މި ސަރުކާރުން ވިސްނުން ގެންގުޅެމުން ދަނީ، ގާނޫނުއަސާސީ އިސްލާހުކޮށް ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ މުއްދަތާއި ވެރިކަން ކުރާ ފަސް އަހަރު ވެސް އިތުރު ކުރުމަށްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތުހުމަތު ކުރައްވައިފި އެވެ.
މިރޭ ކުރިޔަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޝަހިދު ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުތައް ރަނގަޅުކަމަށް ދައްކަން ސަރުކާރުން މަސައްކަތް ކުރި ނަމަވެސް ހަގީގީ މަންޒަރަކީ އެއީ ނޫންކަމަށެވެ. އެގޮތުން އިންޑިއާއާއި އެކު އޮތް ޒަމާންވީ ގުޅުމަށް ބުރޫއަރާ ކަންތަކެއް ހިނގައި ގޮސް އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބުނު ގެއްލުން އެތައް ގުނައެއް އިތުރުކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުކެ މާކެޓު ވެސް ވަރަށް ބޮޑުތަނުން ދަށްވެފައިވާކަމަށެވެ. ރިސޯޓުތަކުގެ އޮކިއުޕަންސީ ދަށްވެ، އިންޑިއާގެ މާކެޓު ވަނީ ކުރިޔަށް ވުރެ ބޮޑުތަނުން ދަށްވެފައިކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މިގޮތަށް ކަން ދިމާވަނީ ގައުމު ހިންގަން ނޭނގުމުގެ ސަބަބުންކަމަށާއި، މިއަދު ގާނޫނުއަސާސީއަށް 16 އަހަރު ފުރުން ފާހަގަކުރާއިރު ދިވެހި ގައުމު ވަނީ އަނެއްކާވެސް ފަހަތަށް ސޮއްސާލާފައިކަމަށެވެ. އެގޮތުން ރާއްޖޭގެ މުޅި ނިޒާމު އެއްކޮށް ތަޣައްޔަރުވެ މިސްރާބު ޖަހާފައި ވަނީ ބާރުވެރިކަމާއި އަޅުވެތިކަމުގެ އިންތިހާއަށްކަމަށް ޝާހިދު ވިދާޅުވި އެވެ.
މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއްކަމަށް ސިފަކޮށް ޝާހިދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުން ހުރީ ރައްޔިތުންނަށް ލިބިގެންވާ ބަސް ބުނުމުގެ ހައްގު ނިގުޅައިގަތުމަށް ކަމަށެވެ. އެގޮތުން މުވައްސަސާތަކުގެ މައްޗަށް ބާރު ފޯރުވައި، ނިކަމެތިކަމެއްގެ ތެރެއަށް ވައްޓާލާ މަންޒަރު ފެންނަން ފަށާފައިވާކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މި ސަރުކާރުން ބޭނުން ވަނީ ވެރިކަމާއި މަޖިލިސް ދައުރުގެ މުއްދަތު އިތުރު ކުރުމަށް ކަމަށެވެ. އަދި މިނިވަން މުވައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވައި، މެމްބަރުން މަދު ކުރުމަށްކަމަށް ވެސް ވިދާޅުވި އެވެ.

