ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއާއި އިންޑިއާ ދެމެދަށް ދަރުއެޅީ ނިމިދިޔަ ސަރުކާރުން!

ރައީސް މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު މޯދީއާއެކު އިއްޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިން. -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއާއި އިންޑިއާ ދެމެދުގެ ގުޅުމާއިމެދު ބަހުސްތައް ކުރެވެމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އިދިކޮޅު ފަރާތްތަކުން އަދުގެ ސަރުކާރުގެ މައްޗަށް އެ ގުޅުން ހީނަރުކޮށްލުމުގެ ތުހުމަތުތައް އަޅުވައެވެ. އެހެންކަމުން މިކަން މިއަދު އޮތް ގޮތް ސާފުކޮށް ބަލާލުން މުހިންމެވެ.

ތެދެކެވެ. ޕީއެންސީ ވެރިކަން ހާސިލުކުރުމަށް ބާރުވެރިވެގެންދިޔައީ ”އިންޑިއާ އައުޓް“ ގެ ނަމުގައި ހިންގި ހަރަކާތްތަކެއްގެ ތެރެއިންނޭ ބުނާ މީހުން މަދެއް ނޫނެވެ. އެހެންނަމަވެސް ދެއްކީ ހަމައެކަނި އެ ވާހަކަތަކެއްވެސް ނޫނެވެ. އިގްތިސާދު ކޮޅަށް ޖެހުމާއި މާލީ ތަނަވަސްކަން ލިއްބައިދިނުމުގެ އިތުރުން އަސާސީ ހިދުމަތްތައް ރަނގަޅު ފެންވަރަކަށް ލިބޭނެ މަގުފަހިކޮށްދިނުމާއި ވީދިގޮސްފައިވާ އިޖްތިމާއީ ފޭރާން އަލުން އައުކޮށް އަބުރުވެރިކަމާއި ހިސާބަށް ވާސިލުކޮށްދިނުމަކީވެސް ރައްޔިތުންނަށް ސަރުކާރުން ވީ ވައުދުތަކުގެ އަމާޒުތަކެވެ.

މައްސަލަތައް އުފެދިގެން އައި ގޮތަށް ބަލާއިރު ނިމިދިޔަ ސަރުކާރުގައި މައުލޫމާތު ސިއްރުކުރަމުންދިޔަ ދިއުން ބޮޑު ދައުރެއް އަދާކުރެއެވެ. ކަންކަމުގެ ހަގީގަތް ހޯދުމަށް އޭރު ޕީއެންސީންނާއި ނޫސްވެރިންވެސް ކުރަމުން އައި މަސައްކަތްތަކަށް ލިބުނު އާންމު އެއް ޖަވާބަކީ އެ މައުލޫމާތެއް ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބުނި ބުނުމެވެ. މާލީ މައުލޫމާތުތަކުން ފެށިގެން ދިފާއީ ކަންކަމާއި ހާރިޖީ މަސައްކަތްތަކާއި ގުޅޭ މައުލޫމާތުތަކަށް އެދުމުންވެސް އެކަމެއް ސިއްރުކޮށްލި ފަހަރުތައް އެކި މީހުންނަށް ތަޖުރިބާކުރެވިފައިވާނެއެވެ.

އެ އަމަލުތަކުން ރާއްޖެއާއި އިންޑިއާ ދެމެދު އޮތް ތާރީހީ ސާފު ގުޅުން ކިލަނބުކަމުގެ ތެރެއަށް ވެއްޓިގެންދިޔައެވެ. ސަރުކާރަށް ޖަވާބުދާރީ ނުވެވުމާއި މައުލޫމާތު ފޯރުނުކޮށްދެވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ސޯޝަލްމީޑިއާގައި ކާކުކަން ނޭނގޭގޮތަށް ހަދާފައިވާ އެކައުންޓުތަކުން ދައްކަމުންދިޔަ ވާހަކަތައް ހަގީގަތެއްގެ ގޮތުގައި އާންމު ރައްޔިތުންނަށް ސިފަވެ، ދިވެހިންގެ އެންމެ އަރިސް އެއް ރަހުމަތްތެރިޔާ، އިންޑިއާ އާއިމެދު މަދު ބަޔަކަށް ނަމަވެސް ނުބައި ތަސައްވުރެއް ކުރެވިގެންދިއުމާއި ގައުމުގެ ސިޔާދަތު ކަށަވަރުކުރުމަށް ކުރަމުން އައި ބުރަ މަސައްކަތްތަކުގެވެސް ހަގީގަތް އޮޅިގެން ދިއުމެވެ.

