ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިހާދަށް ކުރި ދައުވާ ބޭރުކޮށްލި މައްސަލަ އިސްތިއުނާފަށް ހުށަހެޅުމާއި މެދު ގޮތެއް ނިންމަން ދިރާސާ ކުރަނީ!

ޖޭޕީގެ ކޮންގްރެސް ނިންމުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ނައިބު ރައީސް ޖިހާދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދިރާސާ ކުރަން ފަށައިފި އެވެ.

މައްސަލަ އިސްތިއުނާފު ކުރުމާއި މެދު ގޮތެއް ނުނިންމި ނަމަވެސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދަނީ މައްސަލަ ދިރާސާ ކުރަމުންނެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސާވިސް އޮތޯރިޓީގެ ޗެއާޕާސަނަކަށް މިހާރު ހުންނެވި ޖިހާދުގެ މައްޗަށް ދައުވާކޮށްފައި ވަނީ އޭނާގެ ފިނޭންސް މިނިސްޓަރުކަމުގައި 2013 ވަނަ އަހަރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސޮއި ކުރި މައްސަލައިގަ އެވެ.

ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ޖިހާދުގެ މައްޗަށް ކުރީ ފުށިދިއްގަރުފަޅު ތަރައްގީ ކުރުމަށް ސަރުކާރާއި ބޭރުގެ ކުންފުންޏެއް ގުޅިގެން ކޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދިއިރު ލަފައާއި ހިލާފަށް ދިވެހި ސަރުކާރުގެ ހިއްސާއަކީ 25 އިންސައްތަކަމަށް އެއްބަސްވުމުގައި އޮއްވައި ސޮއިކުރިކަމަށް ބުނެއެވެ.

އެކަމަކު މި މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް، ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ ކުރިޔަށް ގެންދިއުމާއި މެދު މަދަނީ މިންގަނޑުން ބެލުމަށްފަހު އެވެ. އެއީ ތަހުގީގު މަރުހަލާގައި ގާނޫނީގޮތުން ގޯސްތަކެއް ހަދާފައި ހުރުމުގެ ސަބަބުންކަމަށް ނިންމުމުގައި ވެއެވެ.

އެ ނިންމުމުގައި ބުނެފައި ވަނީ، މިދިޔަ ސަރުކާރުން އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނުން މައްސަލަ ބެލީ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ބަލައި ނިންމާފައިވަނިކޮށްކަމަށެވެ. އަދި މައްސަލަ އަލުން ބެލި ސަބަބެއް ބުނެދެވިފައި ނުވާކަމަށް އެ ނިންމުމުގައި ވެއެވެ.

މީގެއިތުރުން މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ބަހަށް ތަހުގީގު މަރުހަލާގައި ބަލާފައިވާކަމަށާއި އޭނާއަކީ ޝައްކުގެ މަހައްލުގައި ހުރިމީހެއްކަމަށް ބުނެފައި ވެއެވެ. އަދި އޭނާގެ ބަހުގެ ތެދުކަން ކަށަވަރު ކުރުމަށް ވެސް މަސައްކަތްކޮށްފައި ނުވާކަމަށް ދަށު ކޯޓުގެ ނިންމުމުގައި ވެއެވެ.

މި މައްސަލައިގައި އެގޮތަށް ނިންމެވީ، ގާޒީ ހުސެއިން ފާއިޒް ރަޝާދެވެ. އަދި ގާޒީގެ ނިންމުމުގައި ވަނީ، ތަހުގީގު ހިންގާފައި ވަނީ އިންސާފުން ބޭރުންކަމަށް ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް ނިންމެވީކަމަށް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: