ބަންގްލަދޭޝްގެ ސަރުކާރާއި ދެކޮޅަށް ކުރަމުންދާ އިހުތިޖާޖުތަކާއި ގުޅިގެން ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް ކުރާ ދަތުރުތައް ކެންސަލްކޮށްފިއެވެ.
މިކަމާއި ގުޅޭ މައުލޫމާތު ދެއްވަމުން މޯލްޑިވިއަންއިން ބުނީ އަދުން ފެށިގެން އެ ގައުމަށް ކުރަމުންދާ ދަތުރުތައް ކެންސަލް ކޮށްފައިވާ ކަމަށެވެ.
އެ ގައުމުގެ ހާލަތު ވަރަށް ގާތުން މޯލްޑިވިއަން އިން ދަނީ ބަލަމުންކަމަށާއި، މިދަނޑިވަޅުގައި ފަސެންޖަރުންނަށް އެހީތެރިކަން ފޯރޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށް އެ އެއާލައިނުން ބުންޏެވެ.
މި އިހުތިޖާޖުތައް ކުރިއަށް ދާތާ އެތައް ދުވަހެއްވެފައިވާއިރު، މި އިހުތިޖާޖުގެ ތެރެއިން 300 ދަރިވަރުން މަރުވެފައިވާކަންވެސް ފާހަގަކުރެވެއެވެ. އިއްޔެ އެ ގައުމުގެ ބޮޑު ވަޒީރު ޝެއިހު ހަސީނާ، ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވީވެސް މި މައްސަލަގައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ރިޔާސީ ގަނޑުވަރު ކައިރިއަށް އެއްވެވެސް މުޒާހަރާކޮށްފައެވެ. އިސްތިއުފާ ދެއްވުމަށްފަހު ހަސީނާ ވަޑައިގެންނެވީ އިންޑިއާގެ އަގާޓަލާ ސިޓީއަށެވެ.