މިގޮތަށް ކަން އޮއްވާ ދިވެހިންގެ އަމިއްލަ ގައުމުގައި ބަސްބުނުމާއި ގޮތް ނިންމުމުގެ ހައްގު ގެއްލިގޮސްފައިވާކަމަށް ހީވެގެންދިޔަ ބައެއް މައްސަލަތައްވެސް ފެންމަތިވިއެެވެ. ނިމިދިޔަ ސަރުކާރަށް ބައިނަލްއަގުވާމީ ދުނިޔޭގައި ދިވެހިންގެ ޝުއޫރުތައް ސާފުކޮށް ހިއްސާކޮށްނުދެވުމުގެ ނަތީޖާއެއްގެ ގޮތުން ހަމަނުޖެހުންތައްވެސް ހިނގިއެވެ. ޔޯގާ ޑޭގެ ހަރަކާތްތަކާއިމެދު ރައްޔިތުންގެ ތެރެއިން ބަޔަކު މީހުން ނުރުހުންވެ އެކަން ކުރިއަށް ނުގެންދިއުމަށް ގޮވާލާ މަގުމަތީގެ ހަރަކާތްތައް ކުރިއަށް ގެންގޮސް ތަންތަނަށް ސިޓީލައި ހަދަމުންދިޔައިރު އެ ވާހަކަތައް އިންޑިއާގެ ހައިކޮމިޝަނާއި ހިއްސާކޮށް ހައްލެއް ހޯދާލުމަށް މަސައްކަތްކޮށްލުމުގެ ބަދަލުގައި ބީރުކަންފަތެއް ދީ ޖެއްސުމެއްކަމަށް ސިފަވާ ގޮތަށް ކުރިއަށް ގެންދިއުމުން ހިނގައިދިޔަ ހަމަނުޖެހުމަކީ މިފަދަ ކަމެއްގެ މިސާލެކެވެ.

އިންޑިއާ އައުޓް ހަރަކާތުގެ އަސްލު އޮޅުވާލީވެސް އޭރު ވެރިކަން ކުރަމުން އައި ޕާޓީއިންނެވެ. ހަރަކާތުގެ މަގުސަދުތަކުގެ ތެރޭގައި އިންޑިއާ އާއި ގުޅުން ކަނޑާލުން އަދި ކުރަމުންދިޔަ މުއާމަލާތްތައް ހުއްޓާލުން ނުހިމެނެވެ. ގޮވާލަމުންދިޔައީ ރާއްޖޭގައި ތިބި ސިފައިން ފަސްގަނޑުން ބޭލުމަށެވެ. އެ ޖަޒުބާތުތައްވެސް އިތުރުވެގެންދިޔައީ ރައްޔިތުންގެ އެދުމަށް ސަރުކާރަށް ކޭޓާރކޮށްދިނުމުގެ އިހުތިޔާރެއް ނެތްކަމަށް އެއްވެސް ފިޔަވަޅެއް އަދި މަސައްކަތެއް ނުކޮށް ބަހެއް ނުބުނެ ތިބި ތިބުމުން ސިފަވުމުންނެވެ. ހީވެގެންދިޔައީ އިންޑިއާއިން އެކަމަށް ދެކޮޅު ހަދަނީ ހެންނެވެ. އެހެންނަމަވެސް އިންޑިއާއިންނެއް އެކަމަކަށް ދެކޮޅު ނުހަދާކަން ސިފައިން ބާލައި  އެ މީހުން މެދުވެރިކޮށް ރައްޔިތުންނަށް ދެމުންދިޔަ ހިދުމަތްތަކާއި ކުރަމުންދިޔަ މަސައްކަތްތައް ހުއްޓިޔަ ނުދިނުމަށްވެސް އިންތިޒާމުތައް ހަމަޖަައްސައިދީފައިވުމުން އެނގެއެވެ. ނުބޭލޭނެކަމަށް އަދި ގުޅުން ކަނޑާލުމަށް މަސައްކަތްކުރާކަމަށް ސިފަކޮށް ރޯކުރި ހުޅުގަނޑު ޖެހީ އަދި ދަރު އަޅަމުން އައިސްފައިވަނީ އޭރު ވެރިކަން ކުރަމުންދިޔަ ފަރާތްތަކުންނެވެ.

