މިވީ އަހަރުތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި ގާނޫނުއަސާސީ ރިވިއު ނުކުރެވުމަކީ ވެސް ކަންބޮޑުވުމެއްކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވި އެވެ.
މިއީ މޯލްޑިވްސް ސެންޓަރ ފޯ ޕޮލިސީ ސްޓަޑީސް (އެމްސީޕީއެސް) އިން ރާއްޖޭގެ ފޮރިން ޕޮލިސީ ހިމެނޭހެން ހަ ދައިރާއަކުން އިލްމީ ދިރާސާތަކެއް ކުރުމަށް ފަށާފައިވާ މަސައްކަތްތައް އިއުލާނު ކުރައްވާފައި ވަނީ އާޒިމާއާއި، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދެވެ.
އެމްސީޕީއެސްގެ ފަރާތުން ދިރާސާ ކުރުމަށް ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި، ރާއްޖޭގެ ތައުލީމީ ދައިރާއާއި ފޮރިން ޕޮލިސީ އަދި އާބާދީ ބެހިފައިވާ ގޮތް އަދި މިންތީގެ ހަމަހަމަކަން އެކުލަވާލުން ހިމެނެ އެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުއަސާސީގެ ދަށުން ދައުލަތް ހިންގުމުގެ މުރާޖައާގެ ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވައި އާޒިމާ ވިދާޅުވީ ގާނޫނުއަސާސީ ސީދާ ބަޔާން ކުރާ ގޮތުގެ މަތީން ތަންފީޒު ކުރެވެމުންދާކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އިލްމީ މަސައްކަތްތަކެއް ފަށައި، ދިރާސާތަކެއް އެކުލަވާލުމަށް ފަހު އޭގެ މައްޗަށް ރިޕޯޓުތަކެއް ތައްޔާރު ކުރަން ފެށީ އެ ސަބަބާއި ހުރެކަމަށް އާޒިމާ ވިދާޅުވި އެވެ.
ގާނޫނުއަސާސީ ތަސްދީގު ކުރެވުނު ފަހުން 16 އަހަރު ފުރޭއިރު، މިވީ އަހަރުތަކުގެ ތެރޭގައި އެކަށީގެންވާ ގޮތެއްގައި ގާނޫނުއަސާސީ ރިވިއު ނުކުރެވުމަކީ ވެސް އޮތް ކަންބޮޑުވުމެއްކަމަށް އާޒިމާ ވިދާޅުވި އެވެ. އެކަމަކު ގާނޫނުއަސާސީއަށް 10 އަހަރު ފުރިގެން ވެސް ކުރެވިފައި އޮތީ ޑެސްކް ރިވިއުއެއްކަން އާޒިމާ ފާހަގަކުރެއްވި އެވެ. އަދި އެ މަސައްކަތަށް ފަހު އައި އެއްވެސް ހުށަހެޅުމެއް ތަންފީޒު ނުކުރެވޭކަމަށް އާޒިމާ ވިދާޅުވި އެވެ.
އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުމަކަށް މިވީ، އަޅުގަނޑުމެން މި މަސައްކަތްކޮށްފައި ދިވެހި ގައުމަށް ދިވެހި ރައްޔިތުންނަށް.. ކިޔަވާ ކުދިންނަށް.. މީޑިއާއަށް… ގާނޫނު ހައްދަވާ ބޭފުޅުންނަށް.. ހުރިހާ ބޭފުޅުންނަށް ހުށަހަޅަން މިއޭ އަޅުގަނޑުމެން ދެކޭ ގޮތަކީ ގާނޫނުއަސާސީ ތަންފީޒު ވަމުންދާނަމަ ކަން އޮންނާނީ މިހެންނޭ.. އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ ގާނޫނުއަސާސީ އެއްކޮށް ތަންފީޒުވަމުންދާކަމަށް
ގާނޫނުއަސާސީ ރަނގަޅު ގޮތުގައި ތަންފީޒު ކުރެވޭ ނަމަ، ހާލަތު އޮންނާނެ ގޮތް ބަޔާން ކުރުމުގެ މަސައްކަތް ބައިނަލްއަޤުވާމީ އެކްޕާޓުން ހިމެނޭ ގޮތަށް ފަސް މީހުންގެ ގުރޫޕަކުން ފެށީކަން އާޒިމާ ފާހަގަކުރެއްވި އެވެ.
މީގެ ކުރިން ބޭއްވި ބައްދަލުވުމުގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާޒިމާ ވިދާޅުވީ އެމްސީޕީއެސް އުފެއްދުމުގެ މަގްސަދަކީ ރާއްޖޭގެ ގައުމީ ތަރައްގީއަށް އަސަރު ކުރާނެ ބައިނަލްއަޤުވާމީ އަދި ގައުމީ ފެންވަރުގެ ސުޔާސަތުތަކާއި މައްސަލަތާކާއި ބެހޭ ގޮތުން އިލްމީ އަދި ފަންނީ ދިރާސާތަކެއް ކުރުން ކަމަށެވެ.

