ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ވަނަ ފަރާތްތަކެއްގެ މައުލޫމާތު ހިމެނޭތީ ސޯލިހުގެ އެމެރިކާ ދަތުރުގެ ރަސީދުތައް ދޭން ނުޖެހޭ: ދައުލަތް

އދ. އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އދ. ގައި ތަގުރީރު ކުރެއްވުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރުމަށް ހައިކޯޓުން އަންގާފައި ވަނީ ގޯސްކޮށްކަމަށް ދައުލަތުން ބުނެފި އެވެ.

މިއީ ރައީސް ސޯލިހު އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި 2022 ވަނަ އަހަރު ތަގުރީރު ކުރެއްވުމަށް ކުރެއްވި ދަތުރުގައި ސަރުކާރުގެ ވަފުދުގެ ހަރަދުތަކުގެ ތަފްސީލު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނުގެ އޮފީހަށް ހުށަހެޅި މައްސަލަ އެކެވެ. އެ މައުލޫމާތުތައް ހާމަކުރުމަށް އިކޮމްއިން އެންގުމުން، ދައުލަތުން އެކަމަށް ދެކޮޅު ހަދައި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކޯޓުން އެ ނިންމުމަށް ތާއީދު ކުރި އެވެ. އެހެންވެ ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ސަރުކާރުގަ އެވެ.

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިރު ހުށަހެޅި އެ މައްސަލައިގައި އެދިފައި ވަނީ ދަތުރުގައި ބައިވެރިވި މީހުންގެ އަދަދާއި، ދަތުރުގައި އެ ބަޔަކު ބައިވެރިވި ހައިސިއްޔަތު އަދި ހަރަދުތަކުގެ ވަކިވަކި ތަފްސީލުތައް އެނގޭނެހެން، ރިސިޕްޓްތައް ހޯދުމަށެވެ.

މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި ދައުލަތުން ބުނެފައި ވަނީ، ރައީސް ސޯލިހުގެ އެމެރިކާ ދަތުރުގެ ހަރަދުތައް ރިސިޕްޓްތައް ވެސް ހިމެނޭހެން މައުލޫމާތުތައް އާންމު ކުރަން ޖެހޭކަމަށް ހައިކޯޓުގައި ނިންމުމަކީ ގާނޫނާއި އެއްގޮތަށް ނިންމި ނިންމުމެއް ނޫންކަމަށެވެ. އަދި ރިސިޕްޓްތަކާއި ނުލައި ވެސް އެ މައުލޫމާތުތައް ހާމަކުރެވިދާނެކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން ތަކުރާރުކޮށް ބުނެފައި ވަނީ، މައުލޫމާތުތައް ހާމަކުރުމަށް، ރިސިޕްޓްތައް އާންމު ކުރަން ނުޖެހޭކަމަށެވެ. އެކަން ފާހަގަކޮށް ދައުލަތުން ބުނީ، ރިސިޕްޓްތަކުގައި ހުރި މައުލޫމާތުތައް އެހެން ލިއުމެއްގައި ވެސް ދެވިދާނެކަމަށެވެ.

ރައްދުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނީ ސީދާ ރިސިޕްޓްތައް ބޭނުން ވަނީ މައުލޫމާތުތައް ކަށަވަރު ކުރުމަށް ކަމަށެވެ. އަދި އެ މައުލޫމާތުތައް ދިނުމަށް ދައުލަތުން ދެކޮޅު ހަދަމުން އައިސްފައި ވަނީ، ތިންވަނަ ފަރާތެއްގެ މައުލޫމާތުތައް އޭގައި ހިމެނޭތީއާއި ސަލާމަތީ ސަބަބުތަކެއްގެ ސަބަބުންކަމަށް ކުރިން ކޯޓުގައި ބުނެފައިވާކަމަށް އައިކޮމްއިން ފާހަގަކުރި އެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުން ވަނީ ރިސިޕްޓް މައުލޫމާތުތައް އެހެން ލިއުމެއްގައި ދިނުމުން ސައްހަކަން ކަށަވަރު ކުރެވިދާނެތޯ ސުވާލު ކުރައްވާފަ އެވެ. އަދި ދައުލަތުން ބުނާ ތިން ވަނަ ފަރާތުގެ މައުލޫމާތުތަކަކީ ކޮބައިތޯއާއި ގެއްލެނީ ކޮން ހައްގެއްތޯ ސުވާލު ކުރެއްވި އެވެ.

މީގެއިތުރުން ބެންޗުން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މި މައްސަލަ ސުޕްރީމް ކޯޓަށް ބެލިދާނެތޯ ސުވާލުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސެއިނެވެ. މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ޝުޖޫންއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: