ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިތްވަރާއި ސިޔާސަތުތަކަށް ގޮންޖައްސަވާ ބަޔަކު ތިބިނަމަ، ހެއްކާއި އެކު މައްސަލަ ސާބިތުކޮށްދެއްވުމަށް އިދިކޮޅު ފަރާތްތަކަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު، އާދަމް ޝަރީފް އުމަރު ގޮވާލައްވައިފިއެވެ.
ޕީއެންސީ އިން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސިޔާސަތަށާއި ހިތްވަރަށް ގޮން ޖަހާކަމުގައި ވަނީނަމަ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނާއި ދެކޮޅަށް ފުރިހަމަ ހެއްކާއި ގަރީނާއާއި އެކު ކުށް ސާބިތުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވެރިކަމުގައި ހުންނަވައިގެން ކަންބޮޑުވާނަމަ އެއީ ހަޖަމުގެ މައްސަލައެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
”އެމަނިކުފާނުގެ ހިތްވަރަށް، އެމަނިކުފާނުގެ ސިޔާސަތުތަކަށް، އަޅުގަނޑުމެން ގޮންޖަހާ ކަމަށް ވެއްޖެއްޔާ ހެއްކާއި ސާބިތާ އެކީގައި، ފުރިހަމަ ހުއްޖަތާއިއެކީގައި، މައްސަލަ ސާބިތު ކޮށްދެއްވާށޭ، ވެރިކަމުގައި ހުންނެވީތީވެ ކަންބޮޑުވެ ވަޑާއިގެންނަވައިގެން އުޅުއްވާ ކަމުގައި ވެއްޖެއްޔާ އެއީ ހަޖަމުގެ މައްސަލައެއް،“. އާދަމް ޝަރީފް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި މިއަދު މިއޮތް ވެރިކަމަކީ ރައްޔިތުންގެ ފުރިހަމަ ތާއިދު ލިބިގެން ހޮވާފައި އޮތް ވެރިކަމެއްކަމަށާއި ރައްޔިތުންގެ ފުރިހަމަ އިތުބާރު ރައީސްއަށް އެބަ އޮތްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިވެރިކަމަށް 8 މަސް ވެފައިވާއިރު މި މުއްދަތުގެ ތެރޭގައި ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ގިނަ މައްސަލަތައް އެމަނިކުފާނު ހައްލުކޮށްދެއްވާފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން ގައުމުގެ އިޤްތިޞާދީ ހާލަތު ދަށްވެފައިވާއިރުވެސް
އެއާރ އެންބިއުލާންސްގެ ހިދުމަތް ތަޢާރަފްކޮށްދެއްވިކަން ފާޙަގަކުރެއްވިއެވެ. އެއާރ އެމްބިއުލާންސްގެ ސަބަބުން ފަސޭހަކަމާއި އެކު މިހާރު މަތިންދާ ބޯޓުގައި ބަލި މީހާ މާލެ ގެނައުމަށް ފަސޭހަވެފައިވާކަމަށް އާދަމް ޝާރީފް ވިދާޅުވިއެވެ.
ސިޔާސީ މަޤާމްތަކުގައި ތިބި މީހުން ގިނަކަމަށް އެމްޑީޕީއިން ބުނި ނަމަވެސް އަދިވެސް ކޮންގްރެސް ޕާޓީ ވެރިކަމަށް ގެންނަން މަސައްކަތް ކުރި އެތައްބަޔަކު އަދިވެސް ވަޒީފާ ނެތި އެބަ ތިބިކަމަށާއި އެހެންނަމަވެސް ގައުމެއް ތަރައްޤީވާއިރު، މީހުން ބިނާކުރުމާއި ވަސީލަތްތައްޤާއިމް ކުރުމަށް ރައީސް މުޢިއްޒު އިސްކަންދެއްވާކަން ފާހަގަރެއްވިއެވެ.
މީހުން ބިނާކުރުމަށް މިހާތަނަށް 1200 ޒުވާނުންނަށް ތަޢުލީމް ހާސިލްކުރުމަށް ފުރުސަތުދީފިކަމަށާއި 200 ކުދިންނަށް ސްކޮލޮޝީޕްދީފައިވާކަން މިނިސްޓަރގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ރިޔާސީ އިންތިޚާބުން ޕީއެންސީއަށް ލިބުން ކާމިޔާބީއާއިއެކު ރައްޔިތުންގެ މަޖިލިސްގެ ސުޕަރ މެޖޯރިޓީލިބި އެއަށްފަހުވެސް ބާއްވަމުން އަން ބައި އިލެކްޝަންތަކާއި ކައުންސިލް އިންތިޚާބުތަކުގައިވެސް ޕީއެންސީއިން ހޯދަމުން އަންނަ ކާމިޔާބީތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

