ރާއްޖޭގެ ރަށްތައް ބެހިފައިވާ ގޮތުން ގައުމު އެންމެ ރަނގަޅަށް ހިންގޭނީ ލާމަރުކަޒީ ނިޒާމާއި އެކުކަމަށް ކުރީގެ އެންވައިރޮމެންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ނިޒާމަށް ބަދަލު ގެނެސް، ކައުންސިލްތަކުގެ ހިންގުމަށް އިސްލާހު ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި ލާމަރުކަޒީ ގާނޫނު މިހާރު އޮތް ގޮތުން ބޮޑެތި ހަރަދުތައް ކުރަން ޖެހޭތީ، މެމްބަރުން މަދު ކުރުމުގެ ވިސްނުން ހާމަކޮށް އެކަމުގެ ބައެއް ދިރާސާތަކެއް ފެށުމުން އެމްޑީޕީން ވަނީ އެއީ ބާރުތައް ޖަމާކުރުންކަމަށް ސިފަކޮށްފަ އެވެ.
ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ގެނެސް އެ ތަންފީޒު ކުރީ، އެމްޑީޕީންކަމަށް އެ ޕާޓީ ގަބޫލު ކުރެ އެވެ. އެހެންކަމުން، ސަރުކާރުން ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމުގެ މަސައްކަތް ފެށުމުން ޕާޓީގެ ބޮޑެތި ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
މި މައްސަލައިގައި އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ޝައުނާ ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުން ނުވަތަ ގާނޫނުއަސާސީގެ 8 ވަނަ ބާބަކީ އެމްޑީޕީގެ ވަރަށް ބުރަ މަސައްކަތް ކަމަށާއި އަދި އެއީ ރާއްޖޭގެ ރައްޔިތުން އެކަމަކަށް އެންމެ އެދި އެދި ހުރި އެއްކަންތައް ކަމަށެވެ.
ޝައުނާ ވިދާޅުވީ ސަރުކާރުގެ ފަރާތުން ބުނަމުން އައި ކައުންސިލްތަކަށް ކުރާ ހަރަދަކީ ބޭކާރު ހަރަދެއް ކަމަށެވެ. ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ހޭދަ ކުރަނީ 1.5 ބިލިއަން ރުފިޔާ ކަމަށް ޝައުނާ ވިދާޅުވިއެވެ. ޝައުނާ ވިދާޅުވީ ދައުލަތުގެ 30 ބިލިއަނުން ރާއްޖޭގެ 187 ރަށަށް ހަރަދުކުރަނީ އެންމެ 1.5 ބިލިއަން ކަމަށް ވުމުން އެއީ ބޭކާރު އެއްޗެއް ކަމަށް ސަރުކާރުން ބުނުމަކީ މިއަދު އެމްޑީޕީން ކަންބޮޑުވާ ކަމެއް ކަމަށް ޝައުނާ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ ބަޖެޓުގެ ނިސްބަތުން ބަލާނަމަ ކައުންސިލްތަކަށް ކުރާ ހަރަދަކީ 0.5 އިންސައްތަ ކަމަށެވެ. ރާއްޖޭގެ 187 ރަށުގެ ހިންގުން ހަރުދަނާ ވެގެން ދިއުމަކީ މި ދިވެހިރާއްޖެއަށްވެސް އެކަމުގެ ފައިދާ ބޮޑުކޮށް ލިބޭނެ އެއްޗެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝައުނާ ވިދާޅުވިއެވެ.
”ކައުންސިލްތަކަށް އަޅުގަނޑުމެން ބާރު ދިނީ ދިރާސާކޮށްފަ. އެބުނާ އިލްމީ ދިރާސާތައްކޮށްފަ، ކޮމަންވެލްތާއި ނިއުޒިލެންޑާއި ކެނެޑާގެ މާހިރުންނާއި މަޝްވަރާކޮށްފަ، ރާއްޖޭގެ ހުރިހާ ކައުންސިލަރުންނާއި އެކަމުގެ މަޝްވަރާތައްކޮށްފަ. ސިޔާސީ ޕާޓީތަކާއިވެސް އަޅުގަނޑުމެން އެ މަޝްވަރާތައް ކުރިން. އަދި މިއުޅެނީ މި ކައުންސިލްތަކާއި ހަމަ ނޭވާ ލެވޭނެ ވަގުތުތައްވެސް ނުދެވިގެން އުޅޭއިރުގައި، އަނެއްކާ މަރުކަޒީ ވިސްނުމުގެ، ކަތީބު ވިސްނުމުގެ ބޭފުޅުން މި ވިދާޅުވަނީ ކައުންސިލްތަކުގެ ބާރުތައް އެބަޖެހެޔޭ ކުޑަކުރަން. ކައުންސިލްތަކަށް ކުރާ ހަރަދުތައް މާބޮޑޭ“
ޝައުނާ ވިދާޅުވީ ސަރުކާރުން އެކަމާ މެދު ދައްކާ ވާހަކައަކީ ރަނގަޅު ވާޙަކައެއް ކަމަށް ގާބޫލު ނުކުރެވޭ ކަމަށެވެ. އަދި ރާއްޖޭގެ ރަށްތައް އޮތް ގޮތުންވެސް ރާއްޖެ ހިންގޭނީ ލާމަރުކަޒީ ނިޒާމާއި އެކު ކަމަށް ޝައުނާ ވިދާޅުވިއެވެ.

