ޓުއަރިޒަމް ދާއިރާ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިންޑިއާ މާކެޓު ފުޅާކުރެވޭނެކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ފައިސަލް ވިދާޅުވީ، އިންޑިއާ މާކެޓު އިތުރަށް ފުޅާކުރުމަކީ ކުރެވޭނެކަމެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އިންޑިއާ މާކެޓުގެ ކަންކަން ދަށްވެގެންދިޔައީ ސަބަބުތަކެއް މެދުވެރިވެގެންކަމަށެވެ. އެހެންނަމަވެސް މިއަދު އެ ހާލަތުވެސް ބަދަލުވެފައިވާކަމަށް ހިއްސާކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ފޮރިން ސިޔާސަތަަކީ ރާއްޖެއާއިއެކު މަސައްކަތްކުރަން ތައްޔާރު ހުރިހާ ގައުމަކާއިއެކުވެސް ހާރިޖީ ގުޅުމުގެ ތެރެއިން މަސައްކަތްތައް ކުރިއަށް ގެންދިއުންކަމަށެވެ ފައިސަލް ވިދާޅުވީ، އެއީ މި ސަރުކާރުގެ ވިސްނުން ނޫންކަމަށާއި ވަކި ގައުމުތަކަކާއިއެކު ގުޅުން ބޭއްވުމަކީ ކުރިން ޕްރޮގްރެސިވް ކޯލިޝަންގެ ތެރޭގައި ހުންނެވި ރައީސްއެއްގެ ވިސްނުންކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިއަދުގެ ސަރުކާރުގެ ވިސްނުމަކީ އިންޑިއާ އަދި ޗައިނާ އާއިއެކުވެސް ގާތް ގުޅުމެއް ބާއްވައިގެން ކުރިއަށް ދިއުންކަމަށާއި ރައީސް މުއިއްޒުގެ ސަރުކާރުން މަސައްކަތްކުރާނީ ދުނިޔޭގެ ގައުމުތަކާއި ގުޅިގެންކަމަށް މައުލޫމާތު ދެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުގެ ވިސްނުމަކީ އެކަހެރިވުން ނޫންކަމަށާއި އެކަމުގެ ސަބަބުން އިންޑިއާގެ މާކެޓު ވަރަށް ބޮޑަށް ކުރިއަރައިގެންދާނެކަމަށް ލަފާކުރެއްވޭކަމަށްވެސް ވިދާޅުވިއެވެ. ފައިސަލް ވިދާޅުވީ، އެމްއެމްޕީއާރްސީއިންވަނީ ދާދި ފަހުންވެސް އެ ގައުމުގައި މާކެޓިން މަަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެމްއެމްޕީއާރްސީއިންވަނީ އިންޑިއާގެ އެންމެ ވަރުގަދަ ތިން ސިޓީގައި ރޯޑް ޝޯ ނިންމާފައިކަމަށާއި އިތުރު މަސައްކަތްތަކެއްވެސް އެ ގައުމުގައި ރާވަަމުންދާކަން ހިއްސާކުރެއްވިއެވެ. ފައިސަލް ވިދާޅުވީ، އިންފްލުއެންސަރުންނާއި ސެލެބްރިޓީން ގެނެސްގެންވެސް ރާއްޖެ މާކެޓު ކުރުމުގެ މަސައްކަތްތައް ފުޅާ ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. މިނިސްޓަަރ ވިދާޅުވީ، މަޝްވަރާތައް ކުރިއަށް ގެންދާ ސެލިބްރިޓީންނަކީ އެތައް މިލިއަން ފަލޮވަރުންނެއް ސޯޝަލް މީޑިއާގައި ގެންގުޅޭ މީހުންކަމަށާއި އެ މީހުން ގެނެސްގެން ކުރެވޭ މަސައްކަތްތަކުގެ ތެރެއިންވެސް އިންޑިއަން ޓުއަރިސްޓް އެރައިވަލްސް އިތުރު ކުރުމަށް ފުރުސަތު ފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައިވެސް ދެ ގައުމުގެ ދެމެދު ގުޅުން ބަދަހިވެގެންދާނެ މަސައްކަތްތަކެއް ހުރިކަމަށެވެ. އެގޮތުން އެ ގައުމުގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ކަނޑައެޅިފައިވާކަމުގެ މައުލޫމާތު ދެއްވިއިރު އެކަމަކީވެސް ލިބިފައިވާ ބޮޑު ކުރިއެރުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އިންޑިއާ ޗައިނާ ފަދަ ގައުމުތަކުގައި ގިނަ ކަންކަމަކީ އެ ގައުމުގެ ތަކުގެ ސަރުކާރާއި ދެމެދު އޮންނަ ގުޅުމަށް ބުރަވެ އޮންނަ ކަންކަން ކަމަށާއި ރައީސް މުއިއްޒުގެ ސަރުކާރުން ދެ ގައުމާއިއެކުވެސް ގާތް ގުޅުމެއް ދަމަހައްޓާކަމަށް އަލިއެޅުއްވިއެވެ. އަދި މިނިސްޓްރީގެ އަމާޒަކީ މާކެޓިން މަސައްކަތްތައް މެދުވެރިކޮށް އިސްވެ ދެންނެވި ކޮންމެ މާކެޓަކުންވެސް ރާއްޖެއަށް މިލިއަނުން ފަތުރުވެރިން ގެނައުންކަމަށް ވިދާޅުވިއެވެ. އަދި މިކަންކަމަކީ ފަތުރުވެރިކަމުގެ މަސައްކަތްތައް ކުރިއެރުވުމުގެ ޒިންމާ އެޅިފައިވާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް މެދުވެރިކޮށް ކާމިޔާބު ނުކުރެވޭނެ މަސައްކަތެއް ނޫންކަމަށް ވިދާޅުވިއެވެ.

