ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ސަރުކާރަށް ލިބިފައި ހުންނަ މިފަދަ ބާރުތައް ދޫކޮށްލުމުގައި ވެސް ވިސްނަން ޖެހޭ ކަންތައްތައް ހުންނަނެކަމަށް ދެކޭކަމަށް ޕީއެންސީގެ ޕާލިމަންޓު ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިފަދައިން ވިދާޅުވީ ޖިނާއީ ކުށެއް ސާބިތުވެ، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ވެސް އިސްތިއުނާފު މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން ދޫކުރެވޭ ގޮތަށް ޖިނާއީ އިޖުރައާތުގެ ގާނޫނަށް އިސްލާހަށް ބަހުސް ކުރައްވަމުން ދެެއްކެވި ވާހަކައިގަ އެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މި އިސްލާހަށް ތާއީދު ކުރައްވައި ފަލާހު މިއީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކު އެ މަރުހަލާގެ ތެރޭގައި ކަފާލާތުގެ ދަށުން ދޫކުރެވޭނެ ހާލަތްތައް ބަޔާން ކުރާނެ ގާނޫނެއް ކަމަށެވެ. ފަލާހު ވިދާޅުވީ ގާނޫނީ ގޮތުން ބޭނުންވާ އެތައް އިސްލާހެއް އޮތީ މިދިޔަ ފަސް އަހަރު އޮތީ ނުގެނެވިކަމަށާއި، ސަރުކާރުން ބޭނުންވަނީ ރައްޔިތުންނާއި ގުޅުން ހުރި މުހިންމު ކަންކަމުގައި ރައްޔިތުންގެ ކަންބޮޑުވުންތއް ހައްލު ކުރުމަށް ކަމަށެވެ.
ފަލާހު ވިދާޅުވީ ގާނޫނު އޮތް ގޮތުން ލުއިތަކެއް ދެވެން ނެތް އިރު، ގާނޫނީ ބާގަނޑުތަކަށް ކުރީ ސަރުކާރުން ޖާގަ ދީގެން ތިބީ ކޮރަޕްޝަނަށް މަގުފަހި ކުރަންކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ކޮންމެ މުވައްސަސާއަކުން ވެސް ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރެވޭނެ ނިޒާމު އެކި ގޮތްގޮތުން ގެންނަމުން ދާނެކަމަށް ފަލާހު ވިދާޅުވި އެވެ.
ޖުޑިޝަރީ ދާއިރާގެ އިސްލާހުގެ ހުވަފެން މިދިޔަ ފަސް އަހަރު ރައްޔިތުންނަށް ދެއްކުމަށް ފަހު އެމްޑީޕީއަށް ގެނެވުނީ ކޮން ބަދަލެއްތޯ ފަލާހު ސުވާލު އުފެއްދި އެވެ. އަދި ޖުޑިޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުން ވެސް އެއީ ހަމައެކަނި ދެއްކި ވާހަކައެއްކަމަށް ސިފަ ކުރި އެވެ. މި ސަރުކާރުގެ ވިސްނުމަކީ ވެސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރުންކަމަށްވާއިރު ފަލާހު ވަނީ މިހާރު މަސައްކަތް ކުރާ ގޮތުން ރައްޔިތުން ނުރުހޭ ކަންކަން އެބަހުރިކަމަށެވެ. އެގޮތުން ޖޭއެސްސީގައި މަޖިލިސް ރައީސް ހުންނެވުން ފާހަގަކޮށް ފަލާހު ވިދާޅުވީ، މި ސަރުކާރުން މިހާރު ވެސް ބާކައުންސިލްގައި ބަންޑާރަ ނައިބު އިންނަވާތީ ގާނޫނަށް އެ ބަދަލު ގެނައުމަށް ގާނޫނީފަންނުގެ ގާނޫނަށް އިސްލާހު ހުށަހަޅާފައިވާކަމަށެވެ.
އިއްޔެގަ މިތަނުގައި ބަހުސް ކުރެވިގެން ދިޔަ، ބާ ކައުންސިލަށް މީގެކުރީގައި ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުން ފަރާތުން ބަންޑާރަ ނައިބު މި ހުންނަނީ ފޮނުވާފައި، ކޮންމެވެސް ނުފޫޒެއް ފޯރުވަން ވެގެން.. ކޮންމެސް ނުފޫޒެއް ބާރެއް ފޯރުވަން ވެގެން.. އެހެން ނަމަވެސް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅެއް ނުވޭ އެމަނިކުފާނުގެ ފަރާތުން ކޮންމެހެން އަމިއްލަފުޅަށް އައްޔަނު ކުރާކަށް..
ބާރުތައް ދޫކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ވިސްނަން ޖެހޭ ކަންތަކެއް ހުންނާނެކަމަށް އިއްޔެގެ ޖަލްސާގައި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވެފައި ވާތީ އެކަމަށް ފަލާހު ތާއީދު ކުރެއްވި އެވެ. އެހެން ނަމަވެސް އެކަމުގެ މާ ބޮޑު ތަފްސީލެއް ނުދެއްވަ އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިން ކޮމިޓީން ބަންޑާރަ ނައިބު އުނި ކުރުމަށް ހުށަހަޅާފައިވާ އިސްލާހަށް ދެކޮޅު ހައްދަވައި ގާސިމް ވިދާޅުވީ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބު ހިމެނޭހެން ހަތް މެމްބަރުން ތިއްބެވި އިރު އެންމެ ބޭފުޅެއްގެ ސަބަބުން ނުފޫޒު ނުފޯރާނެކަމަށެވެ. އަދި ބަންޑާރަ ނައިބު އެ ކޮމިޓީގައި ހުންނެވުމުން މަސައްކަތްތައް ދާނީ، ގޯހުން ގޯހަށްކަމަށް ގަބޫލު ނުކުރެވޭކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގާނޫނީ ގޮތުން ކިތަންމެ ބަދަލުތަކެއް ގެނެސް، އުސޫލުތައް އިސްލާހު ކުރި ނަމަވެސް ނުފޫޒު ފޯރުވުމަށް ބޭނުންވާ ވެރިއެއް އެ މީހަކު ބޭނުންވާ ނަތީޖާ ނެރޭނެ ގޮތެއް ހޯދާނެކަމަށެވެ. ގާސިމް ވިދާޅުވީ ހުރިހާ ބާރުވެރިކަމެއް ދޫކުރުމަކީ، އިސްލާހުގެ މަގަށް އޮތް ގޮތެއް ނޫންކަމަށެވެ. ފަލާހު ފާހަގަކުރެއްވީ، ގާސިމްގެ އެ ނުކުތާއެވެ.
އެހެން ނަމަވެސް އަޅުގަނޑު މިތަނުގައި ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާލަން ބޭނުން މިތަނުގައި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިއްޔެ ވެސް އެ ވިދާޅުވި ފަދައިން، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ސަރުކާރަށް ލިބިފައި ހުންނަ މިފަދަ ބާރުތައް ދޫކޮށްލައްވާއިރުގައި ވެސް ވިސްނަން ޖެހޭ ކަންތައްތައް ހުންނަނެ.. މިސާލަކަށް ޖޭއެސްސީ އިސްލާހު ކުރާއިރުގައި މަޖިލީހުގެ ރައީސް އެބަ ޖޭއެސްސީގައި އިންނަވާ..
ފަލާހު ވިދާޅުވީ މި ސަރުކާރުން 200 އަށް ވުރެ ގިނަ ބިލު މަޖިލީހަށް ހުށަހެޅުމަށް ގަސްތުކުރާކަމާށާއި، އޭގެ ސަބަބުން މަންފާ ވާނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ.

