އަންނަ އަހަރު ކުރީ ކޮޅު އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލް ޓާޝަރީ ކުރުމުގެ މަސައްކަތް ފެށޭނެކަމަށް ހެލްތް މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހަށް ވަޒީރު ހާޒިރު ކުރުމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ ހެލްތް މިނިސްޓަރުވެސް އެހެން ވަޒީރުންނާއި އެއްފަދަކަމަށް ވިދާޅުވެފައެވެ. މަޝްރޫއުތައް ހިންގޭނެ ވާހަކަ ނުދައްކަވާކަމަށާއި، އޭގެ ބަދަލުގައި މައްސަލައަކަށްވަނީ މަޝްރޫއުކަމަށް ވިދާޅުވިއެވެ.
އައްޑޫގެ ދެކުނުގައި ހުރި ހޮސްޕިޓަލްގެ ހިދުމަތް ދޭ ބިލްޑިންގެ މަސައްކަތް ފެށޭނީ ކޮން އިރަކުންތޯ ނާޒިލް ސުވާލު ކުރެއްވިއެވެ.
ޖަވާބުގައި މިނިޓަރު ވިދާޅުވީ އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލްގެ ކުރެހުމެއް ކުރީ ސަރުކާރުން ކުރަހާފައި އޮތްކަމަށެވެ. ދައުލަތަށް ނުކަތާވަރުގެ ކުރެހުންތައް ކުރެހުމަށްފަހު މިދިޔަ ސަރުކާރުން ރައްޔިތުންނަށް ދެއްކި ނަމަވެސް، އެކަން ކުރެވޭނެ މަގެއް ފަހި ކޮށްފައި ނެތްކަމަށް ވިދާޅުވިއެވެ. ކުރެހުންތައް ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތަކާއިވެސް ނުބައްދަލުކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އެހެންކަމުން މިކަންކަން ކުރަން ޖެހެނީ ކޮންމެސް އެއްކަމެއް ކޮމްޕްރޮމައިޒް ކުރުމަށްފަހުކަމަށެވެ.
ރައްޔިތުން ބޭނުންވާ އެއްވެސް ހިދުމަތަކަށް ބުރޫ ނާރާނެ ގޮތަށް އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ޑިޒައިންތައް ކުރަމުން މި ގެންދަނީ.
މިނިސްޓަރު ވިދާޅުވިއެވެ.
އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލްއަކީ މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއްދޭ ހޮސްޕިޓަލެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއާއިއެކު މެންބަރު ވަނީ ނިޒާމީ ނުކުތާއެއް ނަންނަގަވާ ސަރުކާރަށް 8 މަސް ދުވަސް ވެގެން އައިރުވެސް މިކަން ނުވެ އޮތީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ. ނަމަވެސް މިއީ ނިޒާމީ ނުކުތާއެއްކަމަށް ރިޔާސަތު ބަލައެއް ނުގަނެވެ.
އެއަށްފަހު މިނިސްޓަރަށް ފުރުސަތު ދިނުމުން ވިދާޅުވީ މި ހޮސްޕިޓަލް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ހައްދަވާނެކަމަށެވެ. އަންނަ އަހަރުގެ ކުރީކޮޅު މި މަސައްކަތް ފެށޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

