ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ)ގެ މިއަހަރުގެ އިނާމު ދިނުމުގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
ސީ.އެޗް.އެސް.އީގައި ބޭއްވި މިހަފުލާގައި ސީ.އެޗް.އެސް.އީ އިން އެކި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްފައިވާއިރު 1ވަނަ ހޯދި ދަރިވަރުންނަށް މިހަފުލާގައި އިނާމު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާ މުޙައްމަދެވެ.
ސީ.އެޗް.އެސް.އީ.އަށް 45 އަހަރު ފުރުމާއި ގުޅިގެން މި މަހުގެ 3 ވަނަ ދުވަހު ބޭއްވި ޚާއްޞަ އެސެމްބްލީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މަތީ ޘާނަވީއަށް ކިޔަވަން ބޭނުންވާ ހުރިހާ ކުދިންނަށް މާލޭގައާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ ފުރުޞަތުތައް ސަރުކާރުން އިތުރުކުރެއްވުމަށް ނިންމަވާފައިވާކަމުގައި ވިދާޅުވެފައެވެ. އޭގެ ތެރޭގައި މަތީ ޘާނަވީއަށް ކިޔެވުމުގެ އިންތިޒާމު ފުރަ މާލޭގައި މިއަހަރު ސަރުކާރުން އަލުން ހަމަޖައްސެވުމަށް ނިންމަވާފައިވާކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ސީ.އެޗް.އެސް.އީ ގައި މިހާރު ޖުމްލަ 1073 ދަރިވަރުން އަންނަނީ ތަޢުލީމު ހާސިލުކުރަމުންނެވެ.

