އިންޑިއާއަށް ދިވެހިރާއްޖެއަކީ ވަަރަށް މުހިންމު އެކުވެރިއެއްކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބާގައި ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ތަހުނިޔާގެ މެސެޖެއް އެކްސްގައި ޕޯސްޓުކުރައްވާފައެވެ. އެމަނިކުފާނުވަނީ ދެ ގައުމުގެ ދެމެދު ދެމެހެއްޓިފައިވާ ތާރީޙީ ގުޅުމުގެ ތެރެއިން ރާއްޖެއަށާއި މުޅި ސަރަހައްދަށްވެސް ލާަބައާއި ތަރައްގީ ހާސިލުކުރެވިފައިވާކަމަށެވެ. އަދި ކުރިމަގަށް ނަޒަރު ހިންގާއިރު މި ގުޅުން އިތުރަށް ވަރުގަދަވެ ދެގައުމުގެވެސް މަސްލަހަތު ހިމާޔަތްކުރެވިގެންދާ ގޮތަށް މަންފާތަކާއި ލަނޑުދަނޑިތައް ހާސިލުކުރެވޭނެކަމުގެ ޔަގީންކަން އޮތްކަމަށެވެ.
ބޮޑުވަޒީރު މޯދީވަނީ ރައީސްގެ މި ޕޯސްޓު ފާހަގަކޮށް އެކްސްގައި މެސެޖެއް ކުރައްވާފައެވެ. އެގޮތުން އެ ގައުމުގެ މިނިވަން ދުވަހުގެ މުނާސަބާގައި ފޮނުއްވި ތަހުނިޔާއަށް ޝުކުރުވެރިވެވަޑައިގަންނަވާކަމަށާއި އެ ގައުމުން ރާއްޖެ، މުހިންމު އެކުވެރިއެއްގެ ގޮތުގައި ބަލައިގަންނަކަމަށް ހިއްސާކުރެއްވިއެވެ. މޯދީ ވިދާޅުވީ، ދެ ގައުމުން އެކުގައި ދެ ގައުމުގެ ރައްޔިތުންގެ މަންފާއަށް މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށެވެ.

