ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނެސް ސްކޭމް ހިންގާ އެކައުންޓުތައް ފްރީޒް ކުރުމާއި އެކު، ފައިސާ އެކި އެކައުންޓުތަކުގައި ރޯލް ކުރުން ހުއްޓުވުމަށް ބޭންކިންގެ ރަނގަޅު ނިޒާމެއް ގެނައުން ރަނގަޅުކަމަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް ވިދާޅުވެއްޖެ އެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މި އިސްލާހު ހުށަހަޅާފައި ވަނީ ސްކޭމްތައް ހުއްޓުވުމަށް މިފަދަ ގާނޫނީ ހައްލަކަށް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ވަނިކޮށެވެ. ސްކޭމްތަކުގެ މައްސަލައިގައި ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އާއި އެކު ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ފުލުހުން ބުނެފައި ވަނީ ޒަމާނަށް އަންނަ ބަދަލުތަކާއި އެކު ކުށްވެރިން ސްކޭމް ކުރުމުގައި ބޭނުން ކުރާ އުކުޅުތައް ވެސް ފުޅާކޮށްފައިވާކަމަށެވެ.
އެހެންވެ ބިލުގެ ބަހުސް މަރުހަލާގައި މެމްބަރުން ވަނީ، އިސްލާހަށް ތާއީދުކޮށް މިއީ ގާނޫނީ ގޮތުން ކޮންމެހެން ވެސް ގެންނަން ޖެހޭ ބަދަލެއްކަމަށް ވިދާޅުވެފަ އެވެ. ސްކޭމްކޮށްގެން ހޯދާ ފައިސާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެތައް އެކައުންޓަކަށް ޖަމާކޮށް އަސްލު އޮޅުވާލާތީ، މިއީ މުޅި ހައްލު ގެނެވޭނެ އިސްލާހެއް ނޫންކަމަށް މެމްބަރުން ވިދާޅުވި އެވެ.
އެކަން ފާހަގަކޮށް ހުސްނީ ވިދާޅުވީ، މިއީ ރަނގަޅު މަގްސަދެއްގައި ހުށަހަޅާފައިވާ އިސްލާހެއްކަމަށް އޭނާ ގަބޫލު ކުރާކަމަށެވެ. ހުސްނީ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ނެރޭ މޮނިޓަރިން އަމުރެއްގެ ދަށުން މައްސަލަ ބަލަމުން ދަނިކޮށް، ކަމެއް ފާހަގަކުރެވޭ ހާލަތެއްގައި ބޭންކުން އަމުރު ނެރުންކަމަށެވެ. ހުސްނީ ވިދާޅުވީ މުހައްމަދު އިބްރާހިމް ހުށަހަޅާފައިވާ އިސްލާހާއި އެކު، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިތުރު އިސްލާހުތަކެއް ބޭނުންވާނެ ކަމަށެވެ.
ހުސްނީ ފާހަގަކުރެއްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ގާނޫނު މިހާރު އޮތް ގޮތުން، ޖުމްލަ ހައްލު ހޯދޭނެ ގޮތެއް ނެތުމެވެ. ޖިނާއީ އިޖުރާއަތު ގާނޫނުގެ 72 ވަނަ މާއްދާގައި ބޭންކް އެކައުންޓާއި އެ އެކައުންޓުން ކުރާ މުއާމަލާތް މޮނިޓަރކުރުމުގެ ކޯޓު އަމުރަކަށް އެދުމުގެ ބާރު ދީ، އެ ހާލަތު ބަޔާން ކުރެ އެވެ. އަދި 73 ވަނަ މާއްދާގައި ވަނީ އެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ނެރޭ މޮނިޓަރކުރުމުގެ އަމުރެއް ނެރެފައި ވަނިކޮށް ބޮޑު ކުށެއް ފާހަގަވާނަމަ، އެ އެކައުންޓްގައިވާ ފައިސާ، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުއާމަލާތްކުރުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް އެދެވިދާނެ ކަމަށެވެ.
މުހައްމަދު އިބްރާހިމް ހުށަހަޅާފައި ވަނީ 73 ވަނަ މާއްދާއަށް އިސްލާހު ގެނެސް، އެކައުންޓު ފްރީޒް ކުރުމަށެވެ.
73 ވަނަ މާއްދާއަށް ހުށަހަޅާފައިވާ މިވާ އިސްލާހަކީ އެގޮތަށް އަމުރު ނެރުމުގެ ކުރިން ވެސް އެފަދަކަމެއް ފާހަގަކުރެވިއްޖެއްޔާ އީ.. ފުލުހުންގެ ވަކި ރޭންކަކަށް މަތީ އޮފިސަރެއް ފޮނުވާ ލިއުމަކުން އެފަދަ ފައިސާ ހުއްޓުވިދާނެކަމަށް… އެހެން ނަމަވެސް އެކަން މި ކުރެވެނީ 72 ވަނަ މާއްދާގެ ދަށުން ނެރޭ މޮނިޓަރިން އަމުރެއްގެ ދަށުން ބަލަމުން ދަނިކޮށް.. އެއީ ވަކި ބާވަތެއްގެ ކުށްތަކަކާއި ގުޅޭގޮތުން މޮނިޓަރިންގެ އަމުރެއް ނެރެވިގެން ދަނީ.. ބައެއްގެ މައްޗަށް.. އެހެންވެއްޖެއްޔާ 72 ވަނަ މާއްދާއަށް އިސްލާހެއް ހުށަނާޅައި، 72 ވަނަ މާއްދާ މިހާރު އޮތް ގޮތަށް އޮއްވައި 73 ވަނަ މާއްދާއަށް ގެނެވޭ އިސްލާހަކުންނެއް މި ނަތީޖާ ނެރެވޭނެ ދިމާލަކަށް މިސްރާބެއް ނުކުރޭ..
އިސްލާހުގެ ބަހުސްގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޒާން ހުށަހެޅުއްވި ގޮތަށް ބޭނުން ވަނީ ރަނގަޅު ބޭންކިން ނިޒާމެއްކަމަށް ހުސްނީ ވިދާޅުވި އެވެ. ސްކޭމް ހިންގާ މީހަކު، އޭނާގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފައިސާ އެހެން އެތައް އެކައުންޓެއްގައި ރޯލް ކުރާތީ އަޒާން ވިދާޅުވީ އެކައުންޓުތަކުގައި ފައިސާ ދައުރު ކުރަމުން ދާ ގޮތުގެ ޕެޓާން ދެނެގަނެ އޮޓޮމެޓިކުން އެ ފައިސާ ދައުރު ކުރުން ހުއްޓޭނެ މެކޭނިޒަމެއް ގެނައުން ރަނގަޅުކަމަށް ދެކޭ ކަމަށެވެ.

