ގޯއްޗާއި ފުލެޓް ދިނުމަށް ލަސްވެގެންދާތީ ފުލެޓާއި ގޯތި ލިބުނު މީޙުން ނިކުމެ މުޒާހަރާކޮށްފިއެެވެ.
މި މުޒާހަރާ ކުރިއަށް ގޮސްފައިވަނީ ހުކުރު ދުވަހުގެ ރޭ ބްރިޖް ވިޔު ސަރަހައްދުގައެވެ. މި މުޒާހަރާގައި ގިނަ ބަޔަކު ބައިވެރިވެފައިވާއިރު ގޮވާލަމުން ދިޔައީ ސަރުކާރުން ވެފައިވާ ވައުދުތަކާއި ޙިލާފުވާކަމަށާއި އަދި އެކަމަށް ކަންބޮޑުވާ ކަމަށެވެ. މި މުޒާހަރާގައި މިނިސްޓަރ ހައިދަރުގެ އިސްތިއުފާ ދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.
އެގޮތުން ގޯތި ދީފައިވާ ސަރަހައްދުތައް ހިއްކާ އަވަސް މުއްދަތެއްގައި ގޯއްޗާއި ފްލެޓްތައް ދިނުމަށްވެސް ގޮވައިލައިފައެވެ. ދާދީ ފަހުން ހައުސިންގ މިނިސްޓަރު ހައިދަރު މަޖިލިހުގެ ތަޅުމަށް ހާޒިރުކޮށް ވަނީ ފުލެޓް އާއި ބެހޭ ގޮތުން ސުވާލުކޮށްފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ 4،000 ފްލެޓާއި ގުޅިގެން ޑރ ހައިދަރު ވިދާޅުވެފައިވަނީ މި ސަރުކާރުން ވެރިކަމަށް އައިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މަސައްކަތް އޮތީ ހުއްޓުވާފައިކަމަށެވެ. ފްލެޓު ލިސްޓު އަލުން މުރާޖައާ ކުރުމަށް އޭސީސީއިން ދެ ފަހަރެއްގެ މަތިން އެންގިކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވިއެވެ. އަދި މިދިޔަ އަހަރުގެ 16 ނޮވެމްބަރުގައި މި މަސައްކަތް ހުއްޓާލުމަށް އޭސީސީއިން އެންގިކަމަށް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ.
މި 4،000 ފްލެޓާއި ގުޅިގެން މި ސަރުކާރަށް އެއްވެސް މަސައްކަތެއް ނުކުރެވި އޮތީ އޭސީސީއިން ތަހުގީގު ކުރަމުންދާތީކަމަށް ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ، މިއީ 7،000 އަށްވުރެ ގިނަ މީހުންގެ ޝަކުވާއާއި ހެދި ތަހުގީގު ކުރަމުންދާ މައްސަލައެއްކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ދޫކޮށްފައިވާ 4،000 ފްލެޓުގެ މައްސަލަ މި މަހުގެ ތެރޭގައި މުރާޖައާ ކުރެވޭނެކަމަށާއި، މި މަސައްކަތް އޮކްޓޯބަރ މަހަށް ނިންމާލެވޭނެކަމަށްވެސް ވަނީ ފާހަގަކުރައްވައިފައެވެ.

