ބުޅާ މަރައި، އޭގެ މަހުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާކަމަށް ތުހުމަތު ކުރެވޭ ބިދޭސީ މީހާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އެއްވެސް ސާފުތާހިރުކަމެއް ނެތް ގޮތަށް ކާބޯތަކެތި ތައްޔާރު ކުރާ މައްސަލަ އިމިގްރޭޝަން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެފަދަ ތަކެތި ތައްޔާރު ކުރާ ބައެއް ތަންތަނުގެ ފޮޓޯއާއި ވީޑިއޯ އިމިގްރޭޝަނުން އާންމު ކުރިއިރު އެއީ ވަރަށް މުޑުދާރުކޮށް ނަޖިސްކޮށް ހުރި ތަންތަނެވެ. މި މައްސަލަތަކުގެ ތެރެއިން، ރޭ ކުއްލިއަކަށް ފެންމަތިވީ މާލޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީއެއް ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެކެވެ.
ބިދޭސީ މީހާ ކޮތަޅަކަށް ބުޅަލެއް އަޅައި ގެންދަން ވެގެން ޕާކިން ޒޯނެއްގައި މަޑުކޮށްގެން ހުއްޓައި ބަޔަކު ގޮސް ސުވާލު ކުރާ ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ. އެތަނުގައި ކުރަނީ ކީއްތޯ އާއި، އަތުގައި އޮތް ކޮތަޅުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރުމުން ބުޅަލެއް ގެންދަންކަމަށް ބުނެ އެވެ. އަދި އެއީ ކީއްކުރަން ތޯ އަނެއްކާވެސް ސުވާލު ކުރުމުން، ޖަވާބުގައި ބިދޭސީ މީހާ ބުނަނީ އެއީ ގެއަށް ގެންދަން ކަމަށެވެ.
އެ ވީޑީއޯގައި ބުނާ ގޮތުން ބިދޭސީ މީހާ ދިރިއުޅޭ ގެއަށް ބުޅާތައް ގެންދާތަން އެ ސަރަހައްދުގައި އުޅޭ ގިނަ ބަޔަކަށް ފެނިފައި އެބަހުއްޓެވެ. އަދި އެ ސަރަހައްދުން ބުޅާ ރޯއަޑު އިވިފައިވާކަމަށާއި، އަދި ބައެއް ދުވަސްތަކުގައި ބުޅަލުގެ ބައިތަކެއް ވެސް ފެންނަކަމަށް ވެއެވެ.
އޭނާ ދިރިއުޅޭ ގޭގައި ކާބޯތަކެތި ތައްޔާރު ކުރާކަމަށް ތުހުމަތުކޮށް، އެ ޕޯސްޓުގައި ވަނީ އެ އިމާރާތުގައި ދުން ބޭރު ކުރުމަށް ހޮޅިއެއް ވެސް ހަރުކޮށްފައިވާކަމަށެވެ.
އޭނާ ވިއްކާ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ، ބާގާއާއި ސަބްމެރިން އަދި ޕިއްޒާކަމަށް ގިނަ މީހުން ބުނެ އެވެ. މީގެ ކުރިން އޭނާ އެތަކެތި ވިއްކަމުން އައީ ލޯގޯއެއް ޖަހައިގެން ނަމަވެސް ފަހުން ކާބޯތަކެތި ވިއްކަނީ އެއްވެސް ލޯގޯއެއް ތުހުމަތު ކުރެވެ އެވެ.
މައްސަލަ ސޯޝަލް މީޑިއާގައި އާންމުވެ، އިމިގްރޭޝަނަށް އެކަމުގެ ރިޕޯޓު ލިބި އެ އިދާރާގެ އޮފިސަރުން އޭނާ ދިރިއުޅޭ ގެއަށް ދިޔައިރު އޭނާ ވަނީ ފިލާފަ އެވެ. އަރަފާތް ހުސެއިން ނަމަކަށް ކިޔާ އެ މީހާއަކީ، 32 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހެކެވެ. އަދި އިމިގްރޭޝަން އައުމުގެ ކުޑަވަގުތުކޮޅެއް ކުރިން، ބައެއް ތަކެތި ގެއިން ގެންދިޔަކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ.
މި މައްސަލައިގައި އިމިގްރޭޝަން ވަނީ ފަސް ދުވަހުގެ ނޯޓިސްއެއް ދީ، ބިދޭސީ މީހާ އެ އިދާރާއަށް ހާޒިރުވުމަށް އަންގާފަ އެވެ. އަދި އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ބަޔަކު އެކަން ރިޕޯޓު ކުރުމަށް ވެސް އެދުނެވެ.

