ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ދޫކޮށްފައިވާ 4،000 ފްލެޓުގެ މައްސަލަ މި މަހުގެ ތެރޭގައި މުރާޖައާ ކުރެވޭނެކަމަށާއި، މި މަސައްކަތް އޮކްޓޯބަރ މަހަށް ނިންމާލެވޭނެކަމަށް ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ 4،000 ފްލެޓާއި ގުޅިގެން ޑރ ހައިދަރު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މަސައްކަތް އޮތީ ހުއްޓުވާފައިކަމަށެވެ. ފްލެޓު ލިސްޓު އަލުން މުރާޖައާ ކުރުމަށް އޭސީސީއިން ދެ ފަހަރެއްގެ މަތިން އެންގިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިދިޔަ އަހަރުގެ 16 ނޮވެމްބަރުގައި މި މަސައްކަތް ހުއްޓާލުމަށް އޭސީސީއިން އެންގިކަމަށް ހައިދަރު ވިދާޅުވިއެވެ.
މި 4،000 ފްލެޓާއި ގުޅިގެން މި ސަރުކާރަށް އެއްވެސް މަސައްކަތެއް ނުކުރެވި އޮތީ އޭސީސީއިން ތަހުގީގު ކުރަމުންދާތީކަމަށް ފާހަގަކޮށް ހައިދަރު ވިދާޅުވީ، މިއީ 7،000 އަށްވުރެ ގިނަ މީހުންގެ ޝަކުވާއާއި ހެދި ތަހުގީގު ކުރަމުންދާ މައްސަލައެއްކަމަށެވެ.
ތަހުގީގު ނިންމުމަށްފަހު މަސައްކަތް ކުރިއަށް ގެންދިއުމަށް އޭސީސީއިން ހަވާލުކުރީ 14 ފެބުރުއަރީގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބައެއް ކަންކަން ކުރުމަށް ލާޒިމް ކުރިކަމަށް ވިދާޅުވިއެވެ.
އެގޮތުން އެއްކަމަކަށް އަޅުގަނޑު ފާހަގަކުރާނީ، އުސޫލާއި އެއްގޮތަށް ޕޮއިންޓު ދީފައި ހުރި ފޯމުތައް ލިބިފައިވާ ޕޮއިންޓަށް ބަދަލު ނާންނަ ގޮތަށް، ކަށަރުކޮށް، މައްސަލަ ހުރި ފޯމުތައް އަލުން މުރާޖައާ ކުރުން.
ހައިދަރު ވިދާޅުވިއެވެ.
އެގޮތުން ރަނގަޅަށް ޕޮއިންޓު ދީފައި ހުރި ފޯމުތަކުގެ ޕޮއިންޓަށް ބަދަލު ނާންނަކަން ކަށަވަރުކުރުމަށާއި، މައްސަލަތައް ހުރި ފޯމުތައް އަލުން މުރާޖައާ ކުރުމަށް ލާޒިމް ކުރިކަމަށް ހައިދަރު މައުލޫމާތު ދެއްވިއެވެ.
މައްސަލަ ހުރި ފޯމުތައް މުރާޖައާ ކުރުމުގައި ފޯމުގައި ހުށައަޅާފައިވާ އެންމެންގެ މެދުގައި އެއް މިންގަނޑަކުން އަމަލުކުރުމަށް އަންގާފައިވާއިރު، ފޯމުތައް އަލުން މުރާޖައާ ކުރުމުގައި އުސޫލުގައި ވަކި ގޮތެއް ކަނޑައަޅާފައި ނުވާ ކަންކަމާއިމެދު، އަމަލު ކުރާނެ ގޮތެއް ކަނޑައަޅާ އެކަން އާންމު ކުރުމަށްވެސް ލާޒިމް ކުރިކަމަށް ވިދާޅުވިއެވެ. މިނިސްޓަރު މިކަންކަން ތަންފީޒު ކުރުމުގައި ހަމަހަމަކަން ގާއިމްކުރުމަށްވެސް ލާޒިމްކޮށްފައިވާކަމަށެވެ.
މީގެ ކުރީގައި މި މަސައްކަތް ކުރި މީހުންގެ އެއްވެސް ބައިވެރިވުމެއް މި މަސައްކަތުގައި ނުހިމެނުމަށްވެސް އަންގާފައިވެއެވެ. މޯލްޑިވްސް ކަސްޓަމް ސާވިސްގެ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ 100 ފްލެޓާއިމެދު އަމަލު ކުރާނެ ގޮތެއް ކަނޑައަޅާ އާންމު ކުރުމަށްވެސް އަންގާފައިވާކަމަށް ވިދާޅުވިއެވެ.
މިހާރު މަސައްކަތްތައް ބައްޓަން ކޮށްފައި ހުރީ މި މަގުންކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މި މަސައްކަތުގައި މިނިވަން ކޮމިޓީއެއް އެކުލަވާލާ އެމީހުން ލަފާ ހޯދާފައިވާނެކަމަށާއި، އަދި ސިޓީ ކައުންސިލްގެ މެންބަރުން ހިމެނޭ ކޮމިޓިއެއް އެކުލަވާލާ ލަފާ ހޯދާފައިވާނެކަމަށްވެސް ހައިދަރު ވިދާޅުވިއެވެ. މި މަހުގެ މެދު ތެރޭގައި މުރާޖައާ ކުރުމުގެ މަސައްކަތް ފެށޭނެކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ފްލެޓުތައް ދޫކުރާނީ އޭގެ އެންމެ ހައްގުވެރިންނަށްކަމަށާއި، މި މަސައްކަތް އޮކްޓޯބަރ މަހަށް ނިންމާލެވޭނެކަމަށެވެ.

