ދަރަނިވެރިޔާ މަރު ވުމަށްފަހު އޭނާގެ ދަރަނި އަދާކުރެވެންދެން އޭނާގެ ފުރާނަ ވާނީ އެލުވިގެން ކަމަށާ ކިތަންމެ ކުޑަ ދަރަންޏެއް ކަމުގައި ވިޔަސް، އަދާނުކުރެވި އޮއްވައި، ދުނިޔެ ދޫކޮށް ދާން ޖެހުމަކީ ނުރައްކާތެރި އަދި އެއީ ފާފަފުއްސެވުމަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ދަރަނި ދިނުމާއި ދަރަނި ނެގުމަކީ، އިސްލާމް ދީން ހުއްދަކުރާ ކަމެއް ކަމަށެވެ. ނަމަވެސް ދަރަނި ނަގަން ވާނީ އެ ދަރަނި އަދާކުރުމުގެ ނިޔަތުގައި ކަމަށާ ދަރަނި އަދާކުރާން އަވަސްވެގަތުމަކީ، ދަރަނި ނެގި ފަރާތަށާއި، ދަރަނި ދޫކުރި ފަރާތަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ. އަދި ބޮޑެތި ދަރަނިތައް ނަގަން ވާނީ، އެ ފަދަ ދަރަނި އަދާކުރާނެ ގޮތުގެ ޙިކުމަތްތެރި ރޭވުމެއް އޮވެގެން ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
ދަރަނި ނުދެއްކި، ޝަރީޢަތަށް މައްސަލަ ހުށަހެޅި، ތިމާ ކުށްވެރިވެ، އެ ކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތް ނަގައިލެވޭ ކަމަކަށް އެ ކަން ވެގެން ނުވާނެ ކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެ ފަދަ ދަރަންޏެއް ނެގުމަށް ވުރެ، އައުލާކަން ބޮޑީ ލިބޭ އާމްދަނީއަކާ އެއްވަރަށް ޚަރަދުތައް ކުޑަކޮށް، އިޤްތިޞާދު ކުރުން ކަމަށެވެ.
ޚުތުބާގައި ބުނީ ދަރަނި ނުދައްކައި ލަސްކުރުމަކީ، ދޭދޭ އަފުރާދުންގެ މެދުގައި އޮންނަ ލޯތްބާއި ކުލުނު ނެތިދާ ކަމެއް ކަމަށެވެ. އަދި ދަރަނި ދެއްކުން ފަސްކުރުމަކީ ދަރަނި ދޫކުރި މީހާއަށް ނުހަނު ގެއްލުންވާނެ ކަމެއް ކަމަށާ ދަރަނި ނަގަނީ ބައިތުލްމާލުން ނަމަ، އެއީ އެންމެހައި ރައްޔިތުންގެ ޙައްޤުތައް އޭގައި ހިމެނޭ ދަރަންޏެއް ކަމަށެވެ. އެހެންވެ، އެފަދަ ބޮޑެތި ދަރަނިތައް ނުދައްކައި ލަސްކުރުމަކީ އެ ކަމުގެ ފާފަ އެހެނިހެން ދަރަނިތަކަށް ވުރެ ބޮޑުވެދާނެ ކަމެއް ކަމަށް ވެސް ޚުތުބާގައި ފާހަގަކުރިއެވެ.
ދަރަނީގެ މުޢާމަލާތަކީ، ޝަރުޢީ ޙުކުމްތަކެއް ހުރި ކަމެއް ކަން ފާހަގަކޮށް ޚުތުބާގައި ވަނީ ދަރަނީގެ މުޢާމަލާތެއް ކުރާ އިރު، އެ ކަމާ ބެހޭ ލިޔެކިޔުމާއި، ހެކި ހުންނާން ޖެހޭނެ ކަން ފާހަގަކޮށްފައެވެ.
ކީރިތި ޤުރްއާނުގައި ވަނީ، އެކަންކަމަށް އަމުރުކުރައްވައިފައެވެ. ފުރަތަމަ ކަމަކީ، އެ ކަމާބެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުމެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. މާނައީ: ”އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ކަނޑައެޅި އެނގިގެންވާ މުލަކަށް، ތިޔަބައިމީހުން ދަރަންޏެއްގެ މުއާލަމާތެއް ކޮށްފި ނަމަ، ފަހެ، އެ ދަރަންޏެއް ތިޔަބައިމީހުން ލިޔާށެވެ!“ އަދި މި މުޢާމަލާތު ހިންގި އިރު، އެ ކަން ހިނގިކަން ކަށަވަރުކޮށްދޭ ހެކީން ބޭތިއްބުމަށް ވެސް ވަނީ އަމުރުކުރައްވައިފައެވެ.
ޚުތުބާގައި ބުނީ ދަރަނީގެ އެއްބަސްވުން ލިޔާނެ މީހަކު ނެތްޙާލަތެއް ގައި، އިތުބާރެއްގެ ގޮތުން، ރަހުނެއް ބާއްވާން ވެސް އަމުރުކުރައްވާފައިވާ ކަމަށެވެ. އެކަމުން ވެސް ދޭހަވަނީ ދަރަނީގެ މުޢާމަލާތުތައް މިހައި ފުރިހަމައަށް ހިންގުމަށް އަންގަވައިފައި އެ ވަނީ އެ ކަމުގެ މުހިންމުކަން ބޮޑުކަމުން ކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން ޝަހީދުންނަކީ ނުހަނު ދަރަޖަ މަތިވެރި ބަޔަކަށް ވީހިނދު، އެ މީހުންނަށް ވެސް ދަރަނީގެ ފާފަ ނުފުއްސެވުމަކީ ދަރަނިވެރީންނާއި އެމީހުންގެ ވާރުތަވެރީން އެކަމަށް ސަމާލުވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.
ދަރަނިވެރިޔާ ނިޔާވުމަށް ފަހު އޭނާގެ ދަރަނި އަދާކުރެވުމަށް ދާންދެން އޭނާގެ ފުރާނަވާހުށީ އެލުވިގެންނެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. މާނައީ: ”މުއުމިނާގެ ފުރާނަވަނީ، އޭނާގެ ދަރަނީގެ ސަބަބުން އެލުވިގެންނެވެ. (އެބަހީ: އެ ފުރާނަ އާމެދު ވަކި ގޮތަކަށް ނުނިންމަވައި ފަސްކުރެއްވިގެންނެވެ.) އެއީ، އޭނާގެ ދަރަނި އަދާކޮށްދެވިއްޖައުމަށް ދާންދެނެވެ.“ ހަމަ އެ ފަދައިން އިންސާނާ މަރުވުމަށް ފަހު އޭނާގެ ކިބުރުވެރިކަމާއި ޚިޔާނާތްތެރިކަމާއި ދަރަނީގެ ސަބަބުން ސުވަރުގެ ވަނުމަށް ހުރަސް އެޅިދާނެއެވެ.
އެހެން ކަމުން ދަރަނިވެރިވެ، އެ ދަރަނިން މިންޖުނުވެގެން އުޅެން ޖެހިދާނެތީ، އެ ކަމުން ރައްކައުތެރިވުމަށް އެދި ދުޢާ ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި އިލްތިމާސްކޮށްފައި ވެއެވެ.

