އެމްޑީޕީގެ ވެރިކަމުގެ ދައުރުގައި މާލީ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ގޮތުގެ މައުލޫމާތު ދެއްވައި ޖަވާބުދާރީވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއިން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަމީރުވަނީ މާލީ އިސްލާހުތައް އަވަހަށް ތަންފީޒުކުރެވިގެންދިއުން މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަމީރު ވިދާޅުވީ އިގްތިސާދެއްގެ އެންމެ މުހިންމު ކަމަކީ އިތުބާރު އުފެއްދުންކަމަށެވެ. އެހެންނަމަވެސް މިހާރު ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުގެ ސަބަބުން ފެންނަނީ އިތުބާރު ގެއްލެމުންދާ މަންޒަރުކަމަށާއި އެންމެ މުހިންމު ބަޔަކީ ރައްޔިތުން ކަމަށްވާއިރު ރައްޔިތުންގެ ތެރޭގައި އިތުބާރެއް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، ރައްޔިތުންގެ އިތުރުން އިންވެސްޓަރުންނާއި ގައުމުތަކުގެ ވެރިންގެ އިތުބާރުވެސް މުހިންމުކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ މަސައްކަތްތައް ހުރީ ޖަމިއްޔާއެއްގެވެސް އިތުބާރު ހޯދޭނެ ގޮތަކަށް ނޫންކަމަށާއި ދިވެހިރާއްޖޭގެ ރިޒާވު ހުސްވާކަމަށް ބުނެ ފިނޭންސް މިނިސްޓްރީއިން ކުންފުނިތަކަށް އެންގިކަމަށް ބުނެ ދާދި ފަހުން ނޫހެއްގައި ޝާއިއުކުރި މައްސަލައަކީ ބޮޑު ކަންބޮޑުވުމެއް ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެއީ އެމްއެމްއޭއިން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއެއްކަމަށާއި އެ ސިޓީއަކީ ސިއްރުކަމަށް ބަޔާންކޮށް ދައުލަތުގެ ރިޒާވުގެ މައުލޫމާތު ހިމަނައި ފޮނުވި ލިޔެކިއުމެއްކަމަށް މައުލޫމާތު ދެއްވިއެވެ. އަދި ފިނޭންސްއިން ކުންފުނިތަކަށް އެންގުން ފޮނުވިއިރު ފޮނުވާފައިވަނީ އެ ސިޓީވެސް ހިމަނައިގެންކަން ހާމަކުރެއްވިއެވެ. އަދި އަމީރުވަނީ ރައްޔިތުންގެ މަޖިލީހަށާއި މާލިއްޔާތު ކޮމިޓީއަށް ސަރުކާރު ޒިންމާދާރުކުރުމުގެ މަސައްކަތްތައް ކުރުމަށް ގޮވާލައްވާފައިކަމަށްވާއިރު އޭނާވަނީ އެމްޑީޕީއިން އެއްކޮށްފައިވާ މާލީ ކަންކަމާއި ގުޅުން ހުރި މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ބޭނުންވެވަޑައިގަންނަވާކަންވެސް ހިއްސާކުރެއްވިއެވެ.
އަމީރު ވިދާޅުވީ، އެމްޑީޕީއިން ތިބީ އެކަން ކުރުމަށް ތައްޔާރަށްކަމަށާއި ނިމިދިޔަ ފަސް އަހަރު އެ ޕާޓީގެ ސަރުކާރުން މާލީ މަސައްކަތްތައް ބަލަހައްޓާފައިވާ ގޮތާއިމެދު ރައްޔިތުންގެ މަޖިލީހުން އަދި އޭނާއާއި ސުވާލު ނުކުރާކަމަށް އިޝާރާތްކުރެއްވިއެވެ. އަމީރު ވިދާޅުވީ، މަޖިލީހުން ވަރަށް ގިނަ ބަހުސްތައް ކުރަމުންދާކަމަށާއި އެހެންކަމުން މާލިއްޔާތު ކޮމީޓީއަށް ގޮސްގެން އެމްޑީޕީއިން ކޮށްފައިވާ މަސައްކަތްތަކާއި ގުޅުން ހުރި މައުލޫމާތުތައް ކިޔައިދޭން ބޭނުންވާކަމަށް ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ، ރާއްޖެއިން ގެނައުމަށް ކަނޑައެޅިފައިވާ މާލީ އަދި އެހެނިހެން އިސްލާހުތައް ލަސްނުކޮށް ގެނައުމަށް ގޮވާލައްވާކަމަށާއި ރާއްޖޭގެ ކަންކަން މިހާރު ދަނީ ރަނގަޅު މިސްރާބަކަށް ނޫންކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ އެ ގާބުލުކަން ހުރި ތަނެއް ނުފެންނަކަމަށާއި ކެރުންތެރިކަމެއް ހުރިކަމަށްވެސް ދެކިވަޑައިގަންނަވާކަމަށެވެ. އެހެންނަމަވެސް ކަންކަން ރަނގަޅުކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާކަމަށް ވިދާޅުވިއެވެ.