އެ އަޑުތައް ގަދަވެގެންދިޔައީވެސް އޭރުގެ ސަރުކާރަށް އަވައްޓެރި ގައުމުން ދިވެހި ރައްޔިތުންނަށް ބޮޑެތި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ސިފައިންގެ ބޭކަލުންތަކެއް ރާއްޖެއަށް ފޮނުވައިގެން މަސައްކަތްތައް ބަލަަހައްޓަނީކަން ބުނެދޭން ނޭނގުމުންނެވެ. އެވަރުގެ އާދައިގެ ވާހަކައެއްވެސް ބޮޑު ސިއްރަކަށް ހެދުމަށް މަސައްކަތްކުރިއެވެ. ދިވެހިން އިންޑިއާ ރައްޔިތުންނާއިމެދު އެއްވެސް ޒާތީކަމެއް ނުގެންގުޅޭކަން ރާއްޖޭގައި އެގައުމުގެ ސިއްހީ ހިދުމަތްތެރިންނާއި ޓީޗަރުންނަށް އޮންނަ ގަދަރުން ޔަގީންވެއެވެ. އިންޑިއާ އާއި ރާއްޖޭގެ ހާރިޖީ ގުޅުމުގެ ދެމެދަށް ދަރުއެޅީ އޭރުގެ ސަރުކާރުނެނެވެ. ބުނަމުންދިޔަގޮތަށް އެއަރ އެމްބިއުލާންސް އަދި ދެ ގައުމުގެ ދެމެދު ކުރެވެމުންދިޔަ އެއްވެސް މަސައްކަތެއްވެސް ނުހުއްޓެެއެވެ. ފިޔާ އަދި ބިސްވެސް ލިބެއެވެ.

އަދުގެ ސަރުކާރާ އިންޑިއާ ދެމެދު ޖެހުނީ ހަގީގަތުގައި އެންމެ މައްސަލައެކެވެ. އެއީ ސަރުކާރުގެ މަގާމަކަށް އައިސްފައި ތިބި ސިޔާސީ އެކްޓިވިސްޓުންތަކަކަށްވެސް ހަރަކާތުގެ ހަގީގަތް އޮޅިގެން ދިމާވި މައްސަލައެކެވެ. ގައުމީ ކޮންމެ މަސައްކަތަކީވެސް ޖަޒުބާތުތަކެއް އާލާކުރުވާނެ ކަންކަން ކަމަށްވުމުން އެ ބީދައިން ސޯޝަލްމީޑިއާގައި ހިންގި ހަރަކާތްތަކުގެ އަސްލު މަސްހުނިވެ އެއީ ވަކި ގައުމަކާއިމެދު ނަފްރަތުކޮށް ހިންގި އަމަލެއްގެ ގޮތުގައި ފެނިގެންދިޔައެވެ. އެހެންނަމަވެސް އެ މިސްޓޭކުގައި ގަސްދުކޮށްގެން ހިންގި ނަފުރަތުގެ އަމަލެއްގެ ކުލަ ޖެއްސީވެސް ފައިބައިގެން ދިޔަ ސަރުކާރުގެ ބައެއް ވެރިންނާއި އެ ޕާޓީގެ ސިޔާސީ އެކްޓިވިސްޓުނެވެ. ނަމަވެސް އެ ހުޅުގަނޑު ފެތުރުމުގެ ކުރިން އައު ސަރުކާރުން ނިއްވާލިއެވެ.

