މާލެއަށް ނުކަތާ ވަރަށް ވެހިކަލްތަކެއް އެތެރެކޮށް، އެތަކެތި ބަހައްޓާނެ ޖާގަ ނެތި މުޅި މާލެ ތޮއްޖެހުނީ ބަޔަކަށް ނޭގި ތިއްބައެއް ނޫނެވެ. މަގުތަކުގެ ޖާގަ ކުޑަވެ، ޕާކް ކުރާނެ ތަން ނެތި، މާލޭގެ މަގުތައް ފުރި ބާރުވީވެސް ބަޔަކަށް ނޭނގި ތިއްބައެއް ނޫނެވެ. ބޮޑެތި ކާރާއި، ސާކަލާއި، ޕިކަޕަކީ ޔަގީނުންވެސް ބަޔަކަށް ނޭނގި އެތެރެ ކުރެވޭނެ ތަކެއްޗެއް ނޫނެވެ. މާލޭގައި އޮތީ ކިހާ ޖާގައެއްކަމާއި، ފެތޭނީ ކިހާ ވެހިކަލެއްކަން ބަލަން ޖެހޭނީ މިއަދަކު ނޫނެވެ. އެންމެ ފުރަތަމަ ރާއްޖެއަށް ކާރާ ސައިކަލާއި، ދެންވެސް ހުރި އެކިއެކި ވެހިކަލްތައް އެތެރެ ކުރުމުގެ ކުރިން މާލެއަށް އެތެރެކުރެވޭނީ ކިހާ ވެހިކަލެއްތޯ ބެލުމަށް ދިރާސާތަކެއް ހެދިފަ ހުންނަން ޖެހެއެވެ. އަދި އެ ވެހިކަލްތަކުގެ އޭޖް ލިމިޓާއި، ވެހިކަލްތަކުގެ އަދަދުގެ ލިމިޓެއް ކަނޑައެޅުމަކީ މިއަދަކު ކުރަން ޖެހޭކަމެއް ނޫނެވެ.
ނަމަވެސް ޔަގީންވާ އެއް ކަމަކީ، މިއަދު މާލެއަކީ ނޫޅެވޭ ވަރުގެ ތަނަކަށް ވެއްޖެކަމެވެ. ހާލަތު ތިމާއަށް މަޖުބޫރު ނުކުރާނަމަ އެއްވެސް މީހަކު މާލޭގައި މިއަދު ދިރި ނޫޅޭނެއެވެ. މާލޭގެ މަގުތަކެކޭ ގަދަ ކަނޑެކޭ ތަފާތެއް ނެތެވެ. ވެހިކަލެއް ސަރވިސް ނުކޮށް ދެ ދުވަހު ހަމައަށް ނުގެންގުޅެވެއެވެ. ޓްރެފިކްގެ މައްސަލައާއި އެކްސިޑެންޓުތައްވެސް ގިނަވަމުން އަންނަނީ އިންތިހާއަށެވެ.
އާންމު ދިވެހި ރައްޔިތުންނަށް ކެތް ނުކުރެވޭ ވަރަށް، މާލޭގެ ސަރަހައްދުގެ ޓްރެފިކް ގޯސްވުމުގެ ޒިންމާ ނަގަން ޖެހޭނީ ކުރީ ސަރުކާރުންކަމަށް މި ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރ މުހައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ވަނީ ދާދިފަހުން މާލޭގެ ޓްރެފިކް މެނޭޖުކުރުމަށް ބޮޑު ޕްރޮގްރާމެއް ”މާލެ ފަހި“ ނަމުގައި އިފްތިތާހުކޮށްފައެވެ. މާލެ ފަހި ޕްރޮގްރާމަކީ ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާމީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަޤްޞަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގުރާމް ބެހިފައިވާ މައިގަނޑު ތިންބަޔަކީ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން އުޅަނދު ރަޖިސްޓްރީކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުން، ޕަބްލިކް ޓްރާންސްޕޯޓްގެ ވަޞީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުން އަދި މަގުތަކަކީ ދަތުރުފަތުރާއި ހިނގާބިނގާވެ އުޅެން ރައްކާތެރި، ފަސޭހަ އަދި އަމާން ތަންތަނަށް ހެދުމެވެ. މި ޕްރޮގްރާމްގެ ދަށުން ބޮޑެތި އުޅަނދުފަހަރު ދުއްވާ ގަނޑިތަކަށް ބަދަލު ގެނައުމާއި، މާލޭގައި ދުއްވަމުންދާ މިނީ ބަސްތައް އިތުރަށް ކުޑަ ކުރުންވެސް ހިމެނެއެވެ. ގާރާޖުގެ ވެރިފަރާތަށް ނޭނގި ވެހިކަލް ރަޖިސްޓްރީކުރުމާއި އެހެނިހެން ވިޔަފާރި ކުރުމަށް ގަރާޖް ރަޖިސްޓްރީކުރުން ނިމުމަކަށް ގެންނަންވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން، ސިޓީ ކައުންސިލުން ގަރާޖެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭ ޖާގަ އަދި އިކޮނޮމިކް މިނިސްޓްރީން ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީ ކޮށްދެވޭ ތަންތަނުގެ މައުލޫމާތު އެއް ވިއުގައެއްގެ ތެރެއިން އިދާރާތަކަށް ފެންނާނެ އިންޓަގްރޭޓެޑް އިންފޮމޭޝަން ސިސްޓަމެއް ޤާއިމްކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ.
