ނުފޫޒެއްނެތި އެމީހަކު ބޭނުންވާ ކެނޑިޑޭޓަކު އިޙްތިޔާރު ކުރުމުގެ ފުރުސަތު ކޮންމެ ދިވެހި ރައްޔިތަކަށްވެސް ލިބެންޖެހޭ ކަމަށް އިލެކްޝަން ކޮމިޝަންގެ ( އީސީ )ގެ ރައީސް ފުއާދު ތަޢުފީޤު ވިދާޅުވެއްޖެއެވެ.
ފުއާދު ސޯސަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ދިވެހިރާއްޖޭގެ އިލެކްޝަން ކޮމިޝަންގެ ފަރާތުން ވޯޓުލާ މީހުންގެ ދުވަސް ފާހަގަކުރެވިގެން ދާއިރު، ވޯޓު ގަނެ ވިއްކުމުގެ އާދަ ފިލުވަން އިތުރު ސިޔާސަތުތަކެއް އެކަށަ އަޅަންޖެހޭ ކަމަށެވެ. އަދި އިތުރު ރޭވުން ތަކެއް ރާވައި، އިތުރު ޙިޔާލުތަކަށް ހުޅުވާލަން ޖެހޭ ކަމަށް ވަނީ ފާހަގަކޮށްފައެވެ.
ދިވެހިރާއްޖޭގެ އިންތިޙާބީ ތާރީހުގެ ވޭތުވެދިޔަ، 92 އަހަރުގެ ދިގު މާޒީގައި، އެންމެ ފުރިހަމައަށް އަދާކުރަން ލިބުނު ވޯޓު ދިނުމުގެ ޙައްޤު އޭގެ އެންމެ ފުރިހަމަ މާނައިގައި ދިވެހި ރައްޔިތުންނަށް ލިބިދޭންޖެހޭ ކަމަށް ފުވާދު ވަނީ ވިދާޅުވެފައެވެ. އަދި އެއީ އިންސާނީ އެންމެ މުހިންމު އެއް ހައްޤު ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ.
ފުއާދު ވިދާޅުވީ، 1932 ވަނަ އަހަރު އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީން ރަސްކަމުގައި ފުރަތަމަ ފަހަރަށް ޤާނޫނު އަސަސީއެއް ފާސްވުމާއި ހަމައިން ފެށިގެން، 1954 ވަނަ އަހަރާއި ހަމައަށް ވޭތުވެދިޔަ 22 އަހަރު ދިވެހިރާއްޖޭގައި ބޭއްވިފައިވާ އިންތިޙާބުތައް ބެލެހެއްޓުމުގެ މަސައްކަތް ހިންގަވައިފައިވަނީ އޭރެަކު އޮންނަ ރައްޔިތުންގެ މަޖިލިހުން ނަންގަވާ ޙާއްސަ ކޮމެޓީއެއްގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި 1954 އިންފެށިގެން 1998 ވަނަ އަހަރާއި ހަމައަށް 44 އަހަރުގެ އިންތިޙާބުގެ މަސައްކަތްތައް ބެލެހެއްޓެވީ އެކި ނަން ނަމުގައި ހިންގާ ސަރުކާރުގެ އޮފީސް ތަކުގައި ކަމަށެވެ.
އެއަށްފަހު 1998 ޖެނުއަރީ 15 އިން ފެށިގެން 2008 އޯގަސްޓް 7 އާއި ހަމައަށް އިންތިޙާބުގެ ކަންތައްތައް ބެލެހެއްޓީ ކޮމިޝަނާ އޮފް އިލެކްޝަންގެ އޮފީހުން ކަމަށެވެ. އަދި 2008 ވަނަ އަހަރު އައު ޤާނޫނު އަސާސީއަށް އަމަލު ކުރަން ފެއްޓުމާއިއެކު މިނިވަން މުސްތަޤިއްލު އިލެކްޝަން ކޮމިޝަނެއް ޤާއިމް ވެގެން ދިޔަކަމަށް ވަނީ ވިދާޅުވެފައެވެ.
ފުއާދު ވިދާޅުވީ، ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު އަސާސީ ހައްޤަކީ ވޯޓުލުމާއި ވޯޓުގައި ބައިވެރިވުން ކަމަށެވެ. އެހެން ކަމުން ފެހި ޤާނޫނު އަސާސީއިން ރައްޔިތުންނަށް އެ ހައްޤު ލިބިގެން ދިޔަ ކަމަށެވެ. ނަމަވެސް މިއަދުގެ ޙާލަތަށް ބަލާއިރު، އިންތިހާބުތަކާއި ގުޅިގެން އެމީހަކު އިހްތިޔާރު ކުރާ ފަރާތަކަށް ވޯޓު ލުމުގައި ގޮންޖެހުން ތަކެއް ހުރި ކަމުގައި ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ ރިޕޯޓްޓުތަކާއި މަދަނީ ޖަމިއްޔާތަކުގެ ރިޕޯޓްތަކުން ދައްކާކަމަށް ވަނީ ވިދާޅުވެއްޖެއެވެ.

