ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާބިދުގެ ޝަރީއަތުގެ އެންމެ ފަހު އަޑުއެހުން އަންނަ ހޮނިހިރު ދުވަހަށް ތާވަލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި ބިދޭސީއަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބޭ ޕާކިސްތާނުގެ ޝެފެއް ކަމަށްވާ މުހައްމަދު އާބިދުގެ ޝަރީއަތުގެ އެންމެ ފަހު އަޑުއެހުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖައްސައިފިއެވެ.

ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރެންޓްގައި 2022 ވަނަ އަހަރުގެ ރޯދަ މަހު ހިނގި ހަމަނުޖެހުމެއްގައި އެ ތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި، އާބިދުގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރިކަމުގެ ދައުވާއެވެ.

މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގައި ހުލާސާ ބަޔާން އިއްވުމަށްފަހު އަޑުއެހުންތައް ނިންމާލުމަށް ފަނޑިޔާރު ނަމަވެސް ދައުލަތުގެ ފަރާތުން އެދުނީ އާބިދުގެ މައްޗަށް އެ ދައުވާ ސާބިތު ނުވިޔަސް އެހެން ކުށެއް ސާބިތުވާ ނަމަ އެގޮތަށް ނިންމައި ދިނުމަށެވެ.

ދައުލަތުން ފާހަގަކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 87 ވަނަ މާއްދާގައި ހުލާސާ ހުށައެޅުމުގެ ކުރިން ދައުވާ އުފުލާފައިވާ ކުށުގެ އަމަލުން އެހެން ކުށެއް ސާބިތުވާނަމަ ހުލާސާ ބަޔާން ހުށައެޅުމުގެ ކުރިން އެކަން ސާބިތު ވާން ވާނެ ކަމަށެވެ.

”މުހައްމަދު އާބިދުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ ގާނޫނު ނަންބަރު 17/2010 ގެ 5 ވަނަ މާއްދާގެ ދަށުން ކަމުގައި ވީ ނަމަވެސް އަދި ކުށް ސާބިތު ނުވީ ނަމަވެސް މި މައްސަލައިގައި ހެކިބަސް ލިބިފައިވާ ގޮތަށް ބަލައި ގާނޫނު ނަންބަރު 17/2010 ގެ 6 ވަނަ މާއްދާގައި ބުނާ ތޫނު އެއްޗެއް ނުވަތަ ތަހިޔާރެއް ބޭނުންކޮށްގެން މީހަކު މަރުވުމުގެ ކުށް ފުރިހަމަ ވާތީ އެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމުގެ ފުރުސަތު އެބައޮތް“

އެހެންނަމަވެސް މި މައްސަލައިގައި އާބިދުގެ ދިފާއީ ވަކީލް ވިދާޅުވީ މިއަދުގެ އަޑުއެހުމަކީ ހުލާސާ ބަޔާން ހުށަހަޅަން ތާވަލްކުރި އަޑުއެހުމެއް ކަމަށާއި އެހެން ކުށެއް ސާބިތު ކުރުމާ ގުޅޭ ވާހަކައެއް ދައުލަތުން ކުރިން ފާހަގަ ކޮށްފައިނުވާ ކަމަށެވެ. އެހެން ކަމުން އެކަމަށް ޖަވާބުދާރީވުމަށް ވަގުތު ބޭނުންވާ ކަމަށާއި ތައްޔާރީތައް ނުވެހުރި ކަމަށް ވަކީލް ވިދާޅުވިއެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ އެކަމާ ބެހޭގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުމަށް އަންނަ ހޮނިހިރު ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

އެހެންކަމުން ހުލާސާ ބަޔާނަށް ފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ މައްސަލައިގައި ހުކުމް އިއްވުމެވެ.

މި މައްސަލައާއި ގުޅިގެން ފަނޑިޔަރު ވިދާޅުވީ މަރުގެ މައްސަލައެއްގައި އެންމެ އަވަހަށް ޝަރީއަތް ކުރެވޭ މިއީ އެއް މައްސަލަ ކަމަށެވެ. މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 29 ގައެވެ. އަދި މައްސަލަ ހުށައެޅިފައި ވަނީ 15 ޖޫން 2022 ވަނަ އަހަރު އެވެ.

މި މައްސަލައިގައި 7 މަސް ދުވަހުގެ ތެރޭގައި ޝަރީއަތްތަކުގެ ހެކިބަސް ނަގާނިމިފައި ވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. މި މައްސަލައިގައި 6 ފަހަރަށް ހުލާސާ ބަޔާން އިއްވުމަށް ޝަރީއަތް ތާވަލު ކުރެވުނު ކަމަށާއި އެހެންނަމަވެސް ވަކީލުން އެދިގެން އެކި ފަހަރުމަތިން މި މައްސަލައިގައި އަޑު އެހުން ކެންސަލް ކުރެވުނު ކަމަށް ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުގެ އިމާރާތުގެ ދަތިތަކާއި ހުރެ މައްސަލަތައް ލަސްވެގެން ދިޔައިރުވެސް މި މައްސަލަ ތާވަލުކޮށްފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެހެންނަމަވެސް ހެކިބަސް ނެގުމާއި ހުލާސާ ބަޔާން ނެގުމާއި ދެމެދު ގިނަ ދުވަސް ތަކެއް ހިނގާފައިވާކަން ފާހަގަކުރެވޭ ކަމަށް ވަނީ ފަނޑިޔާރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: