ހުރިހާ ބާވަތްތަކެއްގެ ކުށްތަކުގެ މައްސަލައިގައި ޒާތީ މުއާމަލާތްތައް އިންޓަރސެޕްޓު ކުރުމަށް ފުރުސަތު ލިބިގެން ނުވާނެކަމަށް ގަބޫލުކުރައްވާކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ހުސްނީ ވިދާޅުވީ، ޖިނާއީ އިޖުރާއަތަށް ގެނައުމަށް މަސައްކަތްކުރަމުންދާ އިސްލާހުތަކާއި ގުޅިގެން ދެ މީހަކު ދެމެދު ކުރެވޭ ޒާތީ މުއާމަލާތްތައް ހުރުމަތްތެރިކުރެވިފައި އޮތް އޮތުމަށް އަސަރުކޮށްފާނެކަމާއިމެދު ބައެއް މެމްބަރު ސުވާލު އުފައްދަވާފައިވާކަމަށެވެ.
އޭނާ ވިދާޅުވީ، ކޮންމެ ކޮންމެ ކުށަކާއި ގުޅިގެން އަނެކާ ދެމެދު ކުރެވޭ މުއާމަލާތްތައް ބަލާ ކަންކަން ކުރުމަށް ފުރުސަތު ދެވިގެން ނުވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. ހުސްނީ ވިދާޅުވީ، ހުށައަޅާފައިވާ އިސްލާހަށް ބަލާއިރު، ޒާތީ މުއާމަލާތްތައް އިންޓަރސެޕްޓުކުރުމަށް ފުލުހުންނަށް ފުރުސަތު ލިބިގެންދަނީ ވަކި ބާވަތެއްގެ ކުށްތަކެއްގައި ފެނިގެންދާކަމަށެވެ. އޭނާ ވިދާޅުވީ ސުވާލު އުފެދިގެންދަނީ ސައިބަރކްރައިމް ފަދަ މައްސަލަތަކުގައިވެސް އިންޓަރސެޕްޓުކުރުމަށް ހުއްދަކޮށްފައިވާއިރު ސިޔާސީ ބޭނުމެއްގައި ތަހުގީގީ އިދާރާތަކުން އެކަމުގެ ނާޖާއިޒް ފައިދާ ނެގުމުގެ ކަންބޮޑުވުން އޮތުމުންކަމަށްވެސް ވިދާޅުވިއެވެ.
ހުސްނީ ވިދާޅުވީ، ހުށައަޅާފައި އޮތީ ތަހުގީގީ އިދާރާއިން ބޭނުންވުމުން ކޯޓަށް ހުށައަޅައިގެން އިންޓަރސެޕްޓް ކުރެވޭ ގޮތަށް ނޫންކަމަށާއި އޮތީ ވަކި މިންވަރަކަށް ހެކި ހުށައަޅައިގެން ކޯޓުން އަމުރެއް ހޯދައިގެންކަމަށެވެ. އަދި މިގޮތަކަށް ލިބިދޭ ކޯޓު އަމުރެއްގެ ދަށުންވެސް އެކަމެއް ކުރެވެންޖޭހޭނީ ބަޔާންކޮށްފައިވާ ހުދޫދެއްގެ ތެރެއިންކަމަށް ގަބޫލުކުރައްވާކަމަށާއި ލިބިދޭ ބާރުގެ ނަހަމަ ބޭނުންކުރާ އޮފިސަރުންނާއިމެދުވެސް ހަރުކަށި ފިޔަވަޅު އެޅެންވާނެކަމަށް ގަބޫލުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

