ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ އަސްވާޑުގެ މެސެޖު ޒުވާނުންނަށް: ހުވަފެންތަކުގައި ކުލަ ޖައްސަން ގަދައަޅައި މަސައްކަތް ކުރޭ، އެހީވާނަން!

ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޒުވާނުންނަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތައް ދެނެގަނެ ގައުމަށް ފައިދާ ހުރި ދަރީންނަށް ހެދުމަކީ ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތުކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.

ޒުވާނުންގެ ދުވަހުގެ ހިތާބުގައި މިނިސްޓަރ ވިދާޅުވީ ގައުމެއްގެ އެންމެ އަގުހުރި ތަރިކައަކީ ޒުވާނުން ކަމަށެވެ. ގައުމުގެ ތަރައްގީގެ އެންމެ ބާރުގަދަ ވަސީލަތް ޒުވާނުންނަކީ، މުސްތަގުބަލު ކަނޑައަޅާނެ ސިކުނޑިތައްކަމަށްވުމާއި އެކު ޒުވާނުންނަށް ފުރުސަތުތައް ހޯދައިދީ ކުރިއެރުން ހޯދައިދިނުމަކީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ހަގީގީ މާނައިގައި ޒުވާނުން ބާރުވެރިކޮށް ކާމިޔާބު މުސްތަގުބަލެއް ހޯދައިދޭން، ރައީސް ޑރ. މުހައްމަދު މުއިއްޒު މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެ ސިޔާސަތުތައް ކާމިޔާބު ކުރުމަށް ޔޫތް މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މި ސަބަބަށްޓަކައި ޒުވާނުންނަށް ދިމާވެފައިވާ އިޖްތިމާއީ މައްސަލަތައް ދެނެގަނެ ގައުމަށް ފައިދާ ހުރި ދަރީންނަށް ހެދުމަކީ އެންމެ ބޮޑު ވިސްނުން ކަމަށެވެ. މިނިސްޓަރ އަސްވާޑު ވިދާޅުވީ ޒުވާނުންނާއި ބެހޭ ގައުމީ ސިޔާސަތެއް އެކުލަވާލުމަށް ކުރަމުން ގެންދާ މަސައްކަތުގެ ހެޔޮ ނަތީޖާ ވަރަށް އަވަހަށް ލިބިގެންދާނެ ކަމަށެވެ. އެގޮތުން މި ސިޔާސަތުތަައް އެކުލަވާލުމުގައި، ހުރިހާ ޒުވާނުންނާއި މަޝްވަރާކޮށް އެއްވެސް ޒުވާނަކު ބާކީ ނުވާނެކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވި އެވެ.

މިނިސްޓަރ ވިދާޅުވީ ފަންނިއްޔަތާއި، މުވައްސަލާތުގެ ފަންނިއްޔާތުގެ ތެރެއިން ބޮޑެތި ކުރިއެރުންތައް ދުނިޔެ ހޯދަމުންދާއިރު މިއީ ޒުވާނުންނަށް ލިބޭ އިބްރަތެއްކަމަށެވެ. އެހެންކަމުން ފަންނިއްޔަތުގެ ދާއިރާގައި ޒުވާނުން ކުރިއެރުވުމަށް ސަރުކާރުން ނުހަނު އެދޭކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މި އަހަރުގެ ތެރޭގައި ތަފާތު އެކި ޕްރޮގްރާމްތައް ހިންގިކަމަށެވެ. މިސާލެއްގެ ގޮތުގައި މިނިސްޓަރ ވިދާޅުވީ ޒުވާނުންގެ އެތަައް ހުނަރެއް ފެނިގެން ދިޔަ 250 ޒުވާނުން ބައިވެރިވި ހެކަތޯން އެވެ.

އެ ހެކަތޯން ސާބިތުކޮށް ދިނީ މިނިސްޓަރ ވިދާޅުވި ގޮތުގައި ފަންނިއްޔަތުގެ ދާއިރާގައި ޒުވާނުން މުޅިން އެހެން ރާއްޖެއަކަށް ގެންދާނެކަމުގެ މަލަމައްޗެވެ.

