ސްޓެލްކޯގެ ހެޑް އޮފީހާއި އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައި އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.
ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރުމަށް ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުފުޅުތަކުގެ ތެރެއިން ކާރބަން ފުޓް ޕްރިންޓް ކުޑަކުރުމަށާއި ޤައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާއިއެކު ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑްބޮޑުވެފައިވާތީއެވެ.
ފަހުމީ ވިދާޅުވީ އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރުމަށް ނިންމާފައިވަނީ އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި އަދި މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމަށާއި، އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރުދިނުމުގެ ގޮތުން ކަމަށެވެ.

މި މަސައްކަތުގައި ސިޓީކައުންސިލާއި މަޝްވަރާކުރެވި، ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ވަނީ ލިބިފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ. މި ޗާޖިންގ ސްޓޭޝަންގެ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާ ކަމަށާއި، ވަރަށް އަވަސް މުސްތަޤުބަލެއްގައި ހަތަރުފުރޮޅުލީ އުޅަނދުގެ އިތުރުން ދެ ފޮރުޅުލީ އުޅަނދުތައްވެސް ޗާޖްކުރެވޭ ގޮތަށް ހަދާ މި ސްޓޭޝަންގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފަހުމީ ވިދާޅުވީ ކޮންމެ ކާރަކަށް ޕަބްލިކް ޗާޖިން ސްޓޭޝަން ބެހެއްޓުމުގެ ރެކޯޑް ކޮރެއާގައި އޮތްއިރު ކުންފުނީގެ އަމާޒަކީ ކޮންމެ ތިން ކާރަކަށް އެއް ޗާޖިން ސްޓޭޝަން އިންސްޓޯލްކޮށްގެން މިފަދަ މޮޑެލްއެއް ތައްޔާރުކުރުން ކަމަށެވެ. މި އުސޫލަކީ ޗާޖިން އިންފްރާސްޓްރަކްޗަރ އަށް ފަސޭހައިން ވަދެވޭނެ ގޮތް ކަށަވަރުކޮށްދީ، އިލެކްޓްރިކް ވެހިކަލްތައް ފުޅާދާއިރާއެއްގައި ބޭނުންކުރުމަށް އެހީތެރިވެދީ، ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމަކަށް އެހީތެރިވެދިނުމަށް ފަހުމީ ވިދާޅުވިއެވެ.

