2025 ވަނަ އަހަރުން ފެށިގެން ޔޫތް މިނިސްޓްރީގެ ބަޖެޓުން އާޓިސްޓުންގެ މަސައްކަތްތައް ކުރިއެރުވުމަށް، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ގްރާންޓްގެ ގޮތުގައި ދޫކުރުމަށް، 25 މިލިއަން ރުފިޔާ ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއިން، އިންތިޒާމްކޮށްގެން ބާއްވާ ”އަންވެއިލިންގ ވިޜަންސް 2024“ މައުރަޒު ބައްލަވައިލެއްވުމަށްފަހު ކުރިއަށްދިޔަ ހަފުލާގައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ނޭޝަނަލް އާޓް ގެލަރީގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން އާޓިސްޓުންގެ ހުނަރު ކުރިއެރުވުމަށް ފުރިހަމަ އެއްބާރުލުން ދެއްވައި މެނިފެސްޓޯގައިވާގޮތަށް މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އާޓިސްޓުންގެ ކުރެހުންތައް ވިއްކޭނެ މަގުތައް ތަނަވަސްކޮށްދެއްވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް އެމަނިކުފާނު ހިއްސާކުރެއްވި އެވެ.
ރައީސް ވަނީ ސަރުކާރުން އާޓިސްޓުންގެ ހުނަރު ތަރައްޤީކުރުމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ.
މީގެ އިތުރުން އާޓިސްޓުންގެ ހުނަރު ދައްކާލުމަށާއި އެ ހުނަރު ތަރައްގީ ކުރުމަށް ޖާގައިގެ ގޮތުން ތަނަވަސް ވަކި ތަނެއް ހުޅުމާލޭގައި ތަރައްގީ ކުރައްވާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މައުރަޒުތައް ބޭއްވޭނެ ގޮތްތައް ތަނަވަސްކޮށްދެއްވައި، ބައިނަލްއަޤްވާމީ ފޯރަމް ތަކުގައިވެސް އާޓިސްޓުންގެ ހުނަރު ދެއްކުމަށް ސަރުކާރުން މަގުފަހިކޮށްދޭނެކަމަށް ރައީސް ވިދާޅުވި އެވެ.
އާޓިސްޓުންގެ ގިނަ ކަންބޮޑުވުންތައް ހުރިއިރު، ސަރުކާރުން ވަނީ ކޮޕީރައިޓްސް ގާނޫނެއް ގެނައުމުގެ މަސައްކަތް ވެސް ފަށާފަ އެވެ. އެގޮތުން ބިލުގެ ފުރަތަމަ މަރުހަލާ ނިމި، މަޝްވަރާއަށް ވަނީ ކޮމިޓީ މަރުހަލާއަށް ފޮނުވާފަ އެވެ. އަދި ކޮމިޓީން ބިލަށް އާންމުންގެ ހިޔާލު ހޯދުމަށް ވެސް ވަނީ ހުޅުވާލާފަ އެވެ.
ނެޝަނަލް އާޓް ގެލަރީގައި ކުރިޔަށް ގެންދިޔަ ”އަންވެއިލިންގ ވިޒަންސް 2024“ މައުރަޒަށް، އެކި ކުރެހުންތެރިން 200 އަށް ވުރެ ގިނަ ހުށަހެޅުން ފޮނުވާފައިވެއެވެ. އޭގެތެރެއިން މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ) އިން ބެލުމަށް ފަހު މި މައުރަޒަށް ހޮވާފައިވަނީ 105 ކުރެހުންތެރިންގެ މަސައްކަތްތަކެވެ.
މި މަރުރަޒުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާން އާޓިސްޓުން ބައިވެރިވި އެވެ.
ރާއްޖޭގެ ކުރެހުންތެރިންގެ ހުނަރު ދައްކާލުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ މި މައުރަޒު ބާއްވާތާ މިއީ 7 ވަނަ އަހަރެވެ.

