ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ފުޑް ޓަރަކް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ފުޑް ޓްރަކް ހިންގުމަށް ހުށަހެޅުމަށް ހުޅުވާލައި އެޗްޑީސީން ކުރި އިއުލާނުގައި ބުނެފައި ވަނީ ފުޑް ޓްރަކްތައް ހިންގާނީ ”ފިކްސްޑް ފީ“ މޮޑެލްއެއްގައިކަމަށެވެ. އެހެން ނަމަވެސް އެ ނޫން މޮޑެލްތަކަށް ވެސް އީއޯއައި ހުށަހެޅިދާނެކަމަށް އެޗްޑީސީން ބުންޏެވެ.
މި ފުޑް ޓްރަކްތައް ހިންގުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގެ 12 ސަރަހައްދެއްގަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފެރީ ޓާމިނަލްއާއި އެސްޓީއޯ ހޮޓެލް ސަރަހައްދު އަދި ސެންޓްރަލް ޕާކާއި ފެހިރެސް ޕާކުގެ އިތުރުން ވޯޓާތީމް ޕާކާއި ފުޓްބޯޅަ ސްޓޭޑިއަމް ސަރަހައްދު އަދި ފަހިވެނި ކޮމިއުނިޓީ ސެންޓަރ އާއި އެޗްޑީސީ ހެޑް އޮފީހެވެ. މީގެއިތުރުން ރެހެންދި ސްކޫލް، ހުޅުމާލެ ރުއްގަނޑު 1، އަދި 2 އާއި ރެޑްބުލް ޕާކު ހިމެނެ އެވެ.
އެޗްޑީސީން ބުނެފައި ވަނީ އެއް ފަރާތަކަށް ވުރެ ގިނައިން، އީއޯއައި ހުށަހަޅައިފި ނަމަ އެޗްޑީސީގެ މާސްޓަރ ޕްލޭންއާއި އެއްގޮތަށް އެ ހިދުމަތް ފޯރުކޮށްދެވޭނެ ބަޔަލު ހޮވާނެކަމަށެވެ.
ފުޑް ޓަރަކްގެ މޮޑެލްތައް ތަރައްގީ ކުރަން ޖެހެނީ އެޗްޑީސީގެ އިއުލާނުގައި ހިމަނާފައިވާ ގޮތަށެވެ. އަދި ޓްރަކުގައި ވިއްކާ ކާބޯތަކެތި އެޗްޕީއޭގެ ގައިޑްލައިންތަކަށް ފެތެން ޖެހޭނެ އެވެ.

