ހަފްތާތަކެއް ވަންދެން ހިނގަމުންދިޔަ ސަރުކާރާ ދެކޮޅު މުޒާހަރާތަކަކަށްފަހު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާދެއްވިއެވެ. މިއާއެކު އޭނާގެ 20 އަހަރަށްވުރެ ދިގު މުއްދަތަކަށް އެ ޤައުމުގެ ސިޔާސީ މައިދާނުގައި އޮތް ނުފޫޒު ނިމުމަކަށް އައީއެވެ.
76 އަހަރުގެ ޝެއިޚް ހަސީނާ ވަނީ ޤައުމުން ފިލައިވަޑައިގެންފައެވެ. އަދި ރިޕޯޓުތަކުގައިވާ ގޮތުން އޭނާ ވަނީ ހޯމަ ދުވަހު އިންޑިއާއަށް ވަޑައިގެންފައެވެ.
މި ޚަބަރާއެކު އުފާވެރިކަމުގައި ގިނަ ބަޔަކު މަގުމައްޗަށް ނުކުމެ، ބައެއް މީހުން ބޮޑުވަޒީރުގެ ގަނޑުވަރަށް ވަދެ، އޭނާގެ ކުރީގެ ގެކޮޅުގެ ބައެއް ތަންތަނަށް ގެއްލުންދީ، ވައްކަންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޝެއިޚް ހަސީނާގެ އިސްތިއުފާއަށްފަހު ގަޑިއިރުތަކެއްގެ ތެރޭގައި، ރައީސް މުޙައްމަދު ޝަހާބުއްދީން ވަނީ ޖަލުގައި ހުރި ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ އާއި ސަރުކާރުގެ ވަޒީފާތަކުގެ ކޯޓާ ނިޒާމާ ދެކޮޅަށް ފަހަކަށްއައިސް ބޭއްވުނު މުޒާހަރާތަކުގައި ހައްޔަރުކުރެވުނު ދަރިވަރުން ދޫކޮށްލުމަށް އަމުރުކުރައްވާފައެވެ.
ރައީސް ޝަހާބުއްދީން ވިދާޅުވީ އޭނާ ސިފައިންގެ އިސްވެރިންނާއި ސިޔާސީ ފަރާތްތަކުގެ ބައްދަލުވުމެއް ރިޔާސަތު ބަލަހައްޓަވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ވަގުތީ ސަރުކާރެއް އުފައްދަވާނެ ކަމަށާއި، އައު އިންތިޚާބަކަށް ގޮވާލައްވާނެ ކަމަށާއި، މުޅި ޤައުމަށް އަމާޒުކޮށް ނެރެފައިވާ ކަރްފިއު ނަންގަވާލައްވާނެ ކަމަށެވެ.
ހޯމަ ދުވަހު ޑާކާގައި، ފުލުހުންގެ އަދި އެހެނިހެން ސަރުކާރުގެ އިމާރާތްތަކަށް ހަމަލާދީ އަލިފާން ރޯކޮށްފައިވެއެވެ. މުޒާހަރާކުރި ފަރާތްތަކުން މިނިވަންކަމުގެ ލީޑަރު ޝެއިޚް މުޖީބުއް ރަޙްމާން ( ބޮޑުވަޒީރު ހަސީނާގެ ބައްޕާފުޅު) ގެ ބުދު ވައްޓާލަން މަސައްކަތްކޮށްފައިވެއެވެ.
މުޅި ސިޓީގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވިއެވެ. މޯބައިލް ފޯނު ޚިދުމަތް އެތައް ގަޑިއިރަކަށް ކަނޑާލެވުނު ކަމަށް ރިޕޯޓުކޮށްފައިވެއވެ. އޭގެ ފަހުން އެ ޚިދުމަތް އަނބުރާ ވަނީ ދީފައެވެ.
ބޮޑުވަޒީރު ހަސީނާ އިސްތިއުފާ ދެއްވާފައިވާއިރު ހޯމަ ދުވަހު، މުޒާހަރާކުރާ މީހުން ބޮޑުވަޒީރުގެ ގެއިން ފަރުނީޗަރު ނެރެގެން ދާތަން ފެނުނެވެ. ހޯމަ ދުވަހު ގިނަ އަދަދެއްގެ މީހުން މަރުވި ކަމަށް ވެސް ރިޕޯޓު ކޮށްފައިވެއވެ، ނަމަވެސް ސީދާ އަދަދު އަދިވެސް ސާފެއް ނުވެއެވެ. އޭއެފްޕީ ނިއުސް އޭޖެންސީއިން ރިޕޯޓުކުރި ގޮތުގައި 66 މީހުން މަރުވިއެވެ، ނަމަވެސް ބަންގްލަދޭޝްގެ ނޫހެއް ކަމުގައިވާ ދާކާ ޓްރިބިއުންއިން ބުނާ ގޮތުގައި 135 މީހުންނާ މަރުވެފައިވާ ކަމަށް ބެލެވެއެވެ.
ދަރިވަރުން ކުރި މުޒާހަރާތަކަކަށް ފަހު ހަސީނާ އިސްތިއުފާ ދެއްވާ ގައުމު ދޫކޮށް ފިއްލަވާވަޑައިގެން އިންޑިއާއަށް ވަޑައިގެންފައިވާއިރު މީގެކުރިން އެތައް ފަހަރެއްގެ މަތިން ސިފައިންގެ ބަޣާވާތްތައް ހިނގާފައިވެއެވެ. އޭގެ ތެރެއިން އެންމެ ފަހުން ހިނގި ބަޣާވާތަކީ 2007 ވަނަ އަހަރު ހިނގި ބަޣާވާތެވެ.
ބޮޑުވަޒީރު ހަސީނާގެ އިސްތިއުފާއަށް ފަހު އެމެރިކާ ސަރުކާރުން ވަނީ ސިފައިންގެ ”ހިތްވަރުގަދަކަމަށް“ ތަޢުރީފުކޮށް، ވަގުތީ ސަރުކާރެއް އުފައްދަންޖެހޭނެ ކަމަށް ބުނެފައެވެ. ޔޫރަޕިއަން ޔޫނިއަނުން ގޮވާލާފައިވަނީ ޑިމޮކްރެޓިކް އުސޫލުން އިންތިޚާބުކުރެވޭ ސަރުކާރަކަށް ”ރަނގަޅު އަދި ސުލްޙަވެރި“ ގޮތެއްގައި ބަދަލުވުމަށެވެ. އަވައްޓެރި އަދި ސަރަޙައްދީ ބާރުވެރި ޤައުމު ކަމުގައިވާ އިންޑިއާއިން މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

