އަލަށް ދިން މުއްދަތުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިންގެ ފީތައް ނުދައްކާ ކުންފުނިތައް، އެކެސްޕަޓް ސިސްޓަމުންގެ ހިދުމަތުން އުނި ކުރުމަށް ނިންމައި އިއުލާނުކޮށްފި އެވެ.
ބިދޭސީންގެ ވޯކްޕާމިޓް ފީ ނުދައްކައިގެން ލިސްޓު އާންމު ކުރިއިރު، އޭގެ ތެރޭގައި މަޝްހޫރު ބޮޑެތި ކުންފުނިތައް ވެސް ހިމެނެ އެވެ. ސިޔާސީ ނުފޫޒާއި ބާރު އޮތް އެކި މީހުންގެ ނަން ލިސްޓުގައި ހިމެނި މީޑިއާތަކުގައި ރިޕޯޓު ކުރުމުން ކުންފުނިތަކުން ނިކުމެ އެ މީހުންގެ ދިފާއުގައި ވާހަކަ ދެއްކެވި އެވެ.
ވޯކްޕާމިޓް ފީއާއި، ކޯޓާ ފީ ނުދައްކައިގެން ޖުރިމަނާތައް އަރާފައިވާ ކުންފުނިތަކުގެ ނަންތައް އާންމު ކުރީ މިދިޔަ ޖުލައި މަހުގެ 24 ގައެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކަން އެންގިއިރު، 1،026 ކުންފުންޏަކުން ދައުލަތަށް ދައްކަން ޖެހޭ ޖުމްލަ ފައިސާ 636 މިލިއަން ރުފިޔާއަށް އަރަ އެވެ. މީގެތެރޭގައި ހިމެނޭ 123 ކުންފުންޏަކުން ދައްކަން ޖެހޭ ފައިސާތައް ހުރީ މިލިއަނުންނެވެ. މިނިސްޓްރީން އާންމު ކުރި ލިސްޓު ދައްކާ ގޮތުގައި އެންމެ ބޮޑު އަދަދެެއް ދައުލަތަށް ދައްކަން ޖެހޭ ކުންފުނީގެ ބިލުތަައް 26 މިލިއަން ރުފިޔާއަށް އަރައެވެ.
ކުންފުނިތަކުގެ ނަންތައް އާންމު ކުރުމަށް ފަހު، އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު މިނިސްޓްރީ ވަނީ ކުރިން ދީފަ އެވެ. އެގޮތުން މިރޭ ބުނެފައި ވަނީ އަލަށް ދިން މުއްދަތުގައި ބިދޭސީ މަސައްކަތްތެރިންގެ ފީތައް ނުދައްކާ ކުންފުނިތައް، އެކެސްޕަޓް ސިސްޓަމުންގެ ހިދުމަތުން އުނި ކުރާނެކަމަށެވެ.
އެކްސްޕަޓް ސިސްޓަމަކީ ބިދޭސީންނާއި ގުޅޭ ހުރިހާ ހިދުމަތެއް ދީ، ހުއްދަތަކާއި ކޯޓާއާއި ގުޅުން ހުރި މަސައްކަތް ކުރިޔަށް ގެންދާ ނިޒާމެވެ. އެހެންކަމުން އެ ސިސްޓަމުގެ ތެރެއިން ކުންފުނި ނަގައި، ސަސްޕެންޑު ކުރުމުން އެއިން އެއްވެސް ހިދުމަތެއް ކުންފުންޏަށް ނުލިބޭނެ އެވެ.
ބިދޭސީންނާއި ގުޅުން ހުރި ގިނަ މަސައްކަތްތައް މިވަގުތު ކުރަމުން ދާ ހޯމް މިނިސްޓްރީން އާންމު ކުރި އިއުލާނެއްގައި ބުނީ މި ކުންފުނިތަކަށް ފައިސާ ވަކި މުއްދަތެއްގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށް އެންގިކަމަށެވެ. އަދި މިދިޔަ ހޯމަ ދުވަހު މުއްދަތު ހަމަވުމަށް ފަހު އަނެއްކާވެސް ދޭ އިތުރު ފުރުސަތެއްގެ ގޮތުން ތާރީހު މި މަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
ހޯމް މިނިސްޓްރީން ބުނީ، އެންގުމުގައިވާ ގޮތަށް ދޭ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ ނަމަ ބިދޭސީން ވަޒީފާ އަދާކުރުމާއި ބެހޭ ގަވައިދުގެ ދަށުން އެކްޕަޓް ސިސްޓަމުން ސަސްޕެންޑުކޮށް އެ ކުންފުންޏެއް ހުރިހާ ހިދުމަތެއް ދިނުން މެދުކަނޑާލާނެކަމަށެވެ.
މިނިސްޓްރީގެ ފަހުގެ އެންގުން އާންމު ކުރުމުގެ ކުރިން، ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ކުންފުނިތަކާއި އެކްސްޕަޓް ސިސްޓަމްގެ ހިދުމަތް ލިބޭ ފަރާތްތަކާއި އެކު ބައްދަލުވުމެއް ކުރިޔަށް ގެންދިޔަ އެވެ.

