ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަކީ އިސްލާމްދީނުގެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ، ޤައުމުގެ ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ މުހިންމު ދާއިރާއެވެ. މި ދާއިރާ އުފެދިގެން އައީ ދިވެހިރާއްޖެ އިސްލާމްވި ހިސާބުން ފެށިގެންނެވެ. އޭރު ޤާޟީންނާއި ފަނޑިޔާރުން ޢައްޔަންކުރެވި، ޝަރީޢަތްތައް ހިންގަމުން އައީ ރަށްރަށުގައި ހުންނަ މިސްކިތްތަކުގައެވެ.
މިއަދާ ހަމައަށް އައިއިރު، ޝަރުޢީ ދާއިރާއަށް ވަނީ ގިނަގުނަ ކުރިއެރުންތަކެއް ލިބިފައެވެ. މީގެ ތެރޭގައި ޚާއްޞަ ކޯޓުތަކެއް ޤާއިމުކުރެވި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މައްސަލަތައް ބެލުމުގެ ނިޒާމު ތަޢާރަފުކުރެވިފައިވެއެވެ. މިސާލަކަށް، ސުޕްރީމް ކޯޓު، ހައިކޯޓު، ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ފެމިލީ ކޯޓު، ޖުވެނައިލް ކޯޓު އަދި ޑްރަގް ކޯޓު ފަދަ ޚާއްޞަ ކޯޓުތައް މިހާރު ވަނީ ޤާއިމުކުރެވިފައެވެ. މީގެ އިތުރުން، ފަނޑިޔާރުންނާއި ޤާޟީންގެ ތަޢުލީމީ ފެންވަރު މަތިކުރުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވި، ގިނަ ފަނޑިޔާރުން މިހާރު ވަނީ މަތީ ތަޢުލީމު ހާސިލުކޮށްފައެވެ.
ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، އެކި ބާވަތުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ތަޖުރިބާ ހޯދުމުގެ ފުރުޞަތުތައް ވަނީ ފަހިކުރެވިފައެވެ. އަދި ޝަރީޢަތްތައް ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ޝަރީޢަތްތައް ހުޅުވާލުމާއި، ޝަރީޢަތުގެ މަޖިލިސްތަކުގެ ރެކޯޑިންގ ބެލެހެއްޓުމުގެ އުސޫލުތައް މިއަދު މި ވަނީ ތަޢާރަފުކުރެވިފައެވެ.
ނަމަވެސް، ޝަރުޢީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބަލާއިރު، މީގެ ތެރޭގައި މައްސަލަތައް ލަސްވުމާއި، ބައެއް ފަހަރު ނިންމާ ނިންމުންތަކާމެދު ސުވާލު އުފެދުމާއި، ކޮރަޕްޝަނުގެ ތުހުމަތުތައް ކުރިމަތިވުން ހިމެނެއެވެ. އަދި ބައެއް ފަހަރު ޝަރީޢަތްތަކުގައި ސިޔާސީ ނުފޫޒު ފޯރުވާކަމުގެ ޝަކުވާތައްވެސް ރައްޔިތުންގެ ފަރާތުން އަޑުއިވެއެވެ.
ވަކި ބަޔަކު ބޭނުންވާ ގޮތަކަށް ބައެއް ސިޔާސީ އިސް ބޭފުޅުންނާއި އެބޭފުޅުންނާއި ގުޅުންހުރި ފަރާތްތަކުގެ މައްސަލަތައް ނިންމުމަށް ނުފޫޒު ފޯރުވާ ވާހަކައަކީ އަބަދުމެ ދެކެވޭ ވާހަކައެކެވެ. ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މައްސަލަތައް ނުބެލި ދިގުދެމިގެންދިއުން ކަމަށްވީ ނަމަވެސް ގާނޫނުގައި ވަކި މުއްދަތެއްތެރޭ މައްސަލަތައް ބެލެންޖެހޭނެ ކަމަށް ލިޔެވިފައިވެއެވެ. ނަމަވެސް، އަމަލީ ގޮތުން މިކަން މިގޮތަށް ކުރުމަށް މިވަނީ ނުކުޅެދިފައެވެ. މިކަމުގެ ސަބަބުން، ވަރަށް ގިނަ ބަޔަކު ވާނުވާ ބަންދުގައި ދުވަސްތައް ހޭދަކުރަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
މިއީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ އިތުރުން، މުޅި މުޖުތަމަޢުގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ. މިކަންކަމަށް ރިއާޔަތްކޮށް އަދުގެ ސަރުކާރު ވެރިކަމަށް އައުމަށް ކުރި ކެންޕޭން ތަކުގައި ވެސް ވާހަކަތަކެއް ދެކެވި، ރައްޔިތުންނަށް ވައުދުތަކެއްވެސް ވަނީ ވެފައި އެވެ. ނަމަވެސް، މައްސަލަތައް އަވަސް ކުރުމާއި ގުޅޭގޮތުން ސުޕްރީމްކޯޓުގެ ބަހަކަށް ބަލައިލާނަމަ އަޑުއިވެނީ އެކަން އެހާ އަވަހަށް ނުވާނެ ކަމުގެ ސިގްނަލްއެއްގެ އަޑެވެ. ސަބަބަކީ މައްސަލަތައް އެދެވޭ ބާރުމިނެއްގައި ކުރިއަށް ގެންދެވޭވަރަށް އިދާރީ މުވައްޒަފުންނާއި، އެ ޝަރީއަތްތައް ކުރިއަށް ގެންދާނެ ޖާގަ ނެތުމެވެ.
