ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙައްޤު ގޮތުގައި ރިޒްޤު ހޯދަން މަސައްކަތްކުރާ މީހާ، ﷲގެ މަގުގައި ޖިހާދުކުރާ މީހެއް ފަދަ: ޚުތުބާ

ލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރަނީ ފޮޓޯ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ޙައްޤު ގޮތުގައި ރިޒްޤު ހޯދަން މަސައްކަތްކުރާ މީހާ، ﷲގެ މަގުގައި ޖިހާދުކުރާ މީހެއް ފަދަ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ، ރިޒްޤު ހޯދުމަށް ޓަކައި މަސައްކަތްކުރުމަކީ، ﷲ އެކަލާނގެ މަޚްލޫޤާތުންގެ ކިބައިގައި ލައްވައިފައިވާ ފިޠުރީ ކަމެއް ކަމަށެެވެ. އަދި ރިޒްޤު ހޯދުމުގައި ކާމިޔާބު މީހަކީ، މާތް ﷲއާ ވަކީލުކޮށް، އެކަލާނގެ ޙަޟްރަތުން ތައުފީޤު ލިބުން އެދި، މަސައްކަތް ކޮށްގެން އޭނާގެ ޙަޔާތް އާރާސްތުކުރާ މީހާ ކަމަށެވެ.

މިއަދު ދިރިއުޅުމުގެ ވައްޓަފާޅި މުޅީން ބަދަލުވެފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ، މީސްތަކުންގެ މުހުތާދުތައް ގިނަވެފައިވާ ކަމަށެވެ. މި ކަމުގެ ސަބަބުން ކުރަންޖެހޭ ހޭދަތައް ބޮޑުވެ، އާމްދަނީ އިތުރުކުރަން ޖެހޭ ކަން ފާހަގަކޮށްފައިވެއެވެ. ޚުތުބާގައި ބުނީ މުއުމިނުން ދަންނަން ޖެހޭނެ އެއް ކަމަކީ، މާތް ﷲ ކޮންމެ އެއްޗެއް ވެސް ހައްދަވާ އިރު، އެ އެއްޗެއްގެ ރިޒްޤު ކަނޑައަޅުއްވާކަން ކަމަށެވެ. ނަމަވެސް ލިބޭ މިންވަރަށް ބޭނުންތައް ބަހައިލައިގެން ހޭދަކުރުމުގައި އިޤްތިޞާދުކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އަހުރެމެން ﷲގެ ފޮތަށާއި، ކީރިތި ރަސޫލާ ގެ ސުންނަތަށް ބަލައިފި ނަމަ، ރިޒްޤު ހޯދުމުގައި އޮތް ރަނގަޅު ގޮތް ފެންނާނެއެވެ. އެއީ މާތް ﷲއަށް ބިރުވެތިވެ ތަޤުވާވެރިވުމާއި ވަކީލުކުރުމެވެ. މާތް ﷲ ވަޙީކުރައްވައިފައި ބަސްފުޅެއްގެއް މާނައިގައިވެއެވެ. ”އަދި الله އަށް ތަޤްވާވެރިވާ މީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީ ވެސް ނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒުޤޫ ދެއްވާނެތެވެ. އަދި اللهއަށް ވަކީލު ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ.“

ޚުތުބާގައި ބުނީ ރިޒްޤު ތަނަވަސްކޮށްދެއްވައި، ރިޒްޤުގައި ބަރަކާތްލައްވާ ކަންތައްތަކުގެ ތެރޭގައި ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުން ހިމެނޭ ކަމަށެވެ. އަދި ރިޒްޤު ހޯދަން އެދޭ މީހާ، ހީވާގިކަމާ އެކު، މަސައްކަތް ކުރަން ޖެހޭނެ ކަމަށާ ޙައްޤު ގޮތުގައި ރިޒްޤު ހޯދާން މަސައްކަތްކުރާ މީހާ، ﷲގެ މަގުގައި ޖިހާދުކުރާ މީހެއް ފަދަ ކަމަށް ޚުތުބާގައި ބުންޏެވެ. ޚުތުބާގައި ބުނީ އޭނާއަށް ﷲ ރިޒުޤު ތަނަވަސްކޮށް ދެއްވާނެ ކަމަށެވެ.

ޢީސާގެފާނާއިގެން ރައްކައުވެވަޑައިގަތުމުގެ ވޭންވަރު އައި ނާޒުކު ދަނޑިވަޅުގައި ވެސް، މާތް ﷲ މަރްޔަމްގެފާނަށް އަމުރުކުރެއްވީ ކަދުރު ރުކުގެ ގަސްގަނޑު ހަލުވައިލެއްވުމަށެވެ. ރުކުގައި ހުރި ކަދުރު ބިންނެވުމަށް ޓަކައި މަސައްކަތް ކުރެއްވުމަށެވެ. މާތް ﷲ މަރްޔަމުގެފާނަށް ވަޙީކުރައްވައިފައި ވެއެވެ. މާނައީ: ”އަދި ކަމަނާއާ ދިމާޔަށް ކަދުރު ރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ! އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ.“ އެކަލާނގެ އިރާދަކުރައްވައިފި ނަމަ މަސައްކަތަކާ ނުލައި، އެ ކަމަނާގެ އަރިހަށް އެ ކަދުރު ގެންނަވައިފީހެވެ. އެހެންކަމުން މި އާޔަތުން އަހަރެމެންނަށް އެނގެނީ، މަސައްކަތް ކޮށްގެން ރިޒްޤު ހޯދުމަކީ، ﷲ އެދިވޮޑިގެންވާ ގޮތްކަމެވެ.

އިސްލާމް ދީނުގައި މަސައްކަތަކީ އަޅުކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ﷲ ގެ ޙަޟްރަތުގައި ވެސް އަދި ދުނިޔޭގެ ނަޒަރުގައި ވެސް މަސައްކަތްކުރާ މީހާއާއި މަސައްކަތްނުކުރާ މީހާ ހަމަހަމަވެގެންނެއް ނުވާ ކަމަށެވެ. އަދި ރޭގަނޑު ހޭލައި ހުރެފައި، ފަތިހު ނިދާ މީހުންނަށް ދެ ޣަނީމާއެއް ގެއްލޭ ކަމަށާ އެއީ ފަތިސް ނަމާދާއި ދުވާލު ފެށޭ ވަގުތުގެ ބަރަކާތް ކަމަށެވެ. ޚުތުބާގައި ބުނީ އެ ކަމުގެ ސަބަބުން އޭނާ އިލާހީ ރިޒްޤުން މަޙްރޫމުވާނެ ކަމަށާ ﷲ އޭނާގެ މައްޗަށް ވާޖިބުކުރައްވައިފައިވާ ޙައްޤު އަދާނުކުރާ ދުވަހަކީ އަބާއްޖަވެރި ދުވަހަކަށް ވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: