މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށްޓަކައި، އެ މީހަކު ކުރި ކުށަކީ އެހެން ހުރިހާ ކުށަކަށް ވުރެ ބޮޑު ކުށެއް ކަން ދައުލަތުން ސާބިތުކޮށް ދޭން ޖެހޭ ގޮތަށް ގާނޫނުލް އުގޫބާތުގައި ހިމަނާފައި އޮތް އޮތުމަކީ އެފަދަ ކުށްކުރާ މީހުން އެކަމުން ސަލާމަތްވެ، ބޮޑެތި ކުށްތަކަށް ހިތްވަރު ލިބޭ ގޮތަށްކަމަށް ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވެއްޖެ އެވެ.
މަރުގެ އަދަބު ދެވޭނީ ގާނޫނުލްއުގޫބާތުގައި ބުނާ ގޮތުގައި ތުހުމަތުވާ މީހާގެ ބަޔާނާއި ހެކިންގެ ހެކި ބަހުގައި އެއްވެސް ފުށުއެރުމެއް ނެތި އެ މީހަކު ކުށި ކުށަކީ އެހެން ހުރިހާ ކުށަކަށް ވުރެ ބޮޑު ކުށެއްކަން ޝަރީއަތުގައި ދައުލަތުން ސާބިތު ކުރުމުންނެވެ.
އދ. ދަނގެތީގައި ވިޔަފާރިވެރިޔާ، މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގައި އޭނާގެ ގާތިލް ޝާ އަލޮމް މިއާ (ސާލިމް) މެރުމަށް ދަށު ކޯޓުން ކުރި ހުކުމް ހައިކޯޓުން ވަނީ ދަމަހައްޓާފަ އެވެ. ހުކުމް ނެރުމުގައި، ތަފާތުވީ، ފަނޑިޔާރު ޝަފީއުގެ ރައުޔެވެ.
ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި މައްސަލައިގައި ފަނޑިޔާރު ޝަފީއުގެ ރައުޔުގައި ވަނީ، ގާނޫނުލްއުގޫބާތުގައި ހައްދާއި ގިސާސްގެ މައްސަލަތަކާއި ގުޅިގެން އެކަށާއަޅާފައިވާ އިޖުރާއަތްތަކުގެ ދަށުން އެ ފަދަ ކުށްތައް ސާބިތުވުމަކީ މުސްތަހީލުކަމެކެވެ. އޭގެ ސަބަބަކީ އެ އިޖުރާއަތުގައި ބަޔާން ކުރާ ހެކި ސާބިތު ކުރުމުގެ ހަމައަކީ ވަޟައީ އަދި ޝަރުއީ ހަމަތަކުގައި އެކަށައަޅާފައިވާ މަގުން ވެސް އެކަން ކުރެވޭނެ ގޮތަށް އޮތް ހަމައެއް ނޫންކަމަށް ވާތީކަމަށް ފަނޑިޔާރު ޝަފީއުގެ ރައުޔުގައި ވެއެވެ.
އެގޮތުން ގާނޫނުނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ހ) ގައި މީހެއްގެ މައްޗަށް މަރުގެ ހުކުމް ކުރުމަށްޓަކައި ދައުލަތުން ކުށުގެ އެންމެހައި ރުކުންތައް ސާބިތުކޮށްދޭން ވާނެކަން ބަޔާންކުރާކަން ފާހަގަކުރި އެވެ. އަދި އެ މީހަކު އެ ކުރި ކުށަކީ، އެހެން އެއްވެސް ކުށަކަށް ވުރެ ބޮޑު ކުށެއްކަމަށާއި އެ ކުށް ކުރުމުގެ ނިޔަތް އެ މީހެއްގެ އޮތްކަން އަމަލީ ގޮތުން ޔަގީން ކުރެވޭނެ މިންވަރަށް ދައުލަތުން ސާބިތުކޮށްދޭންވަނެކަމަށް ވަނީ ލިޔުއްވާފަ އެވެ.
އެގޮތަށް ބަޔާން ކުރުމަށް ފަހު އެ މީހަކު ކުރި އެ ކުށަކީ އެހެން އެއްވެސް ކުށަކަށް ވުރެ ބޮޑު ކުށެއްކަމަށް ވާތީ އެ ކުށް ސާބިތު ކުރުމަށް ބަޔާން ކުރާ އިޖުރާއަތު އެ މާއްދާގެ (ނ) ގެ (2) ވަނަ ނަމްބަރުގައި ބަޔާންކުރާކަން ފަނޑިޔާރު ޝަފީއުގެ ރައުޔުގައި ވެއެވެ. އަދި ވިދާޅުވީ އެގޮތުން ދައުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެ މަތީން، ކުށެއް ސާބިތު ކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ، ނުވަތަ ބަޔާނާއި އެ ބަޔާނުން އެއްވެސް މިންވަރަކަށް ފުށުއެރުމެއް ވާނަމަ އެ މާއްދާގެ (ހ) ގައިވާމިންވަރަށް ކުށް ސާބިތު ނުކުރެވޭނެކަމަށެވެ.
ދަޢުވާ ރައްދުވާ ފަރާތް ނުވަތަ ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ މުއްތަހަމު ހިމެނޭ ގޮތަށް ހެއްކެއްގެ ބަޔާނެއް ނުވަތަ އެބަޔާނުން އެއްވެސް މިންވަރެއް“ އެހެން ހެއްކެއްގެ ބަޔާނަކާއި އެއްވެސް މިންވަރަކަށް ފުށުއެރު…“ މުން ހައްދާއި ޤިޞާޞްގެ ކުށް ސާބިތު ނުވާނެ ކަމަށް އެވަނީ ބަޔާން ކުރެވިފައެވެ. ދަޢުވާ ރައްދުވާ މީހާގެ ފަރާތުން ދޭ ބަޔާނާ ޚިލާފަށް ޝަރީޢަތުގެ މަޖިލީހުގައި އޭނާއަށް ޤަޞްދުގައިވެސް ވާހަކަ ދެއްކޭނެތީ މިއީ ޙައްދާއި ޤީޞާޞްގެ ކުށް ސާބިތު ކުރުމަށް އޮތް މުސްތަޙީލު އިޖުރާއަތެކެވެ. އަދި ހެކިބަސްދޭ ހެކިންގެ ހެކިބަސް އެއްވެސް މިންވަރަކަށް ފުށު ނާރާގޮތަށް ހެކިބަސް ދިނުމަކީ ވެސް އިންސާނީ ތަބީޢަތުން ބޭރު މުސްތަޙީލު ކަމެކެވެ. ފަނޑިޔާރުންގެ ދައުރަކީ ހެކިބަސްދޭ ހެކިންގެ ހެކިބަހުން ފުށުއަރާ މިންވަރަކީ ކޮބާތޯ ބަލާހޯދައި އެއީ ބަލައިގަނެވޭނެ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުން ކަމަށްވާއިރު ސީދާ ޤާނޫނުގައި މިގޮތަށް އެއްވެސް ފުށުއެރުމެއްވާނަމަ ކުށް ސާބިތުވާ ކަމަށް ނުބެލެވޭނެކަމަށް ކަނޑައަޅައި މިއޮތް އޮތުމުން ފަނޑިޔާރުންގެ ދައުރު ނިމުމަކަށް އާދެއެވެ.
ފަނޑިޔާރު ޝަފީއުގެ ރައުޔުގައި ވަނީ މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވުމަށްޓަކައި އެ މީހަކު ކުރި ކުށަކީ އެހެން ހުރިހާ ކުށަކަށް ވުރެ ބޮޑު ކުށެއްކަން ދައުލަތުން ސާބިތުކޮށްދޭން ޖެހޭ ގޮތުން ހިމަނާފައި އޮތް އޮތުމަކީ އެފަދަ ކުށް ކުރާ މީހުން ސަލާމަތްވެ ބޮޑެތި ކުށްތަކަށް ހިތްވަރު ދެވޭ ސަބަބަކެވެ.
މި އިޖުއާތަކީ ދުނިޔޭގެ އެހެން އެއްވެސް ޖުޑިޝަލް ނިޒާމެއްގައި މަރުގެ ކުށެއް ސާބިތު ކުރުމަށް އެކަށައެޅިފައިވާ އިޖުރާއަތެއް އަދި މިންގަނޑެއް ނޫންކަމަށް ފަނޑިޔާރު މުހައްމަދު ނިޔާޒް ލިޔުއްވި ހުކުމުގައި ވެއެވެ. އަދި މިއީ އިސްލާމީ ޝަރީއަތުގައި ހައްދާއި ގިސާސް ސާބިތުކުރުމުގައި އަމަލު ކުރަން އޮތް އިޖުރާއަތެއްކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
އެހެންކަމުން ގާނޫނުލްއުގޫބާތުގެ އެ މައްދާތައް ބަޔާން ކުރަން ޖެހޭނީ، ހައްލު ހޯދައިދިނުމުގެ އުސޫލުގެ ބޭނުންކޮށްގެންކަމަށް ހުކުމުގައި ވެއެވެ.

