ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤުދުސްގެ މައްސަލައަކީ އިސްލާމްދީނާ ވަކިނުކުރެވޭނެ މައްސަލައެއް: ޚުތުބާ

އިސްލާމީ މަރުކަޒރުގައި ނަމާދު ކުރަނީ_ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޤުދުސްގެ މައްސަލައަކީ އިސްލާމްދީނާ ވަކިނުކުރެވޭނެ މައްސަލައެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ފަލަސްޠީނުގެ މައްސަލައަކީ މުސްލިމުންގެ ޢަޤީދާއާއި މުޅި އިސްލާމީ އުންމަތުގެ ވިންދާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ. އަދި ބަޔަކު ކިތަންމެ ވަރަކަށް އޮޅުވައިލާން އުޅުނަސް، ފަލަސްޠީނުގެ ބިމާ، މުސްލިމުންނާ ގުޅިފައިވާ މިންވަރު، އޮޅުވާ ނުލެވޭނެ ކަމަށެވެ.

ފަލަސްޠީނުގެ ޣައްޒާގައި ޒަޔަނިސްޓުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަނިޔާވެރި ޢަމަލުތަކަކީ މި ފަހުގެ ތާރީޚުގައި ދުނިޔެ ދެކެފައިނުވާ ފަދަ އަނިޔާވެރިކަމެއްކަން ފާހަގަކޮށް ޚުތުބާގަ ބުނީ މަތިން އަޅަމުންދާ ބޮންތަކުންނާއި ތިރިން ދޭ ޙަމަލާތަކުން ކޮންމެ ދުވަހަކު އެތައް މުސްލިމުންނެއް ޝަހީދުވަމުންދާއިރު މި ހަފުތާއާ ހަމައަށް ސާޅީސް ހާހަށްވުރެ ގިނަ މުސްލިމުން ޣައްޒާގައި ޝަހީދުކޮށްލައިފައިވާ ކަމަށެވެ. އަދި މިއަދު އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާކަމަށް ދައުވާކުރާ އެންމެން ވަނީ އެ އަނިޔާވެރިކަމުގެ ކުރިމަތީގައި ހަނު ތިބޭ ބަޔަކަށް ވެފައި ކަމަށެވެ.

ޚުތުބާގައި ބުނީ މާތް ﷲއަށް އަޅުކަން ކުރުމަށް މި ބިންމަތީގައި އެންމެ ފުރަތަމަ ބިނާކުރެވުނީ މައްކާގައިވާ އަލްމަސްޖިދުލްޙަރާމް ކަމަށެވެ. އެއަށް ފަހު ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލްއަޤްޞާ ކަމަށެވެ.

އަހަރުމެންގެ މާތް ރަސޫލާ އިސްރާ ދަތުރުފުޅު ކުރެއްވީ އަލްމަސްޖިދުލްޙަރާމުން އަލްމަސްޖިދުލްއަޤްޞާއަށެވެ. އެކަލޭގެފާނު ހުރިހައި ނަބީބޭކަލުންގެ އިމާމަކަށް ވެވަޑައިގެން ނަމާދުފުޅުކުރެއްވީ މި މާތް މިސްކިތްކޮޅުގެ ތެރޭގައެވެ. އެއަށް ފަހު އެ މިސްކިތްކޮޅުން ހަތްވަނަ އުޑަށް މިޢުރާޖުގެ މާތް ދަތުރުފުޅު ފެށްޓެވިއެވެ. އަލްމަސްޖިދުލްއަޤްޞާއަކީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. އެއީ މުސްލިމުންގެ  އެންމެ ޙުރުމަތްތެރި ތިން މިސްކިތްކޮޅުގެ ތެރެއިން އެއް މިސްކިތްކޮޅެވެ. އަޅުކަމެއްގެ ގޮތުގައި ދަތުރުކޮށް ބުރަ އުފުއްލައިގެން ދިޔުން ޝަރުޢުކުރައްވައިފައިވާ ތިން މިސްކިތްކޮޅުގެ ތެރެއިން  އެއް މިސްކިތްކޮޅެވެ.

ހުކުރު ޚުތުބާގައި ބުނީ މާތް اللهގެ މަދަދާ އެކު، މުސްލިމުންގެ ހިތްވަރާއި ޖިހާދުގެ ސަބަބުން ޢުމަރުގެފާނުގެ ޚިލާފަތުގައި ޤުދުސް މިނިވަން ކުރެވުނީ، ރޯމަނުންގެ އަނިޔާވެރިކަމާއި އަޅުވެތިކަމުގެ ދަށުގައި ހަތް ސަތޭކަ އަހަރު އޮތުމަށް ފަހުގައި ކަމަށެވެ. އަދި އިސްލާމީ އުންމަތުގެ ޚަލީފާއަކަށް ހުންނަވައި، ފުރަތަމަ ފަހަރަށް މަދީނާގެ މާތް ބިމުން ޢުމަރުގެފާނު ނުކުމެވަޑައިގެން، ބައިތުލްމަޤްދިސަށް ދަތުރުފުޅު ކުރައްވައި ޤުދުސްގެ ތަޅުދަނޑިއާ ހަވާލުވެ ވަޑައިގަތުމުން، އެ ރަށުގެ މާތްކަމާއި މުހިންމުކަން އިތުރަށް ހާމަވެގެންދާ ކަމަށެވެ.

