އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި އެކަން ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ “ ޑެސްޓިނޭޝަން އައްޑޫ ސަމިޓް ”ގައި މިނިސްޓަރ ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ކުރިއެރުވޭނެ ކަމަށާއި އަދި އެކަމަށް ގާބިލް ބޭފުޅުން އައްޑޫ ގައި އެބަތިއްބެވި ކަމަށެވެ.
އައްޑޫގައި ހުނަރުވެރި ގާބިލް ބޭފުޅުން ތިއްބެވިއިރު އެންމެެން ގުޅިގެން އެކީގައި މަސައްކަތްކޮށްފި ނަމަ އައްޑޫގެ ޓޫރިޒަމަކީ ވަރަށް ބޮޑަށް ކުރިއެރުވިދާނެ ދާއިރާއެއް ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން އައްޑޫ ޓޫރިޒަމް ކުރިއެރުމަށް ދުނިޔޭގެ އެކި ޕްލެޓްފޯމު ތަކުގައި އިސްތިހާރު ކުރައްވާނެ ކަމަށް ފާހަގަކޮށްފައިވާއިރު، އޭގެ ތެރޭގައި އެކިއެކި ފެއާތަކާއި އިންވެސްޓް ފޯރަމް އިވެންޓްތަކުގައި އައްޑޫ ޕްރޮމޯޓް ކުރައްވާނެ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. އަދި އައްޑޫގެ ޓޫރިޒަމް ކުރިއަރުވައި ފުޅާކުރަން ބޭނުންވާ އިންވެސްޓަރުން ވެސް ހޯދައިދިނުުމަށް މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ އައްޑޫގެ އެއާރޕޯޓްގެ ތަރައްޤީ ވުމާއެކު އައްޑޫ އަށް އަންނަ ބޭރުގެ އެއާރ ލައިންތައް އިތުރު ކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ 10 އަހަރު ތެރޭގައި ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ އިތުރު ހަރުފަތަކަށް ގެންގޮސް ފުޅާ ދާއިރާއެއްގައި އެކަން ކުރިއެރުވުމެވެ.