މިކަމުން ހާމަވެގެން މިދަނީ، ރާއްޖޭގައި މިއަދު އޮތް އާބާދީއަށް ފުރިހަމައަށް ހިދުމަތް ދެވޭނެވަރުގެ، ފުޅާ ޝަރުއީ ދާއިރާއެއް މި ޤައުމުގައި ނެތްކަމެވެ. ކޯޓުތަކަށް މައްސަލަތައް ވަންނަ މިންވަރު އިތުރުވަމުންނެވެ. މައްސަލަތައް ބެލުމުގައި ހަރުދަނާ ނިޒާމެއް އެކުލެވިފައި ނެތޭ ބުނާނެ ޖާގައެއް ނެތެވެ. އެހެނަސް އެކަންކަމަށް އަމަލު ކުރުމުގައި ޝަރުއީ އިދާރާތައް ވަނީ ނުކުޅިފައެވެ.
ކަން މިހެން ހިނގަމުން އައުމުގެ ސަބަބުން، ކުއްވެރިންނަށް ރައްޔިތުން ނިކުމެ އަދަބު ދެމުން އަންނަ މަންޒަރުވެސް ފެންނަމުން އެބަދެއެވެ. ތަހުޒީބު، ކުރިއަރަމުން އަންނަ މުޖްތަމައުއެއްގައި މިފަދަ ކަންކަން ހިނގުމަކީ ވަރަށް ހިތާމަވެރި ކަމެކެވެ.
އެކަމުން ހާމަވެގެންދަނީ ތަންފީޒީ އިދާރާތަކާއި ދޭތެރޭ ރައްޔިތުންގެ އިތުބާރު ދުވަހަކަށް ފަހު ދުވަހެއް ދަށްވަމުން އަންނަ މަންޒަރެވެ.
ކުށްވެރިންނަށް އަދަބުލިބުން ލަސްވުމުގެ ސަބަބުން މުޖުތަމައު ތެރޭގައި ކުށުގެ ވެއްޓަށް ހުށެހެޅޭ ޒުވާނުން އިތުރުވެގެން ދެއެވެ. ހައްގު އަދަބު ނުލިބުމަކީ ކުށަށް އަރައިގަންނަ ޒުވާނުންނަށް ލިބޭ އިތުރު ހިތްވަރަކަށް ވެއެވެ. އެކި ޕޯޑިއަމް ތަކުގައި އަބަދުވެސް ދެކެމުން އަންނަ ވާހަކައަކީ ޤައުމުގެ ތަރައްގީއަށް ޒުވާނުންގެ ދައުރު މުހިންމު ވާހަކައެވެ. މި ކަންކަމުގައި މި ޤައުމަށް ހައްލެއް މިވަނީ އިންތިހާއަށް ބޭނުންވެފައެވެ. އަދި އިދާރީ މުވައަޒަފުން އިތުރުކުރުމާއި، ގާޒީން އިތުރު ކުރުމަކީ މި ކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމަށް މުހިންމު ކަމެކެވެ.
އޭގެ އިތުރުން، މަސައްކަތް ކުރާނެ އިދާރީ ޖާގައަކީވެސް މިކަންކަން ހަމަމަގަށް އެޅުވުމަށް މުހިންމު ކަމެކެވެ. ބައެއް މައްސަލަތައް އަވަހަށް ނިންމުމަށް ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށް، މިފަދަ އެކި ގޮތްގޮތުން ފަސޭހަތައް ހޯދުމަކީވެސް ކުރެވިދާނެ ކަމެކެވެ. ކުދި މައްސަލަތަކަށް ޚާއްސަ އަވަސް ނިޒާމެއް ތައާރަފް ކުރުމަކީވެސް މައްސަލަތައް ދިގުދެމިގެން މިދާ ދިއުމަށް އަވަސް ހައްލެއް ގެނެވިދާނެ ކަމެކެވެ. ބަންދުގައި ބަހައްޓައިގެން މައްސަލަ ބަލަންޖެހޭ މިންވަރަށް ބަދަލު ގެނައުމަކީވެސް މިކަންކަމުގެ ދުވެލި ބާރު ކުރުމަށް ކުރެވިދާނެ ކަމެކެވެ.
ނިސްބަތުން އައު ގާޒީން މައިދާނަށް ނިކުންނަ އަދަދު މަތިކުރުމަކީވެސް ކުރެވިދާނެ ކަމެކެ. އެކަމުގެ ސަބަބުން ގިނަ މައްސަލަތަކެއް ބާރު ދުވެލީގައި ކުރިއަށް ގެންދިއުމުގެ މަގު ތަނަވަސް ވެގެން ދާނެއެވެ. މިކަންކަމުގެ އަސްލަކީ ކުށުގެ ވެއްޓަށް ހުށަހެޅޭ ޒުވާނުންނެވެ. ހަގީގަތުގައި، ޒުވާނުން ކުށަށް އަރައިގަތުމުން ދުރު ކުރުމަށް ކަންތައްތަކެއް އެބަ ކުރަން ޖެހެއެވެ. މި ކަންކަމުގެ ތެރޭގައި އިސްލާމީ ތަރުބިއްޔަތު ވަރުގަދަކުރުމާއި ސްކޫލްތަކާއި މަދަރުސާތަކުގައި އިސްލާމީ ތަޢުލީމަށް އިސްކަންދިނުމާއި، މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުން އިތުރުކުރުން ހިމެނެއެވެ. އޭގެ އިތުރުން ޒުވާނުންނަށް ހުނަރު ދަސްކޮށްދީ، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް މި މުޖުތަމައުގެ ރައްކާތެރިކަމަށް ކުރެވިދާނެ ކަމެކެވެ.


One Response
ޙުރިހާ ނިޒާމެއް ވަނީ ގެއިލްވެފަ….