މަސްތުވާތަކެތި ބޭނުން ކުރާ މީހުން ރަނގަޅު ގޮތުގައި މުޖްތަމައުއަށް ނެރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް އަންނަ އަހަރު ބަޖެޓު ބޮޑު ކުރުމަށް ނިންމައިފި އެވެ.
2023 ވަނަ އަހަރު ޑްރަގު ކޯޓުންކޮށްފައިވާ ރިހެބިލިޓޭޝަން އަމުރުގެ ދަށުން ފަރުވާގެ ޕްރޮގްރާމް ނިންމި ފަރާތްތަކުގެ އަގުވަޒަންކޮށް ހާއްސަ ހަފްލާއެއް ބޭއްވި އެ ކޯޓުންނެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނެޝަނަލް ޑްރަގް އޭޖެންސީ ބޯޑުގެ ޗެއާމަން، އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް ލުބްނާ މުހައްމަދު ޒާހިރެވެ. ބައިވެރިންނަށް ސެޓްފިކެޓު ހަވާލު ކުރެއްވުމަށް ފަހު ލުބްނާ ދެއްކެވި ވާހަކައިގައި ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ހިންގޭ ފަރުވާގެ ޕްރޮގްރާމްތައް ނިންމައި މުޖްތަމައުއަށް ނިކުންނަ މީހުންނަށް ވަޒީފާ ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކިބައިން އެދޭކަމަށެވެ.
ލުބްނާ ވިދާޅުވީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ފަރުވާގެ ކަންކަމަށް އިތުރު 30 މިލިއަން ހިމެނުއްވުމަށް ނިންމަވާފައިވާކަމަށް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ޑްރަގް ކޯޓުގެ އިސް ގާޟީ އަބްދުއްސައްތާރު އަބްދުލްހަމީދު ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވި ހިފާފައި ހުންނަ މީހަކު އެކަމުން ސަލާމަތްވުމަށް ކުރަނީ އުނދަގޫ ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށެވެ. ހާއްސަކޮށް އެ މީހާ އެ ހުރިހާ ދަތިތަކެއް ހުރަސް ކުރުމަށް ފަހު ޒިންމާދާރު މީހެއްގެ ގޮތުގައި މުޖްތަމައުއަށް ނިކުތުމަށް ގަދައަޅައި ކުރާ މަސައްކަތަށް ސާބަސް ހައްގުކަމަށް އިސް ގާޟީ ވިދާޅުވި އެވެ.
ގާޟީ އަބްދުއްސައްތާރު ވިދަޅުވީ ޑްރަގު ކޯޓުން ފަރުވާއަށް އަމުރު ކުރިނަމަވެސް ފަރުވާ ދޭން ތިބި ކައުންސިލަރުންނާއި އެކަމަށް ބޭނުންވާ ވަސީލަތްތައް މަދުވުމުގެ ސަބަބުން ބައެއް ފަހަރު ލަސްތަކެއް ދިމާވާކަމަށެވެ. އަދި ފަރުވާ ނުފެށި ލަސްވާފަދަ ހާލަތްތައް މެދުވެރި ނުވެ މި މައްސަލަތަކަށް ހައްލު ލިބޭނެކަމުގެ އުންމީދު ކުރައްވާކަމަށް ވިދާޅުވި އެވެ.
ޑްރަގް ކޯޓުގެ މި ރަސްމިއްޔާތުގައި ފަރުވާ ހޯދި ފަރާތެއް ވެސް ވާހަކަ ދެއްކި އެވެ. އޭނާ ވަނީ މަސްތުވާތަކެތި ބޭނުން ކުރަން ފަށައި އެއަށް ދެވި ހިފުމުން ހަޔާތައް ލިބުނު އަނދިރިކަމާއި އެއަށް ފަހު ގަދައަޅައި ކުރި މަސައްކަތުން ފަރުވާގެ ނިޒާމުން އައި ހެޔޮ ބަދަލު ފާހަގަކޮށްފަ އެވެ. އަދި މި މަސައްކަތުގައި އެހީތެރިވެދޭ ފަރާތްތަކަށް އޭނާ ޝުކުރު އަދާކުރި އެވެ.
މިދިޔަ އަހަރު ޑްރަގް ކޯޓުން ވަނީ ފަރުވާއަށް 586 މީހެއްގެ މައްޗަށް އަމުރު ނެރެފަ އެވެ، އަދި 419 މީހެއް އެ އަހަރުގެ ތެރޭގައި ފަރުވާ ފުރިހަމަ ކުރިއިރު އޭގެ ތެރެއިން 173 މީހެއް ފަރުވާގެ އަމުރާ ހިލާފުވެފައި ވާތީ ފަރުވާގެ ނިޒާމުން ވަކިކޮށް ހުކުމް ތަންފީޒު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