ރަސޫލާ ވަނީ މުސްލިމުން ބައިތުލްމަޤްދިސް ފަތަޙަކުރާނެކަމުގެ އުފާވެރި ޚަބަރު ދެއްވައިފައެވެ. އެކަލޭގެފާނު ހަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ޤިޔާމަތް ވުމުގެ ކުރިން ހަ ކަމެއް ހިނގާނެތެވެ. އޭގެތެރޭގައި ތިމަން ކަލޭގެފާނު ސުވަރުގެ ވަޑައިގަތުމާއި، ބައިތުލްމަޤްދިސް ފަތަހަކުރުންވެއެވެ.“

ފަލަސްޠީނުގެ މައްސަލައަކީ ހަމައެކަނި ފަލަސްޠީނު މީހުންގެ މައްސަލައެއް ނޫންކަމަށާ އެއީ ހަމަ އެކަނި ޢަރަބީންގެ މައްސަލައެއް ވެސް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ. އަދި  އެއީ ހުރިހައި މުސްލިމުންގެ ޤަޟިއްޔާއެއް ކަމަށް ބުންޏެވެ. ޚުުތުބާގައި ބުނީ މުސްލިމުންގެ ބިމަކަށް ކާފިރުން އަރައި މުސްލިމުންގެ އަތުން އެ ބިން ފޭރިގެންފި ނަމަ އެ ބިން މިނިވަންކުރުމަށް ޓަކައި އެންމެހައި މުސްލިމުން އެއްބައިވެ އެކަތިގަނޑަކަށް ވާން ޖެހޭނެ ކަމަށެވެ.

ޚުތުބާގައި ބުނީމި ބިމުގައި ދާއޫދުގެފާނާއި ސުލައިމާނުގެފާނު ބިނާކުރެއްވި ހައިކަލު ހޯދުމުގެ ނަމުގައި މިއަދު ޒަޔަނިސްޓުން މަސްޖިދުލްއަޤްޞާގެ ވަށައިގެން ކޮންނަމުން ދާ ދިޔުމަކީ، މި މާތް މިސްކިތްކޮޅު ނައްތައިލުމުގެ ނުބައި މަޤްޞަދުގައި ހިންގަމުންދާ ޖަރީމާއެއް ކަމަށެވެ. އަދި އެއީ ބައިނަލްއަޤްވާމީ ހުރިހައި ޤާނޫނުތަކާއި ޤަރާރުތަކަށް ގޮންޖަހަމުން ކުރިއަށް ގެންދާ ޢުދުވާނެއް ކަމަށެެވެ.

އިސްލާމީ އުންމަތުގެ އަފުރާދުންގެ މެދުގައި އޮންނަންޖެހޭ ގުޅުން ސިފަކުރައްވައި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. މާނައީ: ”އެއްބަޔަކު އަނެއް ބަޔަކު ދެކެ ލޯބިވުމާއި، އަޅައިލުމާއި، އެއް ބަޔަކު އަނެއް ބަޔަކަށް އޯގާވެރިވުމުގައި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެހަށިގަނޑުގެ ގުނަވަނެއްގައި ވޭން އަޅައިފި ނަމަ، އެހެން ގުނަވަންތައް ހޭލައި ހުރުމާއި ހުން އައުމުގައި އެ ގުނަވަނަކާ ބައިވެރިވާނެއެވެ.“

ދުނިޔޭގެ ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންގެ ޢަދަދު މިއަދު ދެ ބިލިޔަނަށް އަރައިފައިވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ ޔަހޫދީންގެ ޢަދަދަކީ ގާތްގަނޑަކަށް ފަނަރަ މިލިޔަން ކަމަށެވެ. އެހެން ކަމުން ޚުތުބާގައި ވަނީ، މިފަދަ މަދު ޔަހޫދީންކޮޅަކަށް، މި ބޮޑު، އިސްލާމީ އުންމަތުގެ މައްޗަށް އަތްގަދަކޮށް އެ އުންމަތުގެ މުޤައްދަސް ބިންތައް ފޭރިގަނެވުނީ ކޮންގޮތަކުންތޯ ސުވާލު އުފައްދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: