ރ. އުނގޫފާރުގައި ކުދިންތަކެއް ކަރަންޓުގައި ޖެހި އެއްކުއްޖަކު ނިޔާވި މައްސަލައިގައި ފެނަކަ 50،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 23 މެއި 2024 ވަނަ ދުވަހު މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި ހިނގައިދިޔަ ހިތާމަވެރި ހާދިސާގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިބުނީ މީސް މީޑިއާގެ ޒަރިއްއާއިން 24 މެއި 2024 ވަނަ ދުވަހު ކަމަށެވެ. އެ މައުލޫމާތު ލިބުމާ ގުޅިގެން ހަމަ އެ ދުވަހު އެ އޮތޯރިޓީން މައްސަލައިގެ ތަހްޤީޤު ފަށާފައިވާ ކަމަށް ވަނީ ބުނެފައެވެ.
ޔޫ.އާރު.އޭ އިން ވަނީ ކަން ހިނގައިދިޔަ ގޮތާއި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލުންނާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ސާފުކޮށްފައި ކަމަށްވެސް ވަނީ ބުނެފައެވެ. މި މައްސަލަ ދިމާވަން މެދުވެރިވި ސަބަބަކީ، މަގު ބައްތިތަކުގައި ހުންނަންޖެހޭ ސަލާމަތީ އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނޭ އާރތު ލީކް ސަރކިޓް ބްރޭކަރ (އީ.އެލް.ސީ.ބީ) އާއި މިނިއޭޗަރ ސަރކިޓް ބްރޭކަރ (އެމް.ސީ.ބީ) ހަރުކުރެވިފައިވާނުވާ މަގު ބައްތިތަކަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަރަންޓު ދީފައިވުމުން ކަން މައްސަލައިގެ ތަޙްޤީގުން ފާހަގަވެފައިވާ ކަމަށް ޔޫ.އާރު.އޭ އިން ވަނީ ބުނެފައެވެ.
ޔޫ.އާރު.އޭ އިން ކުރި ތަޙްޤީގުން ފެނަކަ ކޯޕަރޭޝަން ލިމިޓަޑުން ކަރަންޓުގެ ޚިދުމަތް ދެމުންގެންދާ ވަރަށް ގިނަ ރަށްތަކުގެ މަގު ބައްތިތަކުގައި އާރތު ލީކް ސަރކިޓް ބްރޭކަރ (އީ.އެލް.ސީ.ބީ) ހަރުކުރެވިފައެއް ނުވާކަމަށް ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
އުނގޫފާރުގައި ހިތާމަވެރި ހާދިސާ ހިނގަން ދިމާވެފައިވާ މައިގަނޑު ސަބަބަކީ އެ ރަށުގެ މަގުބައްތިތަކަށް ކަރަންޓް ދިނުމުގައި ހުންނަންޖެހޭ ސަލާމަތީ ކަންކަމާމެދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިހުމާލުވުމުން ކަމުގައި ޔޫ.އާރު.އޭ ގެ ތަހުގީގުން ސާބިތުވާކަމަށް އެ އެތޯރިޓީން ވަނީ ބުނެފައެވެ. އެހެންކަމުން ޤާނޫނު ނަންބަރު: 2020/26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން 50,000/- (ފަންސާސް ހާސް ރުފިޔާ) އިން 22 ޖުލައި 2024 ގައި ފެނަކަ ޖޫރިމަނާކޮށް މި ޖޫރިމަނާގެ ފައިސާ ސަރުކާރު ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ އޮތޯރިޓީއަށް ދެއްކުމަށް ފެނަކައަށް އަންގާފައިވާ ކަމަށް ވަނީ ބުނެފައެވެ.
މީގެއިތުރުން މިފަދަ ހާދިސާތަކުން ރައްކާތެރި ވުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ތެރެއިން، މަގު ބައްތި ތަކުގައި އާރތު ލީކް ސަރކިޓް ބްރޭކަރ (އީ.އެލް.ސީ.ބީ) އާއި މިނިއޭޗަރ ސަރކިޓް ބްރޭކަރ (އެމް.ސީ.ބީ) ހަރުނުކޮށް ހުރި ނަމަ، އެ ތަކެތި ސަރުކާރު ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހަރުކޮށް މަގު ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، އަދި މި މުދައްތުތެރޭގައި އެކަން އިސްލާހު ނުކުރެވިއްޖެނަމަ، އެކަންކޮށް ނިމެންދެން މަގުބައްތިތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލުމަށް އެ އޮތޯރިޓީން ވާނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އަންގާފައި ކަމަށްވެސް ވަނީ އަންގާފައެވެ.