އެކަން ކުރީ ޖަވާބުދާރީވެގެންނާއި ޒިންމާ ނަގައިގެންނެވެ. ފެށިގެން އައި ދުވަސްވަރު އެންމެންވެސް ތިބޭނީ ސިޔާސީ ޖަޒުބާތުތަކާއި އެ ވިސްނުންތަކުގެ ތެރޭގައިކަމަށްވާއިރު، ސަރުކާރެއްގެ ސިފައިގައި ހިނގައި ނުގަނެވެނީވެސް ޖެހުނު އެ މިސްޓޭކަށްޓަކައި އޮފިޝަލުންތަކެއް ސަސްޕެންޑުކުރިއެވެ. އެހެންކަމުން އިތުރަކަށް އެއީވެސް އޮތް މައްސަލައެއް ނޫންކަމަށްވާއިރު، ސަރުކާރުން އަމަލުތައް ބެހެއްޓިގޮތުން ވަކި ގައުމެއްގެ ދަށުވެފައި ނުވަތަ ވަކި އަތަކަށް ލެނބި އޮންނަ ގައުމެއްކަމަށް މީގެ ކުރިން ބުނަމުންދިޔަ ބުނުމުންނާއި އެ ވާހަކަތައް ދައްކާ މީހުންގެ ފަރާތުން ރާއްޖޭގެ ހާރިޖީ ގުޅުންތައްވެސް ސަލާމަތް ކުރެވިއްޖެއެވެ.

އެހެން ރައީސުންނާއި ހިލާފަށް ވެރިކަން ލިބުމުން ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާއަށް ވަގުތުން ވަޑައިނުގެންނެވުން އެއްބަޔަކަށް ބޮޑު މައްސަލައެއްގެ ގޮތުގައި ފެނިގެންދިއިރު، ޗައިނާއަށް ވަޑައިގަންނަވާނެކަމަށް ސިޔަސީ މަސްރަހު ދިރާސާކުރާ މީހުން އަންދާޒާކުރި ކުރުމާއި ހިލާފަށް ތުރުކީއަށް ޒިޔާރަތްކުރެއްވުމުގެ ސަބަބުން މިއަދު ރާއްޖެއާއި އެހެން ގައުމުތަކާއި ދެމެދު ބާއްވަމުންދާ ގުޅުންތަކާއިމެދު ދެކެވެމުންދިޔަ ނޭދެވޭ ވާހަކަތަކުގެ އަޑުތައްވެސް ކެނޑިގޮސްފިއެވެ. ރާއްޖެއާއި ޗައިނާ އަދި ރާއްޖެއާއި އިންޑިއާގެ އިތުރުން ރާއްޖެއާއިއެކު ގުޅުންތައް ބާއްވަމުންދާ އެހެން ގައުމަކާއި ގުޅޭގޮތުންވެސް ރައްޔިތުންގެ ތެރޭގައި ކިލަނބުކަމެއް ނެތެވެ. ކޮންމެ ކޮޅަކަށް ބަލާލިޔަސް ފެންނަމުންދަނީ މަންފާކުރަނިވި މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވަމުންދާ މަންޒަރެވެ.

އިންޑިއާއިން ރާއްޖޭގައި ތިބި ސިފައިން ބޭޅުމަށް ނިންމުމުން ފެށިގެން ލޯނު ފަސްކޮށްދޭން ނިންމި ނިންމުމާއި ހަމަ އެފަދައިން ޗައިނާއިންވެސް ދިވެހި މާލިއްޔާތަށް ބުރަ ނުވާ ގޮތަށް އަމަލުތައް ބަހައްޓާނެކަން ކަށަވަރުކޮށްދީފައިވުމުން ފެނިގެންދަނީ ހަމަ ހަމަކަމުގެ އަސާސްގެ މައްޗަށް ގުޅުންތަކެއް ބިނާވެފައިވާ މަންޒަރެވެ. މެދުއިރުމަތީގެ ގައުމުތަކުން ފެށިގެން ހުޅަނގުގެ ގައުމުތަކުންވެސް ދަނީ އައު ސަރުކާރާއިއެކު ގާތް ގުޅުންތަކެއް ބާއްވަމުންނެވެ.