ގްރޭޓާ މާލެ ސަރަޙައްދުގައި މިވަގުތު 118,000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީ ކޮށްފައިވާކަން ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން ހާމަކޮށްފައިވާއިރު، ދެ ފުރޮޅުލީ އުޅަނދުގެ 70 ޕަސަންޓަކީ މާލޭ ސަރަހައްދަށް ރެޖިސްޓާކޮށްފައިވާ އުޅަނދުކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައިވެއެވެ. މީގެ ކުރީގައި 200 އާއި ކައިރި ކުރާ އަދަދަކަށް ދުވާލެއްގެ މައްޗަށް ވެހިކަލްތައް ރަޖިސްޓްރީ ކުރަމުން ދިޔަ ނަމަވެސް މި އަދަދު މިހާރު 25 އާއި 30 އާއި ދެމެދުގެ އަދަދަކަށް ދަށް ކުރެވިފައިވާކަމަށް ސަރުކާރުން މައުލޫމާތުދެއެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ބޭނުން ނުކުރާ އެތަކެއް ވެހިކަލްތަކެއް ހުރިއިރު، މި ތަކެތި ނައްތާލުމުގެ މަސައްކަތް ކުރާނެކަމަށްވެސް ސަރުކާރުން ބުންޏެވެ. ޕާކިންގެ މައްސަލައަށް އޮތް ހައްލަކީ ޕާކިން ބިލްޑިންގކަމަށް ސަރުކާރުން ދެކެއެވެ. އެކަމަށް ވައުދުވެވަޑައިގެން ނަމަވެސް އެ މަސައްކަތް އަދި ނުފަށައެވެ.
މާލެއަށް ދިމާވެފައި އޮތް ވެހިކަލްތަކާއި، ޕާކިން އާއި ޓްރެފިކްގެ މައްސަލައާއި މިހެން ހުރި ހުރިހާ މައްސަލައަކީ ކޮންމެ ގޮތަކުން ނަމަވެސް އަމަލީ މަސައްކަތްތަކެއްކޮށް، ގާނޫނު ތަންފީޒު ކުރެވިގެން ހައްލު ކުރެވެން ޖެހޭ މައްސަލަތަކެކެވެ. ސަރުކާރުގެ އަމާޒާއި ޕްލޭންގައި ވަރު އެބަހުއްޓެވެ. އެހެން ނަމަވެސް މުހިންމީ މިކަންތައްތައް ތަންފީޒުވުމެވެ. ގަވާއިދާ ހިލާފަށް ދުއްވާ މީހުންވެސް އާދަޔާ ހިލާފަށް ގިނަ ވަމުން އަންނައިރު، މިއަދު މަގުމައްޗަކީ ރައްކާތެރި ތަނެއް ނޫނެވެ. މާލޭގެ މަގެއްގެ މަތީގައި ހިނގާލުމަކީ ޖިހާދަކަށް ނުކުތުމެކޭ އެއްވަރުގެ ކަމެކެވެ. ސަލާމަތުން އެނބުރި ގެއަށް ދެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނޯވެއެވެ. މަގަކީ އެކި ބޭނުމަށް އެކި އުމުރު ފުރާތަކުގެ މީހުން ބޭނުން ކުރާ ތަނަކަށްވާއިރު، އަދި އާންމު ދިރިއުޅުން އެކަމަކާއި ނުލާ ފުރިހަމަ ނުކުރެވެން އޮތް ތަނަކަށް ވާއިރު، މާލޭގެ މަގުތަކުގެ އަމާންކަން ރައްކާތެރި ކުރަން ކުރާ މަސައްކަތުގެ ދުވެލި އަވަސްކޮށް، ހައްލު ގެނެެވެން ޖެހެއެވެ. ނޫންނަމަ އަޅުގަނޑުމެންނަށް އިވޭނީ އަބަދުވެސް ހިތާމަވެރި ވާހަކަތަކެވެ.
ގަވާއިދާއި ހިލާފަށް ވެހިކަލް އެތެރެކޮށް، އަދި އެތެރެ ކުރުމަށްފަހު ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރާ މިންވަރު ގާތުން ބަލާ ދެނެގަންނަން ޖެހެއެވެ. އަދި މާލެއަށް ނުކަތާވަރަށް ވެހިކަލްތައް އެތެރެ ކުރާ އެތެރެ ކުރުން ވަގުތުން ވަގުތަށް ހައްލަކަށް ގެންނަން ޖެހެއެވެ. އަދި މަގުތައް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ފުލުހުންނަކީ އެކަމުގެ ތަމްރީނު ރަނގަޅަށް ދެނެތިބި މަސައްކަތަށް ހުށިޔާރު ބައެއްކަން ކަށަވަރުކުރުން މުހިންމެވެ.

