މާލޭގެ ރައްޔިތުންނަށް ކުރީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއަކީ ހިޔާނާތެއްގެ ގޮތުގައި ސިފަ ކުރައްވައި އެއީ ބޮޑު ސްކޭމްއެއްކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު، އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ގޯތީގެ މައްސަލައިގައި ޕީއެންސީގެ އިތުރުން އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް މިއަދު ބޭއްވި އެވެ. ފްލެޓާއި ގޯތީގެ މައްސަލައިގެ ބަހުސެއް މިއަދު ދެ ޕާޓީގެ ދެމެދު ގޮސް މަޖިލިސް ތަޅުން ހޫނުވީ ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ގޯއްޗާއި ފްލެޓުތައް ދޫކުރުމާއި ގުޅޭގޮތުން ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު ދެއްކެވި ވާހަކައަށް ހިތްހަމަނުޖެހިގެންނެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި އެމްޑީޕީގެ މެމްބަރުންގެ ސުވާލުތަކަށް ހައިދަރު ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތައް ހުރީ ކަނޑުގައިކަމަށެވެ. އެކަމަށް ދެކޮޅު ހަދައި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ އެއީ ބޮޑު އޮޅުވާލުމެއް ކަމަށެވެ.
މައްސަލައިގައި ޕީއެންސީ ވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ބުނެފައި ވަނީ ކުރީ ސަރުކާރުން ގޯތިތައް ދޫކުރީ ވަރަށް ޒިންމާދާރުކަން ކުޑަކޮށްކަމަށާއި އެއީ ރިޔާސީ އިންތިހާބަށް ކަޑަޖަހާ އުސޫލުން ކުރިކަމެއް ކަމަށެވެ.
ފަލާހު ވިދާޅުވީ ހުޅުމާލެއިން ދޫކުރި ގޯތީގެ އަގު އެކަނި 5 ބިލިއަން ރުފިޔާއަށް އަރާއިރު، އެކަން ހިޔަނާތް ނޫން އެހެން ގޮތަކަށް ބެލެވެން ނެތްކަމަށެވެ. ހިލޭ ގޯތި ދިނުމުގެ ވިސްނުމެއް އޮތް ނަމަ އެކަން ކުރަންވާނީ އެންމެނަށް ހަމަހަމަ އުސޫލުންކަމަށާއި ގޯތި ހިލޭ ދޫކޮށް ބިން އަނެއްކާވެސް ވިއްކުމަކީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް ފަލާހު ވިދާޅުވި އެވެ.