މި ދާއިރާގައި ދުނިޔޭގެ ޒުވާނުން ހޯދައިފައިވާ ބޮޑެތި ކާމިޔާބީ ތަކަކީ އަޅުގަނޑުމެންގެ ޒުވާނުންނަށް ހުރި އިބްރަތްތަކެއް. ރަނގަޅު ނަމޫނާތަކެއް. ފޭސްބުކް، މައިކްރޯސޮފްޓް ފަދަ އީޖާދުތަކަކީ ޒުވާނުން އުމުރުން ފާހަގަކޮށްލެވޭ މިސާލުތަކެއް. މިފަދަ ޒުވާނުން ރާއްޖޭގައި ނިސްބަތުން މާގިނަ. ޅަ ދުވަހު، ވިޔަފާރިތައް ކާމިޔާބުކޮށް، ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމުގައި ތިބި ޒުވާނުން ފެންނަންތިބިކަމީ އަޅުގަނޑުމެން ނުހަނު އުފާކުރާކަމެއް. މިފަދަ ސަބަބުތަކަށްޓަކައި، ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުން ކުރިއެރުވުމަކީ ސަރުކާރުން ނުހަނު އިސްކަމެއްދޭކަމެއް. މިގޮތުގެމަތީން ހިންގޭ ތަފާތު އެތަކެއް ޕްރޮގްރާމެއް މިއަހަރުތެރޭގައި ވެސް ވާނީ ހިންގިފައި. ފަންނިއްޔާތުގައި ހަރަކާތްތެރިވާ ވަރަށް މަދު އެހެނަސް ހުނަރުން ފުރިގެންވާ 250 ޒުވާނުންނާއެކު މިއަހަރު ކުރީކޮޅު އަޅުގަނޑުމެން ކުރިއަށްގެންދިޔަ ހެކަތޯންއިން ފެނިގެން ދިޔައީ އާދަޔާހިލާފު ހުނަރު. ފަންނިއްޔާތުގެ ދާއިރާއިން ޒުވާނުން މުޅިން އެހެން ރާއްޖެއަކަށް ދިވެހިން ގެންދާނެކަމުގެ މަލަމަތި.

މިނިސްޓަރ އަސްވާޑު ވިދާޅުވީ ދިވެހި ގައުމުގައި ތިބީ ކެރޭ ހިތްވަރުގަދަ، ތައުލީމީ ހުނަރުވެރި ޒުވާނުން ކަމަށެވެ. މިއީ ތަޖުރިބާ ހޯދައި ދުނިޔެއަށް ލޯ ހުޅުވޭ އުމުރުކަމަށްވާއިރު އެ ހަގީގަތަށް ބިނާކޮށް ތަޖުރިބާގެ ފުރުސަތު ރާއްޖޭގެ ޒުވާނުންނަށް ހޯދައިދިނުމަށް ރޭވި ތަރުތީބުވެގެންވާ ޕްރޮގްރާމްތައް ހިންގައި އެ ފުރުސަތު ހޯދައިދޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ އެއްކަމެއް ކޮށްގެން ނޫނީ އަނެއްކަމެއް ނުކުރެވޭކަން. ކަމެއް ކޮށްގެން ނޫނީ ކާމިޔާބެއް ނުހޯދޭނެކަން. މިކަން ގަބޫލުކޮށް، މި ހަގީގަތާ ކުރިމަތިލުމަށް މިއަދު އަޅުގަނޑު އިލްތިމާސްކުރަން.

ޒުވާނުންގެ ހުވަފެންތަކުގައި ކުލަ ޖައްސައި އުޖާލާ މުސްތަގުބަލެއް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވައި މިނިސްޓަރ ދެއްވީ އެކަމުގައި އެއްބާރުލުން ދޭނެކަމުގެ ޔަގީންކަމެވެ. އަދި ވިދާޅުވީ ޒުވާނުން ކުރިޔަށް ދާން ބޭނުންވާ ދާއިރާތަކުން އެ ޒުވާނުންނަށް މި ސަރުކާރުން އެހީތެރިކަން ދޭނެކަމަށެވެ. ޒުވާނުންނަށް ބޭނުންވާ ބޯހިޔާވަހިކަމާއި، ކުޅިވަރު އަދި ތައުލީމީ ފުރުސަތުތައް ހޯދައިދީ ރަނގަޅު އާމްދަނީއެއް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މީގެއިތުރުން ޒަމާނީ ޕްރޮޑަކްޝަން ހައުސްއެއް ގާއިމު ކުރުމާއި، ދިވެހި ޒުވާނުންގެ ޝައުޤުވެރިކަމާއި ހުނަރު ހުރި ގިނަ ދާއިރާތަކެއް ދިވެހިންނަށް ހާއްސަ މަސައްކަތްތަކެއްގެ ގޮތުގައި އެކަށައަޅައި، އެ ދާއިރާތަކުގައި ދިވެހި ޒުވާނުންނާ ވާދަކޮށް ބިދޭސީން ހަރަކާތްތެރިވުން ހުއްޓުވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ދުނިޔޭގައި މިހާރު ކުރިއަރަމުންދާ އޮން-ޑިމާންޑް ވާކްފޯސް ނުވަތަ ފްރީލާންސިންގ މާކެޓްތަކަށް ދިވެހި ޒުވާނުންނަށް ފުރުސަތު ހުޅުވައިދިނުމުގެގޮތުން އޮންލައިން ޕްލެޓްފޯމްތަކުގައި ސެލަރ އެކައުންޓް ހުޅުވޭގޮތް ހަމަޖައްސައި، މި ޕްލެޓްފޯމްތައް މެދުވެރިކޮށް ޒުވާނުންނަށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 71%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: