާއި އެއްގޮތްވާގޮތުގެ މަތިން ނެރެންޖެހޭ މޫސުމީ ސަމާލު (SIGMET) އަދި ފޯކާސްޓް (TREND) ތަކުގެ އެކިޔުރެސީ ވަރަށްބޮޑަށް މަތިވެގެން ދާނެއެވެ.