ރާއްޖޭގެ ހާރިޖީ ގުޅުންތައް ހީނަރުކޮށްލުމަށްޓަކައި ދަރުއަޅަމުންދިޔައީ އަދުގެ އިދިކޮޅުންކަން މިފަހުން ހިންގާފައިވާ ބައެއް އަމަލުތަކުންވެސް ފެނިގެންދެއެވެ. އެގޮތުން ރާއްޖެއާއި އިންޑިއާ ދެމެދު ހުރިހާ ކަމެއްގައި އެއްބަސްވުމަކާއި ހިސާބަށް އާދެވި އަމާން އޮމާންކަން ގާއިމުވެ ގައުމުގެ ވެރިން ބައްދަލުކޮށް ކުރަމުންދިޔަ މަޝްވަރާތަކަށް މަރުހަބާ ކިއުމުގެ ބަދަލުގައި ފާޑުކިއުމަކީ މިފަހުން ހުޅެއް ޖަހަން ކުރި މަސައްކަތެއްގެ މިސާލެކެވެ. އިންޑިއާގެ އެކްސްޓާރނަލް އެފެއަރޒް މިނިސްޓަރު ޑރ ސުބްރަމާނިޔަމް ޖައިޝަންކަރު ރާއްޖެއަށް ވަޑައިގެން ސަރުކާރާއި ބައްދަލުކުރައްވަމުންދިޔައިރު އިދިކޮޅު ބައެއް ލީޑަރުންވަނީ އިންޑިއާ އައުޓްއިން ވެލްކަމް އިންޑިއާއަށް ސަރުކާރުގެ ސިޔާސަތު ބަދަލުވެފައިވާކަމަށް ބުނެ ފާޑުކިޔައި މަޝްވަރަހު ހޫނުކުރުމަށް މަސައްކަތްކޮށްފައެވެ.

އެހެންނަމަވެސް ޖަވާބުދާރީވުމާއި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އަވަސްވުމާއި އެކަށީގެންވާ ގޮތުގެ މަތިން މަޝްވަރާތައް ކުރެވިފައިވުމުގެ ނަތީޖާއަކީ އެކަންކަން ނާކާމިޔާބުވުމެވެ. އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބާގައި ރައީސް މުއިއްޒުވަނީ ބޮޑުވަޒީރު ނަރޭންދްރަ މޯދީއަށާއި އެގައުމުގެ ރައީސް ޑްރޫޕަދީ މުރްމޫއަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ. އަދި ދެ ގައުމުގެ ދެމެެދު ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެކަމުގެ ޔަގީންކަން ދެއްވިއިރު ބޮޑުވަޒީރު މޯދީވެސްވަނީ އެ ގައުމުން ރާއްޖެއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެކޭކަމަށް ވިދާޅުވެފައިކަމަށްވުމުން އޭރު ރޯވި ހުޅުގަނޑު ނިވި އެއްކޮށް ފިނިވެއްޖެކަން ޔަގީންވެއެވެ. ހާރިޖީ މަސައްްކަތްތައް ފެނިގެންދާގޮތުން ކުރިއަށް އޮތީ ބައިނަލްއަގުވާމީ މައިދާނުން ލިބެންޖެހޭ ފައިދާ ހަގީގަތުގައި ދިވެހިންނަށް ލިބިގެންދާނެ ދުވަސްތައްކަމަށް އަންދާޒާކުރެވެއެވެ.

ވަރަށް ގަދަ
38%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 63%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: