އދ. ދަނގެތީގައި އެ ރަށުގެ ވިޔަފާރިވެރިޔާ، މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ޝާ އަލޮމް މިއާ (ސާލިމް) ގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައިކޯޓުން ދަމަހައްޓައިފި އެވެ.
މަހުމޫދު މަރާލިކަމަށް އިއުތިރާފުވެ، އެ ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ކިޔައިދީފައިވާ ސާލިމްގެ މައްޗަށް މައްސަލައިގައި ދެ ދައުވާއެއް އުފުލި އެވެ. އެއީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މެރުމުގެ ކުށުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ.
މައްސަލައިގައި ދަށު ކޯޓުން ސާލިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި އޭނާއަށް އިއްވި މަރުގެ ހުކުމް އިއްވެ އެވެ. އަދި ގާނޫނު ލާޒިމް ކުރާ ގޮތުގައި މަރުގެ މައްސަލަތަކުގައި ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަ ކުރަން ޖެހޭނެ އެވެ. އެހެންވެ މި މައްސަލަ ވެސް ކުށް ކުރިކަން ޔަގީން ކުރުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ކުރިޔަށް ގެންދަން ޖެހޭނެ އެވެ.
ސާލިމްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމުގެ ތިން މަރުހަލާ ފުރިހަމަ ކުރުމަށް، ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ކުރި ހުކުމުގައި ވަނީ ދަށު ކޯޓުގައި ޝަރީއަތުގެ މަރުހަލާ ކުރިޔަށް ގެންގޮސްފައިވަނީ ސާލިމްގެ އިއުތިރާފުން އެންމެހައި އިޖުރާއަތުތައް ފުރިހަމަކޮށްގެން ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ހުކުމް ދެމެހެއްޓި އެވެ.
މި މައްސަލައިގައި ތަފާތުވީ ހަމައެކަނި، ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔު އެވެ. އެގޮތުން މައްސަލައިގައި ދައުވާ ސާފުވެއްޖެތޯ ދަށު ކޯޓުގެ ފަނޑިޔާރުން ސުވާލު ކުރެއްވުމަށް ފަހު ޖަވާބު ދިނުމަށް ފުރުސަތު އަރުވާފައި ވަނީ ދިފާއީ ވަކީލުންނަށްކަން ރިޕޯޓުތަކުން އެނގޭ ކަމަށެވެ. އަދި ސާލިމްގެ މައްޗަށް ކުރި ދައުވާތަކަކީ ކޮބައިކަން އޭނާއާއި ސުވާލު ކުރިކަން އެނގެން ނެތްކަމަށް ރައުޔުގައި ވެއެވެ.
ސާލިމްއަކީ ބަންގްލަދޭޝްގެ ރައްޔިތެއް ނަމަވެސް އޭނާގެ މައްޗަށް ޝަރީއަތް ހިންގާފައި ވަނީ ދިވެހި ބަހުންކަން ފާހަގަކުރައްވައި ފަނޑިޔާރު ޝަފީއުގެ ރައުޔުގައި ވަނީ އެ ހާލަތުގައި ފަނޑިޔާރު ސީދާ ސާލިމްއާއި ތަރުޖަމާނެއްގެ އެހީގައި ސުވާލު ކުރުން މުހިންމުކަމަށެވެ. އަދި އެއީ އިންސާފުވެރި ޝަރީއަތެއް ލިބުމުގައި މުހިންމު އަސާސެއްކަމަށާއި، ދައުވާ ލިބޭ މީހާއަށް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ފުރިހަމައަށް އެނގޭކަން ކަށަވަރު ކުރުން މުހިންމުކަމަށް ވިދާޅުވި އެވެ.
