ބީއެމްއެލްގެ ނިންމުމަށްވުރެ އެ ނިންމުން ބަދަލުކުރުން ގޯސްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް ބަދަލުގެނެސްފައިވާއިރު، އެ ނިންމުން އަނބުރާ ގެންދިއުމަށްޓަކައި ބޯޑު ބައްދަލުވުމެއް ކުރިއަށް ގެންދާކަމުގެ މައުލޫމާތުތައް ވަނީ ލިބިފައެވެ. އެކި ފަރާތްތަކުން ނުރުހުން ފާޅުކުރަމުންދާ މި މައްސަލައިގައި ރައީސް ނަޝީދުވެސްވަނީ އެމަނިކުފާނުގެ ހިޔާލު ހާމަކުރައްވާފައެވެ.
ބީއެމްއެލްއިން އިން ނަގާފައިވާ ފިޔަވަޅާއިމެދު ފުރިހަމައަށް އެއްބަސްނުވެވޭކަމަށް ދޭހަވާ ގޮތަށް އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ރައީސް ނަޝީދު ވިދާޅުވީ، ރުފިޔާ ކާޑުން ބޭރު ގައުމުތަކުގައި މުއާމަލާތް ނުކުރެވޭ ގޮތަށް ކަނޑައަޅައި ނިންމާފައިވާ ނިންމުމަށްވުރެ އެ ނިންމުން ފުރޮޅާލައި އަނބުރާ ގެންދިއުމަށް ނިންމުން ގޯސްކަމަށެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގެނެވުނު ބަދަލުތަކަށް ވަގުތުން ފެށިގެން އަމަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ބޭންކުން މި ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