މައްސަލައިގައި ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވަނީ މައްސަލަ ދަށު ކޯޓުގައި ކުރިޔަށް ގެންދިޔަ އޯޑިއޯ/ވީޑިއޯ ބެލިއިރު އޭނާގެ މައްޗަށް ދައުވާ އިއްވުމުގެ ކުރިން ލިބިދޭން ޖެހޭ ހައްގުތައް ތަރުޖަމާނު މެދުވެރިކޮށް އަންގާފައިވާކަން އެނގޭ ކަމަށެވެ. އަދި ދައުވާ ސާބިތުވެއްޖެ ނަމަ ކަނޑައެޅޭނެ އަދަބާއި ދެވަނަ ދައުވާއަށް އެއްބާސްވާ ހާލަތުގައި އަދަބު ލުއިވާނެކަން ވެސް ތަރުޖަމާނު ބަޔާންކޮށްދިންކަން އެނގޭކަމަށް ރައުޔުގައި ވެއެވެ.
މީގެއިތުރުން ދައުވާއަށް އިންކާރު ކުރުމުގެ ހައްގާއި، ނަފްސާއި ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގު އޮތްކަން ތަރުޖަމާނު މެދުވެރިކޮށް ސާލިމަށް އެންގިކަން ރިޕޯޓުތަކުން އެނގޭކަމަށް ވިދާޅުވެފައި ވެއެވެ.
މި މައްސަލައިގައި މަހުމޫދުގެ މަންމައާއި އަނބިމީހާ އަދި ދަރިން ހިމެނޭހެން ޖުމްލަ ހަތް ވާރިސުންގެ ބަސް ނެގި އެވެ. އެ އެންމެން ވެސް ބޭނުން ވަނީ ސާލިމްގެ ކިބައިން ގިސާސް ހިފުމަށެވެ.
މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ވަނީ، މަހުމޫދު މަރާލި ގޮތް ތަފްސީލުކޮށް އޭނާ ޝަރީއަތުގައި ކިޔައިދިންކަމަށާއި މަހުމޫދު މަރާލުމަށް އޭނާގެ ކިބައިގައި ގަސްތު އޮތްތަކްން އެނގޭ ކަމަށެވެ. އަދި ހަށިގަނޑު ފޮރުވުމަށް އޭނާ ކުރި މަސައްކަތްތައް ކިޔާދިނުމުން އޭނާގެ ނިޔަތުގެ ނުބައިކަމާއި ގަތުލު އާންމުގެ އަމަލު ސާފުކޮށް އެނގޭކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.
ދަނގެތީގައި އުމުރުން ދުވަސްވީ މީހެއް ބެލުމުގެ މަަސައްކަތް ކުރަމުން ދިޔަ ސާލިމްއަށް މަހުމޫދުގެ މަރުގެ ތުހުމަތުތަކެއް ކުރެވުނީ، އެ ރަށު މީހަކަށް ޝައްކު ކުރެވޭ ކަންތަކެއް ފެނި އެކަން ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ. އޭގެ ކުރިން އެ ރަށު މީހުން މަހުމޫދު މަރާލިކަމުގެ ތުހުމަތު ކުރީ ރަށުގެ ދެ ޒުވާނަކަށެވެ. އަދި އެ ދެ މީހުން ފުލުހުންނާއި ވެސް ހަވާލު ކުރި އެވެ.
ސާލިމް ދިރިއުޅޭ ގޭގެގެ ތެރެއިން މީހަކު ދަމާވަފައި ގެންދިޔަ މަންޒަރެއް ފެނިގެން އެކަން ރިޕޯޓު ކުރުމުން ފުލުހުން އެ ގެ ބަލާ ފާސްކުރުމުން އޭނާއަށް ޝައްކުތަކެއް ކުރެވުނީ އެވެ. އޭގެ ފަހުން ފުލުހުން ވަނީ ސާލިމް ބޭނުން ކުރި ހަތިޔާރުތަކާއި، އަދި އޭނާގެ އަންނަނުތައް ހޯދާފަ އެވެ. އަދި މަހުމޫދުގެ ގަޑިއާއި އެ ނޫން ވެސް ބައެއް އެހެން ތަކެތި ހޯދާފައި ވެއެވެ.

